ރާއްޖެ ކުޅިވަރު

އިހަވަންދު އާއި ދިއްދޫ އަދި ޕޮލިހަށް ރަނގަޅު ފެށުމެއް

ގައުމީ އަންހެން ވޮލީބޯޅަ މުބަރާތުގެ ފުރަތަމަ ތިން މެޗު ހއ. އިހަވަންދު އާއި ދިއްދޫ އަދި ޕޮލިސް ކުލަބު ކާމިޔާބުކޮށްފި އެވެ.

މުބާރާތް ހުޅުވި މެޗު އިހަވަންދޫ ކާމިޔާބު ކުރީ ސްޕޯޓްސް ކުލަބު ގުޑީސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އެ ޓީމުން ގެންދިޔައީ 25-21، 25-16 އަދި 25-13އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ބުއާލީ އެވެ.

އިއްޔެގެ ދެ ވަނަ މެޗު ދިއްދޫ ޓީނޭޖް ބޯއީސް ކާމިޔާބު ކުރީ ލ. ފޮނަދޫ ޒުވާނުންގެ ރޫހާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެއީ 25-11، 25-17 އަދި 25-19އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިއްދޫގެ އައިޝަދު މާޖިދާ އެވެ.

މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމު ޕޮލިސް ފުރަތަމަ މެޗު ކާމިޔާބު ކުރީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު މަތިމަރަދޫ އަށް ގެއްލުނީ ދެއަކުރުގެ އަދަދަކަށް ޕޮއިންޓް ވެސް ނުލިބި އެވެ. ފުރަތަމަ ސެޓުގައި އެ ޓީމަށް ލިބުނީ އެންމެ ހަ ޕޮއިންޓެވެ. ދެ ވަނަ ސެޓުގައި އަށް ޕޮއިންޓް ލިބުނުއިރު ފަހު ސެޓުގައި ލިބުނީ 11 ޕޮއިންޓެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ހައްވާ ރާޝިދާ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ނައިފަރު ޖުވެނައިލް އާއި ގުޑީސް އެވެ. މިރޭ ކުޅޭނީ ކުލަބު ޕޯލް ސްޓާ އާއި މަތިމަރަދޫ އެވެ
.
އިއްޔެއިން ފެށިގެން މި މަހުގެ 18 އަށް ކުރިއަށްދާ މުބާރާތުގެ ސެމީ އަށްދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.