މަސްވެރިން

މަސް ބާނަނީ ކައިރިން، އިއްޔެ އެކަނި 789 ޓަނު

Apr 26, 2021

މި ދުވަސްވަރު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު، އިއްޔެ އެކަނި 789 ޓަނުގެ މަސް ބާނާފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ އިއްޔެ އެކަނި 97 ދޯނިން 789 ޓަނުގެ މަސް ބާނާފައިވާ ކަމަށާ، އެހެންވެ މަސް ގަތުން އަވަސް ކުރުމުގެ ގޮތުން އެކްސްޕޯޓް ކުރާ ކެރިއަރު ތަކެއް ޗާޓަރު ކޮށްގެން ގެނެސްފައިވާ ކަމަށެވެ.

"މިހާ ދިގުލައިގެން މަސްވެރިކަން އަދި ނާދެ. އެހެންވެ ކޯލްޑް ސްޓޯރޭޖް އެއްކޮށް ވަނީ ފުރިފަ. މަސް ގަތުން ހުއްޓުނަ ނުދޭން މަސް ގަތުން ކުރިއަށް ގެންދާން ކެރިއަރު ގެނެސް އެއަށް މަސް ކިރުވަނީ،" އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު 92 ދޯންޏަކުން 582 ޓަނުގެ މަސް ބާނާފައިވެ އެވެ. އަދި އާދީއްތަ ދުވަހު 103 ދޯންޏަކުން 711 ޓަނުގެ މަސް ބާނާފައިވެ އެވެ

އިސްމާއިލް ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހު ބޭނި މަސް ކިރުވާލެވިފައިވާ ކަމަށާ، ނަމަވެސް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަކަށް މަސް ބާނާތީ ކިޔޫ ހަދަމުންދާ ކަމަށެވެ.

"އާއްމުކޮށް އެޕްރީލް މެއި މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް. އެކަމަކު މި ފަހަރު މި ދިމާވީ ރޯދަ މަހާ. މި ފަހަރުގެ ތަފާތަކީ ވަރަށް ކައިރިން މަސް ބާނަނީ. އާއްމުކޮށް ތިން މޭލު ބޭރުން މަސްވެރިކަން މިހާރު މިކުރަނީ. އެހެންވެ މަސް ބާނައިގެން ވަރަށް އަވަރަށް އެބަ ލަފާ،" އިސްމާއިލް ވިދާޅުވި އެވެ.

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމާއެކު މަސް ނުކިރުމުގެ ޝަކުވާއާ ވަނީ ކުރިމަތިލާން ޖެހެ އެވެ. މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސްކޮޅު ކިރުވާލައި އަވަހަށް މަހަށް ނުފުރުމެވެ.