އެޑެކްސެލް އޭލެވަލް އިމްތިހާނު 2800 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.
އިމްތިހާނު ކުރިއަށް ދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އިމްތިހާން ކުރިން ބާއްވަން ނިންމާފައި އޮތީ މިއަހަރުގެ މެއި ޖޫންގަ އެވެ. ނަމަވެސް ކުރިން މަޝްވަރާ ކުރުމެއް ނެތި އިމްތިހާންގެ ތާވަލަށް އެޑެކްސެލް އިން ބަދަލު ގެނައުމާ ގުޅިގެން އިމްތިހާން މިއަދަށް އަވަސް ކުރަން ޖެހުނީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
އިމްތިހާން ކުރިއަށް ގެންދަނީ ކޮވިޑް 19އާއި ގުޅިގެން އެޗްޕީއޭ އިން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެންނެވެ.
މިއަހަރުގެ އިމްތިހާންގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 2821 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތެރޭގެ ސްކޫލުތަކުން 931 ދަރިވަރުންނެވެ.
އިމްތިހާން ކުރިއަށް ގެންދަނީ މާލޭގެ ހަ ސެންޓަރަކާއި އަތޮޅު ތެރޭގެ 385 ސެންޓަރެއްގައެވެ.
އެޑެކްސެލް އޭލެވަލް އިމްތިހާނު އަވަސްކުރުމާ ގުޅިގެން ކުރިން މެއި މަހުގެ ފަސްވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައި އޮތް އެޗްއެސްސީ އިމްތިހާނު މިހާރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 13 އިން 17 އަށެވެ.
ކޮވިޑް 19އާއި ގުޅިގެން ގިނަ ދުވަސް ތަކަކު ސްކޫލުތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އެކަޑެމިކް ކަލަންޑަރަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ދިރާސާ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ތެރޭގައި ފަށާ ގޮތަށް ވަނީ ނިންމާފަ އެވެ.