(23 އޭޕްރިލް 2021 އާ ގުޅޭ)
"ސިސް.." ރިފާދު އަވަހަށް ހިނގާފައި ގޮސް ހިފައިލީ ރިީޝާގެ ކަނާ އަތުގައެވެ.
"ބަލަ ސިސް! ކިހިނެއްތަ ވީ؟" ރިފާދު ހައިރާންވެފައި ރީޝާގެ މޫނަށް ބަލައިލިއެވެ. ރިފާދުގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައީ، ރީޝާގެ ލޮލުން ކަރުނަތައް ފައިބަން ފެށުމާ އެކުގައެވެ.
"ސިސް! އާރ ޔޫ އޯކޭ؟ ރޮނީތަ؟" ރިފާދު އިންތިހާއަށް ކަންބޮޑުވެގެން، ވަރަށް އަވަސްކޮށް ރީޝާގެ ދެއަތުގައި ހިފައި، ރިފާދުގެ ގާތަށް ގެނައެވެ. ރީޝާ އިސްޖަހައިލީ ރިފާދަށް އޭނާގެ ލޮލުން ފައިބާާ ކަރުނަތައް ފޮރުވުމުގެ ބޭނުމުގައެވެ.
"ކޮއްކޮ ދެން ދޭ ނިދަން.. ސިސް ވެސް ނިދަން މިދަނީ..." ރީޝާ އެހެން ބުނެ، ރިފާދުގެ އަތް މަޑުމަޑުން ފޮހެލަމުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ހައިރާން ކަން މަތީ ރިފާދަށް ބަލަން ހުރެވުނީ އޭނާގެ ދައްތަ އަށެވެ.
"އެއީ އަނެއްކާ ކޮން ބައެއް ބާ؟ ސިސްއަށް އެމީހުން ފެނުނީމަ ކީއްބާ އެވީ؟" ރިފާދު ހިތާހިތާ އަހައިލިއެވެ.
***
ފަތިހު 5 ޖަހަން ވެފައި ވަނިކޮށް، ނާއިކު އައިސް ކޮޓަރިއަށް ވަނެއެވެ. އެއާ އެކު އެނދުގައި އިން އައިޝާއަށް ކުއްލިއަކަށް ތެދުވެވުނެވެ.
"ނާއިކު.." އައިޝާއަށް ދުވެފައި ގޮސް ނާއިކުގެ ގައިގައި އޮޅުލައި ގަނެވުނެވެ.
"އާޝާ. އަދިވެސް ނުނިދަނީތަ؟" ނާއިކުގެ އަތުން އައިޝާގެ ބުރަކަށީގައި ފިރުމަމުން އަހައިލިއެވެ.
"އާނ! ނުނިދިގެން. ނާއިކު ހާދަ ލަހުން ތި އައީ.." ނާއިކުގެ މޫނަށް ބަލައިލަމުން، އައިޝާއަށް އެހެން އަހައިލެވުނީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ. އެއްވެސް ޙާލެއްގައި ޝަކުވާ ކުރުމުގެ ނިޔަތެއްގައެއް ނޫނެވެ.
"އެއްކަލަ އާޝާ.. ހަމަ ޝަކުވާ ކުރަން ފެށީއޭ ދޯ؟" ނާއިކު ހިތްހަމަ ނުޖެހިފައި އައިޝާގެ މޫނަށް ބަލައިލިއެވެ.
"ސޮރީ.. ހަމަ ހުވާ ޝަކުވާ ކުރާކަށް ނޫން. ނާއިކު މާ ލަސް ވީމަ އަހަރެން ހާސްވީ.. އެއީ އަހަރެން ނާއިކު ދެކެ މާ ލޯބި ވާތީއޭ." އެހެން ބުނެ އަނެއްކާ ވެސް ނާއިކުގެ ގައިގައި އައިޝާ ބައްދައިލިއެވެ. އައިޝާގެ ނޭފަތުގެ ނޯށަށް އަރައިގެން ދިޔަ ސެެންޓުގެ ވަހާ އެކު އައިޝާއަށް ކުއްލިއަކަށް ނާއިކާ ދުރަށް ދެވުނެވެ.
"ނާއިކު.." އައިޝާ ދެލޯ ބޮޑުކޮށްލައިގެން ނާއިކުގެ ސީދާ ދެލޮލަށް ބަލައިލިއެވެ.
"ކިހިނެއްވީ؟ އާޝާ.." ނާއިކު ޖެހިލުންވިއެވެ. ކުއްލިއަކަށް އައިޝާ ދުރަށް ދިޔުމުންނެވެ.
"ކޮން ވަހެއް؟ ކޮން ކަހަލަ ސެންޓެއް ޖަހައިގެން.. އަންހެން ސެންޓެއް.." އައިޝާއަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް ނާއިކުގެ މޫނު މަތިން އައިޝާއަށް ފެނުނު ކުލަވަރު މުޅިން ބަދަލުވިއެވެ. އެ މޫނުމަތީގައި ކުރިން ފެނުނު ހާސްކަން މިހާރަކު ފެންނާކަށް ނެތެވެ. ކުއްލިއަށް ހުރެފައި ނާއިކު ހޭން ފެށިއެވެ. ހިނގަނޑުގެ ބާރު ގަދަވަމުން، އެންމެ ފަހުން ނިކަން ބާރަށް ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނުވާ ނޭނގިފައިވާ އައިޝާއަށް ލިބުނީ ހައިރާން ކަމެކެވެ.
"ނާއިކު.. ކިހިނެއްތަ ވީ؟ ކީއްވެ ތިހެނީ؟" އައިޝާ އެސުވާލުކޮށްލީ، ނާއިކުގެ ހުނުމުގެ ފަހަތުގައިވާ ޙަޤީޤަތް އެނގެން ބޭނުން ވާތީއެވެ.
"ހެވޭނެއްނު؟ އޮފީސް ނިންމާފަ ގެއަށް އަންނަނިކޮށް ފެނުނީ ސްޓޭޝަންގަ އިން ސެންޓު ފުޅިއެއް. އެއީ ދާއިންގެ ބިޓުގެ ސެންޓު ފުޅި. އެހެންވެ އެ ޓެސްޓު ކޮށްލަން ޖަހާލީ.." ހީނހީނ ނާއިކުގެ އަނޑުގައި ވަރުބަލި ކަމުގެ އަސަރު ހުއްޓެވެ.
"ވަޓް؟ ދާއިންގެ ބިޓޭ؟ ދާއިންގެ ބިޓެއް ވެސް ހުރޭތަ؟ ދާއިންގެ ބިޓު ވެސް ތި އޮފީހުގަ ތަ އުޅެނީ؟" އައިޝާ ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ނަމަވެސް އަދިވެސް އައިޝާގެ ހިތުގެ ތެޅުން އަވަސް މިނެއްގައި ތެޅެމުން ދިޔައެވެ.
"އާނއެކޭ! ނޭނގޭތަ؟ ދާއިން ރައްޓެހިވެގެން އުޅެނީ އޮފީސް ކުއްޖަކާ.." ނާއިކު އެހެން ބުނެ، އައިޝާގެ އަތުގައި ހިފައިލިއެވެ. ނާއިކަށް ބަލައިލުމަށްފަހު، އައިޝާ ހީނލަމުން ވަނީ ފާޚާނާއަށެވެ. ފަތިސް ނަމާދަށް ބަންގި ގޮވަން ގާތްވެފައި ވުމުން، ވުޟޫ ކުރާށެވެ.
މުޅިން އައު ދުވަހަކަށް އިރުގެ އަލިކަން މުޅި ކަޢުނަށް މަރުޙަބާ ކިޔައިފިއެވެ. ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ލަބީބާ އެކު ޖަންނަތު އިނީ ކާގޭގައެވެ.
"ހިނގާ މާލެ ގޮސްލަން." ރޮށިތަށްޓަށް ރިހި އަޅަމުން ލަބީބު ބުނެލިއެވެ.
"އަދި ނުވޭ ދޯ؟ މިރަށު ޞިއްޙީ މަރުކަޒުން ވެސް ޓެސްޓު ކޮށްލެވެއެއްނު؟ ދެން ދާނީ ނިލަންދޫއަށް. ޑޮކްޓަރަށް ދައްކާލަން. އެޔަށްފަހު ކަމެއް އުޅެންޏާ، އިތުރު ޓެސްޓު ތަކެއް ހަދާލަން މާލެ ދެވިދާނެއްނު؟" ޖަންނަތު ވަރަށް މަޑުމައިތިރި ކަމާ އެކު ވާހަކަދެއްކިއެވެ.
"އާނ! މައްސަލައެއް ނެތް." ލަބީބު އެހެން ބުނެ، ކާން ފެށިއެވެ.
***
"ސިސް. އަދިވެސްތަ؟" ހެނދުނު ސައި ބޮއިގެން ސިޓިންގރޫމަށް ނުކުތް ގޮތަށް ރިފާދު ބަލައިލީ ސޯފާއަށް ޖެހިފައި އިން އޭނާގެ ދައްތައަށެވެ. ރީޝާއަށް ސިހިފައި ބަލައިލެވުނީ ރިފާދަށެވެ.
"ރިފާދު. ކޮއްކޯ.. އާދޭ!" ރީިޝާ ވަރަށް އަވަސްކޮށް ބުނެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރިފާދު އައި ގޮތަށް އައިސް އިށީންނީ ރީޝާއާ ޖެހިގެން އިން ސޯފާގައެވެ.
"ދޮގު ނުހަދާ ބުނެބަލަ! ސިސް އަށް ކިހިނެއްތަ ވީ ރޭގަ؟ ސިސްގެ ކަންކަން އަހަރެންނަށް ޝެއާރ ކުރެވި ދާނެ ދޯ؟ އެއީ އަނެއްކާ..." ރިފާދު ބުނަން އުޅުނު ވާހަކަ ހުއްޓައިލިއެވެ. ރީޝާ ބަލައިލީ ރިފާދަށެވެ. އަދި ބުމަ އަރުވައިލީ ބުނަން އުޅުނީ ކީކޭ ތޯ އަހާ ފަދަ ގޮތަކަށެވެ.
"ސިސްގެ އެކްސް އެއްތަ އަނެެއްކާ؟" ރިފާދު އެހެން ބުނުމާ އެކު ރީޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެފަދަ ގޮތަކަށް ރިފާދު ދެކުމުންނެވެ. "ނޫން ނޫން!" ވަރަށް އަވަހަށް ރީޝާއަށް އެހެން ބުނެވުނީ އޭނާގެ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ.
"ދެން؟" ރިފާދު ކުރުނުކޮށް ބޭނުންވީ، ވީގޮތުގެ ތަފުސީލެވެ. ނަމަވެސް ރީޝާ ހުރީ އެ ވާހަކަތައް ރިފާދަށް ކިޔައި ދޭން ބޭނުން ވެފައެެއް ނޫނެވެ.
"ކޮއްކޯ! ތީ ސިސްގެ ލޯބިވާ ކޮއްކޮ. އެކަމު، އެކަމަކީ އަދި ކޮއްކޮއަށް އެނގެން ޖެހޭ ކަމެއް ނޫނޭ.. ހަމަ ހުވާ. ސިސް ކިޔާ ދޭނަން އެވާހަކަތައް އަދި.. ގިވް މީ ސަމް ޓައިމް އިނގޭ!" ރީޝާ ވަރަށް ލޯބިން ބުނެލިއެވެ. ރިފާދު ހިނިތުންވެލަމުން ރީޝާއަށް ބަލައިލުމަށްފަހު، ރީޝާގެ ގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ވަރަށް ބޮޑަށް ނަލަވެލައިގެން ވާހިދާ ތައްޔާރު ވަމުން ދިޔައީ މަލާކަށް މަރުޙަބާ ކިޔުމަށް އެއާރޕޯޓަށް ދިޔުމަށެވެ. އެތައް ދުވަހަކަށް ފަހު، ވާހިދާގެ ދޮށީ އަންހެން ދަރިފުޅާ ބައްދަލު ވެވޭތީ ވާހިދާ ހުރީ ނިކަން އުފާވެފައެވެ. މަލާކު މާލެ އަންނަ ޚަބަރު ނާއިކަށް ލިބިފައިވީ ކަމަކު، އެއާރޕޯޓަށް ދިޔުމަށް ނާއިކު އެއްބަހެއް ނުވިއެވެ. މަލާކު އެދުމުން ވެސް އެކަން ވެވެން ނެތް ކަމަށް ބުނެ، ނާއިކު އެކަމަށް އިންކާރު ކުރީ އެއީ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށް ބުނެއެވެ.
***
"އައްސަލާމް ޢަލައިކުމް!" ބޭރުން ސަލާން ގޮވި އަޑަށް ޖަންނަތު ކޮޓަރިން ނުކުތެވެ.
"ވަޢަލައިކުމް ސަލާމް." ސަލާމަށް ޖަވާބު ދެމުން ޖަންނަތު ގޮސް ހުއްްޓުނީ ގޭގެ މައިދޮރު ކުރިމަތީގައެވެ.
"ޒަހީން.. ކަލޭތަ؟ ކީއްކުރަން މިގެއަށް ތިއައީ؟" ދެފަރާތް ބަލައިލަމުން، ޖަންނަތު ހާސްވެގެން ހުރެ ވާހަކަދައްކަން ފެށިއެވެ.
"އަހަރެން ކީއްވެ ނާންނަންވީ؟" އެހެން ބުނެ، ޒަހީން ގޭތެރެއަށް ވަދެގަތެވެ. ޖަންނަތު ބިރުން ހުރެ، ޒަހީންގެ ފަހަތުން ހިނގަން ފެށިއެވެ. ޒަހީން ގޮސް ވަނީ ޖަންނަތުގެ ކޮޓަރިއަށެވެ.
"މީ ދޯ ޖަންނަތުގެ ކޮޓަރި.." ޖަންނަތުގެ ކޮޓަރިއަށް ވަނުމަށްފަހު، ލާނެއް ގޮތަކަށް ޒަހީން އަހައިލިއެވެ.
"ހެޔޮނުވާނެ ޒަހީން. ތިއުޅެނީ ކޮން ވައްތަރަކަށްތަ؟ މިގެއަށް އައިސް އުޅެނިކޮށް މީހަކަށް ފެނެއްޖިއްޔާ އޯ! ތީ އެހެން ނޫނަސް މިގެއަށް އައިސް އުޅޭ މީހެއް ވެސް ނޫނެއްނު؟" ޖަންނަތު ވާހަކަދައްކަމުން ދިޔައީ ނިކަން ހާސްވެފައި ހުރެގެންނެވެ.
"ހެހެ! ބަލަ ތިބުނީ އަހަރެެން މީ މޮޔައެކޭތަ؟ އަހަރެން ވެސް ތިވަރު ބަލާފަ ދޯ މިގެއަށް އައިސް ވަންނާނީ؟ އަހަރެން މިގެއަށް ވަނީ މިގޭގަ މީހެއް ނެތް ކަން ކަށަވަރު ކޮށްފައޭ. ދެން ހާސް ނުވެ ބަލަ!" ޒަހީންގެ ކަނާއަތު އިނގިލިތަކުން ޖަންނަތުގެ މޫނުގައި ފިރުމަން ފެށިއެވެ.
"އަހަރެން ގައިގަ އަތް ނުލާތި! ކަލޭއާ ހެދި އަހަރެންގެ ދިރިއުޅުން ހަލާކު ވެއްޖެ." ދަތްޕިލަ ޖައްސައި ވާން ކޮށްލަމުން، ޖަންނަތު އެހެން ބުނުމާ އެކު، ޒަހީން ފެށީ ހޭންށެވެ.
"ގޮތްކުޑަ ކަން.." ޒަހީންނަށް ބަލައިލަމުން ޖަންނަތު ރުޅި އައިސްގެން ބުނެލިއެވެ.
"ހެހެ. މި ގޮތް ކުޑަ މީހާގެ ދަރިއަކަށް ތީނީ ބަލިވެ.. ދެން ކޮން ވާހަކައެއް.. ހެހެ!" ޒަހީންގެ ވާހަކަތަކުން ޖަންނަތުގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.
"ކަލޭ ނުކުމޭ... މިހާރު ނުކުންނާށޭ!" ޖަންނަތުގެ އަޑަށް ބާރެއް ދެމުން އޭނާ ބުނެލިއެވެ.
"ނުނިކުންނާނަން.. ކީއްވެތަ މިހާރު ތި އަހަންނާ ދުރަށް ދާ ތި އުޅެނީ؟ ބަލަ އަހަރެން ވެސް މިއައީ ޖަންނަތު އަހަރެން ގާތަށް ކުރިން އަންނަ ކަންތަކުގައޭ." ޒަހީން އެހެން ބުނެލުމާ އެކު، އިވެން ފެށީ ބޭރުން މީހެއްގެ ފިޔަވަޅު ތަކެއްގެ އަޑެވެ. ޖަންނަތު އާއި ޒަހީންނަށް ބިރުން އެއްކޮށް ތެޅެގަނެވުނެވެ.
"ޖަނާ.." ދޮރުގައި ޓަކި ދިނުމާ އެކު ލަބީބު ބޭރުން ގޮވައިލީ ޖަންނަތަށެވެ. ހަދާނެ ގޮތް ނޭނގޭ ފަދަ ގޮތަކަށް ޖަންނަތަށް ބަލަން ޒަހީން ހުއްޓެވެ.
***
"އަވަހަށް ވަދޭ! ވަދޭ!" ބޭރުގައި ހުރި ދާއިންއަށް ބަލައިލަމުން އައިޝާ އެދުނީ ގޭތެރެއަށް ވަނުމަށެވެ.
"ނާއިކު ހަމަ ދެންމެ ބޭރަށް ނުކުތީ.. އެކަމު ކޮފީއެއް ބޮއިގެން ދާން ވާނީ އިނގޭ!" ދާއިން ސޯފާގައި އިށީންނުމުން، އައިޝާ ބުނެލިއެވެ.
"އޯކޭ. އައިޝާ ފަހަރީ ހާދަ ރަނގަޅޭ! ގެނެސް ބަލަ މީރު ކޮފީއެއް." ދާއިން ސޯފާގައި ހަމަޖެހިލިއެވެ.
އައިޝާ ކޮފީ ތަށި ހިފައިގެން އައިސް ދާއިންގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ކޮފީ ތަށި ބޭންދިއެވެ. ދާއިން މާ ލަސް ތަކެއް ނުކޮށް ކޮފީ ތަށްޓަށް އިންސާފު ކުރަން ފެށިއެވެ.
"ވަރަށް މީރު.. އައިޝާ ފަހަރީގެ ކޮފީއަށް ހާދަ އިންތިޒާރު ކުރެވެއޭ.." ދާއިން ހިނިތުންވެލަމުން ބުނެލިއެވެ.
"ދެން އިތުރަށް ކޮން އިންތިޒާރެއް ކުރާކަށް! ތި އުޅެނީ ގެންނަން އުޅޭ ފަހަރީ ވެސް ނުދައްކާ ވިއްޔާ. އެވެސް އޮފީހުން ބިޓެއް ނަގައިގެން.. ހެހެ" އައިޝާ އެހެން ބުނުމާ އެކު، ހައިރާން ވެފައި ދާއިންއަށް ބަލައިލެވުނީ އައިޝާގެ ސީދާ ދެލޮލަށެވެ.
"ތިބުނީ؟ ކާކު ބިޓެއް ނެގީ؟" ދާއިންގެ މޫނުމަތިން ފެނުނު ހައިރާން ކަމުން، އައިޝާ އަށް ހުއްޓުން އެރިއެވެ. (ނުނިމޭ)