ޓްރާންސްޕޯޓް އޮތޯރިޓީ

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް

Apr 26, 2021
1

ވަޒީފާ އަށް ފަރުވާ ކުޑަކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކު ވަކިކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރި މައްސަލަ ބަލައިދިނުމަށް އެ މުވައްޒަފުން ވަނީ ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފުރަތަމަ މިނިސްޓްރީއަށް އެންގީ އެ މުވައްޒަފުންނަށް އިސްލާހު ވާން ފުރުސަތު ދިނުމަށެވެ. ނަމަވެސް އެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ކޮމިޝަނަށް ފޮނުވުމާ އެކު ކޮމިޝަނުން ފަހުން ނިންމީ އެ މީހުން ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށެވެ. އެކަމަކު ވަޒީފާ އިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އެމީހުންނަށް ކޮމިޝަންގެ ނިންމުން މުރާޖައާކޮށް ދިނުމަށެވެ. އެގޮތަށް އަމަލުކުރެވެން ނެތް ނަމަ އެމީހުންނަކީ އަމިއްލަ އަށް ވަޒީފާ އިން ވަކިވި ބައެއް ކަމަށް ކަނޑައަޅައިދީ އެއް މަހުގެ ނޯޓިހެއް ދިނުމަށްވެސް އެ މުވައްޒަފުން އެދުނެވެ.

ކޮމިޝަނުން އެގޮތަށް ހަމަޖައްސައިދީފައި ވަނިކޮށް އެ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކުރަން ނިންމީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އަލުން ވަޒީފާ ހޯދުމުގެ އަމުރަކަށް އެދި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ. އެގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ދެ މައްސަލަ ނިންމާފައިވާއިރު ބާކީ ނުވަ މައްސަލަ ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޓްރައިބިއުނަލުން މައުލޫމާތުދެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ދެ މުވައްޒަފުން ވެސް ހަމަޖެހިފައިވާ އުސޫލަށް ވުރެ ގިނަ އިން ގަޑިޖެހިފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށްފަހު އެކަން ކުރީ މަޖުބޫރު ވެގެން ކަމަށް ބުނި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށްވެސް ނިންމުމުގައިވެ އެވެ. އެހެންކަމުން އެ ދެ މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ އަލުން ވަޒީފާ ދޭން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.