މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ދެއްކީ މައިގަނޑު ދެ ވާހަކައެކެވެ. އެއީ ކުރީ ސަރުކާރުގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކައާއި ގޮތް ނޭނގޭ މަރުތަކުގެ ވާހަކަ އެވެ. އެކަމާ ގުޅޭ މައްސަލަތަކުގައި ބައިވެރިވި މީހުން ހޯދައި، އަދަބު ދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނެވެ. އެމްޑީޕީން ދެއްކި ރަނގަޅު އެ ވާހަކަތަކަށް ބަލައި ސަރުކާރާއި މަޖިލީހުގެ ސާފު ސާފު އަޣުޔލަބިއްޔަތާއި ޖުޑިޝަރީގެ ކޮނޓްރޯލް ދިނީ އެމްޑީޕީ އަށެވެ. ވެރިކަމުން އިދިކޮޅަށް ބަދަލުވި ޕާޓީއަށް ދީނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ރޯލެކެވެ.
ރައްޔިތުން ބޭނުންވަނީ ވައްކަމާއި ހިޔާނާތާއި ފަސާދަ ހުއްޓުވާށެވެ. ހަމަ އާއި އިންސާފު ގާއިމު ކުރާށެވެ. ފުދޭ، ހަމަޖެހޭ ރީތި ދިރިއުޅުމެއް ހޯދާށެވެ. ހަދާފައި ހުރި އަދި ހަމުންދާ ހުރިހާ ގޯސްތައް އިސްލާހު ކުރާށެވެ. ސިޔާސީ ފިކުރާއި އަދާކުރާ ވަޒީފާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާށެވެ. އެހެން ނަމަވެސް ދައުރެއް މެދުޖެހުނު އިރު އެއިން އެއްވެސް ކަމެއްގައި ބޭނުންވި ނަތީޖާއެއް ނުފެނެ އެވެ. ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ރައްޔިތުން މިހާރު ގަބޫލެއް ވެސް ނުކުރެ އެވެ.
ރައްޔިތުންގެ ވިސްނުމާއި ވިންދު އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ވެސް އެނގެ އެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ މަޖިލީހުގެ ތަޅުމުގައި މިފަހުން ފެންނަ މަންޒަރުތަކުންނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެއްވެސް މައްސަލައެއް އެޖެންޑާ ކޮށްފައެއް ނުވެ އެވެ. އެކަމަކު ފެނިގެން ދިޔައީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަ "ބޮމެއް" ހެން ގޮއްވާލި ތަނެވެ. އެމްޑީޕީގެ އެއް މެންބަރަކު އަނެއް މެންބަރަކަށް "ވަގަށް" ގޮވާ އަބުރު ކަތިލި ތަނެވެ. މަޖިލީހުގެ ޖަލްސާގެ ފަހުން ނޫސްތަކުގައި ވެސް ޓީވީ ޕްރޮގްރާމްތަކުގައި ވެސް އޮތީ އެއް މެންބަރަކު އަނެއް މެންބަރެއްގެ އިސްތަށިފުޅުގައި އިލްޒާމު އަޅުވާފައި ޒިންމާއިން ރެކެން ކުރެއްވި މަސައްކަތެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއަށް އެމްއެމްޕީއާރްސީގެ މައްސަލަ ވެއްދީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. އޭނާ އެ ވާހަކަ ފެއްޓެވީ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް ބަހުސެއްގެ ތެރެއިންނެވެ. އެ ވާހަކަ ދެއްކެވީ އެމްއެމްޕީއާރްސީގެ "ވަގެއް" ގެ ތުހުމަތުގައި އަބަދާ އަބަދު ހުންނަވަން ޖެހޭތީ ހަގީގަތް ހާމަކޮށްދޭން ވެގެން ކަމަށް ވިދާޅުވަމުންނެވެ. ފުރަތަމަ ވެސް ވިދާޅުވީ "ބިއްލޫރި ގޭގޭގައި ތިބޭ މީހުން ހެދުން ބާލަން ވާނީ ބޮކި ނިއްވާފަ" އެވެ. ބެލެވޭ ގޮތުގައި އޭނާ ދިފާއު ނެންގެވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅުވާލައިގެނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއާ ޝަރީފާ ގުޅުވަން ފަށާ ހިސާބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރިކޮށްލަށް 18 ވަނަ މަޖިލީހުގައި ޝަރީފް ހުށަހެޅުއްވި ބިލާ ހަމައެވެ. ތުހުމަތުކުރާ މީހުން ދެކޭ ގޮތުގައި އެ މަޖިލީހުގައި އިދިކޮޅު މެންބަރެއްގެ ގޮތުގައި ޝަރީފް ހުންނަވައި އެ ބިލް ހުށަހެޅުއްވީ ހިޔާނާތުގެ ފައިސާ ހޯއްދަވައިގެނެވެ.
ޝަރީފަށް އެ ފައިސާ ދެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ކަމަށް ވެއެވެ. އެކަން ޔަގީންކޮށް ދިނުމަށް އަދީބްގެ ބަޔާނެއް ކަމަށް ބުނާ ބަޔާނެއް ވެސް ބަޔަކު މީޑިއާއަށް ދޫކޮށްލާފައި ވެއެވެ. އެ ބަޔާނުގައިވާ ގޮތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމަށް ޝަރީފް އެއްބަސްވީ 20 މިލިއަން ރުފިޔާ އަށެވެ. އެކަމަކު އޭރުވެސް އަދި މިހާރު ވެސް ޝަރީފް އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.
ޝަރީފް ވިދާޅުވާ ގޮތުގައި އޭނާ އެއްވެސް އިރަކު އަދީބާއެކު "ޑީލެއް" ނުހައްދަވަ އެވެ. އެކަހަލަ ކަމެއް ކުރެއްވިނަމަ ކުރެއްވީ ރައީސް ނަޝީދާއެކު އެވެ.
"އަޅުގަނޑު އަދީބަކާއެކު ޑީލެއް ނުހަދަން. ވަރަށް ކެރިގެން މިދަންނަވަނީ. މި މަޖިލިސްގައި ދިން ވޯޓެއް ދިނީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން. ޑީލް ހެއްދެވީ މަނިކުފާނު،" މޭޒުގައި ވަރަށް ބާރަށް ޖައްސަވައި ރިޔާސަތަށް އިނގިލި ދިއްކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޝަރީފް ތުހުމަތުކުރާ ފަދަ ޑީލެއް ނޯންނާނެ އެވެ. އަދި މިސާލު ޖައްސަވައި ވިދާޅުވި ގޮތުގައި ޝަރީފަށް ވެގެން އުޅެނީ "މިސްކިތު ހުޅުޖެހިމީހާ" އަށް ވީގޮތެވެ.
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަމިއްލަފުޅަށް ހިންގެވި ކަމެއްގައި އެހެން ބޭފުޅުން އޭގެ ތެރޭގައި ހިމަނަން މަސައްކަތް ކުރެއްވުމަކީ ބުއްދިވެރި ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި "މިސްކިތު ހުޅުޖެހި މީހާ" އަށް އޭނާ ވަނީ އެއް ނޫނެވެ. އޭނާގެ ކަންބޮޑުވުމަކީ ހައްގަކާ ނުލައި އޭނާއަށް "ވަގަށް" ގޮވާތީ އެވެ. އެކަން ކުރައްވަނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނެވެ.
"[ދޮންބިލަތް] ކުރީ ދުވަހު ވެސް [ވަގަށް] ގޮވި. އަދި މަޖިލިސް ފްލޯގައި ވެސް [ވަގަށް] ގޮވި. ދޮންބިލަތަކީ ކާކުތޯ؟ ދޮންބިލަތަކީ މަނިކުފާނުގެ ވެރިކަމުގައި ގަވައިދާ ހިލާފަށް ދެ ރަށް ގާނޫނާ ހިލާފަށް ދެ ރަށް ދެއްވައި އެ ދެ ރަށް ނަގައިގެން [ހުންނެވި ބޭފުޅެއް]" ޝަރީފް ވިދާޅުވި އެވެ.
މެންބަރު ދޮންބިލަތް އަހުމަދު ހަލީމް ވިދާޅުވި ގޮތުގައި ޝަރީފަކީ އަބަދުވެސް ވައްކަމުގައި އުޅުއްވާ ބޭފުޅެކެވެ. އޭގެ ހެކި އެބަހުއްޓެވެ. އަދި ދޮންބިލަތް އަހުމަދު ވިދާޅުވި ގޮތުގައި ސަރުކާރުން އޭނާ އަށް ދިން ރަށެއް ވެސް ނޯންނާނެ އެވެ.
"އަޅުގަނޑު އަތުގައި އެބަ އޮތް ބަޔާނެއް ފުލުސް އޮފީހުން ނަގާފައި އޮތް. މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު 15 މިލިއަން 20 މިލިއަން ބިލެއް މިތަނަށް [މަޖިލީހަށް] ހުށަހަޅަން ނަގާފައިވާ ކަމުގެ،" ދޮންބިލަތް އަހުމަދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތް ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި މިހާރުގެ ބައެއް ވަޒީރުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.
އެކަމަކު އާ ސަރުކާރަށް ތިން އަހަރު، އާ މަޖިލީހަށް ދެ އަހަރު ވާން ދާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން އެއްވެސް ބޭފުޅަކަށް ދައުވާއެއް ނެތެވެ. އެ ވާހަކަ މި ގޮތަށް ދައްކަވާ ބޭފުޅަކީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އޭނާ އަބަދުވެސް އެ ވާހަކަ ދައްކަވަ އެވެ.
އިއްޔެ އީވާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް އޮވެ، އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން އެ އަޣުލަބިއްޔަތުގެ ބޭނުމެއް ނުކުރެވެ އެވެ. މަޖިލީހުގެ ކޮމިޓީތަކުގައި އެމްއެމްޕީއާރްސީގެ މައްސަލަ ވަނީ ހުއްޓިފަ އެވެ. އެކަމަކު އެ މައްސަލަތައް އޮތް ހިސާބެއް ބަލަންޖެހެ އެވެ.
އީވާ އިޝާރާތް ކުރައްވާ ކޮމިޓީ އަކީ މަޖިލީހުގެ 241 ކޮމިޓީ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑު މައްސަލަ ބަލަނީ އެ ކޮމިޓީންނެވެ. އަދި މާލިއްޔަތު ކޮމިޓީން ވެސް އެމްއެމްޕީއާރްސީއާ ގުޅޭ އޮޑިޓް ރިޕޯޓްތަކެއް ބަލަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ސުވާލެއް އުފައްދަވަ އެވެ. އެއީ 241 ކޮމިޓީން މައުލޫމާތު ހޯދަން ކޮމިޓީގެ މެމްބަރުން އެދިވަޑައިގަތުމުން އެކަން ނުކޮށްދެއްވުމަށް ކޮމިޓީގެ މުގައްރިރު މެންބަރު މުހައްމަދު އަސްލަމް އުޅުއްވާ ސަބަބާ މެދު އެވެ. އެ ސުވާލު އުފައްދަވަނީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން އެދިވަޑައިގެން މިދިޔަ މާޗް މަހުގެ 21 ގައި އޭނާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއަކާ ގުޅުވައި ލައްވަމުންނެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަކީ ކުޅޭކުޅޭ ކޮމިޓީއަކަށް ހެދުމުގެ ފުރުސަތު އެއްވެސް މެމްބަރަކަށް އޭނާއެއް ނުދެއްވާނެ އެވެ.
"241 ކޮމިޓީ ހިންގާނީ ގާނޫނީ އިމުގެ ތެރެއިން ދީފައި އޮތް މެންޑޭޓުގައި. އަޅުގަނޑު މިތަނުގައި އިނދެ އެއިން ބޭރަށް ދާކަށް ފުރުސަތެއް ނުދޭނަން. ކޮމިޓީގައި ހުރި މައްސަލަތައް މިހާތަނަށް ވެސް ވާނީ ބަލާފައި. މިހާރު ވެސް އެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލެވޭ އަސްލަމް އަވަސް އަށް ވިދާޅުވި އެވެ.
އަސްލަމް ތުހުމަތުކުރައްވާ ގޮތުގައި އެމްއެމްޕީއާރްސީގެ މައްސަލަ ނުނިމި ލަސްވަނީ ހަސަން ލަތީފް ވެސް ހިމެނޭ ކޮމިޓީއަކުން މައްސަލަ ނުނިންމައިގެނެވެ. މާޗް މަހު ހަސަން ފޮނުއްވި ސިޓީގެ ޖަވާބު މަޖިލީހުގެ ރައީސަށް ލިޔުމުން ފޮނުއްވާފައިވާނެ އެވެ.
އޭނާ ވިދާޅުވާ ގޮތުގައި 241 ކޮމިޓީގައި އޮތް އެމްއެމްޕީއާރްސީގެ މައްސަލަ މިހާރު ބަލަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއެކު ދެ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެކުލަވާލާފައިވާ ސަބް ކޮމިޓީ އަކުންނެވެ. އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ މުގައްރިރަކަށް އިންނަވާ އެ ކޮމިޓީގައި ހަސަން ވެސް އިންނަވަ އެވެ. އަދި އަސްލަމް ވިދާޅުވި ގޮތުގައި އެ ކޮމިޓީގައި ވަކި ގޮތެއް ނުނިމި މައްސަލަ އޮންނަތާ އަހަރެއް ވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ވާހަކާގައި އެމްޑީޕީގެ މެންބަރުން ދެބަސްވެ އަރާރުންވާން ފެށުމުން އިދިކޮޅު މެންބަރުން ވަނީ އަލިފާނަށް ޕެޓްރޯލް ޖަހާފަ އެވެ. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ވާހަކަ އެމްޑީޕީގެ މެންބަރުން ދައްކަވަނީ ހުސް ވާހަކަތަކެއްގެ ގޮތުގަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި މައްސަލައިގެ ހަގީގަތް ބަލަން އެމްޑީޕީގެ ސަރުކާރާއި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަށް ކުރެވުނު ކަމެއް ނެތެވެ. ނުވެސް ކުރެވޭނެ އެވެ. ކުރާކަށް ނުވެސް ކެރޭނެ އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ވާހަކަ ދައްކާ ދައްކާ މިހާރު ފޫހިވެއްޖެ އެވެ. އެންމެ ކަންބޮޑުވާ ކަމަކީ އެއްވެސް ނަތީޖާއެއް ނުލިބި އަބަދު އަބަދު އެ ވާހަކަ ދައްކަން ޖެހޭތީ އެވެ. ރައްޔިތުން އަމިއްލައަށް ކޯޓެއް ހަދައިގެން ނަމަވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބަލައި ނިންމަން ވެއްޖެ އެވެ. މައްސަލާގައި ނަތީޖާއެއް ނުނެރެވޭތީ ހުރިހާ މެމްބަރުން ވެސް ތިއްބެވީ ކަރަޕްޝަން ފައިސާގައި ޖެހިފައިތޯ ވެސް އޭނާ އައްސަވަ އެވެ.
"ސަރުކާރަކަށް މިކަމެއް ނުވި. މި މަޖިލީހަކަށް މިކަމެއް ނުވި. ދެން އަޖައިބެއް ކަހަލަ ކަމެއްނޫންތޯ މިކަމެއް ވާނެ ހަމަ އެއްވެސް ގޮތެއް ނެތް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން އެމްޑީޕީގެ މެންބަރުންގެ ކޯޅުން ބޮޑުވެ، ތުހުމަތުތައް އިތުރުވާން ފެށުމުން ރައީސް ނަޝީދު ވަނީ އެފަދަ ކަންކަމުގައި އެ މަނިކުފާނު އަބަދުވެސް ހައްދަވާ ގޮތަށް ގިންޏަށް ފެންޖައްސަވާފަ އެވެ. ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލައި އަދަބު ދޭނެ އެވެ. އެމަނިކުފާނުގެ ރިޔާސަތުގައި އެ މައްސަލަ ހިންދާލަން ފުރުސަތު ނުދެއްވާނެ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. މުޅި މި މައްސަލަ ނިމޭއިރު މެމްބަރުން ތަކެއްގެ ގޮނޑި ގެއްލިގެން ހިނގައިދާނެ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް މަޖިލީހުން ބަލަމުންދާއިރު އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރައީސް އުފައްދަވާފައިވާ ކޮމިޝަނަކުން ވެސް އެ މައްސަލަ ބަލާތާ ދެ އަހަރެވެ. މައްސަލާގައި ތުހުމަތު ކުރާ މީހުންގެ އަދަދު އިތުރުވުން ފިޔަވާ ލިބުނު ނަތީޖާއެއް ނެތެވެ. މަޖިލީހުގެ މެންބަރުން ކޯޅުމާއި، މަޖިލީހާއި ސަރުކާރު ކޯޅުން ފިޔަވާ ކުރެވިފައި އޮތް މަސައްކަތެއް ވެސް ފެންނާކަށް ނެތެވެ. އެމްްއެމްޕީއާރްސީގެ ހިޔާނާތުގެ ފިލްމުގައި މުޅިން އަންނަނީ ޓްރައިލާ އެވެ، ފިލްމެއް ނާޅުވަ އެވެ. ހުރިހާ އެންމެންގެ ހިޔާނާތާއި ވައްކަން ބޮޑު ކަމުން އެ ފިލްމް ވަނީ ސެންސަރުކޮށްފަ އެވެ. އެއަކު ދައްކާނެ އެއްޗެއް ނެތެވެ.