ބޭރު ކުޅިވަރު

ޔޫރޯ އަށް ގެންދާނީ ފިޓް ކުޅުންތެރިން: އިނގިރޭސި ކޯޗު

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ގެންދާނީ މުޅިން ފިޓް ކުޅުންތެރިން ކަމަށް ކޯޗު ރޯއި ހޮޖްސަން ބުނެފި އެވެ.

މީގެ ކުރިން އިނގިރޭސި ގައުމީ ކޯޗުން އަމަލުކޮށްފައިވާ އުސޫލާ މުޅިން ތަފާތުކޮށް، ހޮޖްސަން މިފަދައިން ބުނުމުން މުބާރާތަށްދާ އިނގިރޭސި ޓީމުން ބައެއް ސީނިއާ ކުޅުންތެރިންނަށް ޖާގަ ލިބުމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އޭގެ ތެރޭގައި ލިވަޕޫލްގެ ފޯވަޑް ޑެނިއަލް ސްޓަރިޖާއި ޑެނީ އިންގްސް އަދި އާސެނަލްގެ ފޯވަޑް ޑެނީ ވެލްބެކް ހިމެނެ އެވެ. މީގެ ތެރެއިން ވެލްބެކް މިދިޔަ މާޗުމަހުގެ ފަހުން އަދި މެޗެއް ނުކުޅެ އެވެ. ސްޓަރިޖް ދޭތެރެދޭތެރެއިން ކުލަބުގައި ދެތިން މެޗެއް ކުޅުނު ނަމަވެސް ގިނައިން އުޅެނީ އަނިޔާގަ އެވެ. ޔޫރޯ ކޮލިފައިންގައި އިނގިރޭސި ގައުމީ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން އޭނާ ކުޅެފައިވަނީ ތިން މެޗުގަ އެވެ.

"އެއްވެސް ކުޅުންތެރިއަކު އަހަރެން މުބާރާތަށް ނުގެންދާނަން ފިޓްނޫނިއްޔާ. މުބާރާތުގެ ތެރޭގައި މެޗު ކުޅެވޭވަރަށް ފިޓްވެދާނެ ކަމަށް ބަލާފައި އެކަކަށް ވެސް ޖާގަނުދޭނަން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ފިޓްނޫން ކުޅުންތެރިއަކަށް ޖާގަ ލިބޭނީ އަޖާއިބުކުރުވާފަދަ ކަންތައްތައް ހިނގައިގެން ކަމަށާއި އެއީ ވުމަށްވުމުން ނުވުން ކައިރި ކަމެއް ކަމަށެވެ.