ވިޔަފާރި

ކުދި ވިޔަފާރިތަކަށް 361.3 މިލިއަން ރުފިޔާ ދޫކޮށްފި

Apr 27, 2021

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހިންގަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 361.3 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުން، މިހާތަނަށް ކުދި އަދި މެދުފަންތީގެ 2,114 ވިޔަފާރިއަކަށް ދޫކުރި ފައިސާގެ އަދަދު 361.3 މިލިއަން ރުފިޔާއަށް އަރަ އެވެ. ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރަމުން ގޮސްފައި ވަނީ ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ތިން އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށް އެސްއެމްއީ، ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މެދުވެރިކޮށެވެ.

ބޮޑެތި ވިޔަފާރިތަކަށް 585 މިލިއަން

ކުދި ވިޔަފާރީގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިހާތަނަށް 585.9 މިލިއަން ރުފިޔާ އާއި އަށް މިލިއަން ޑޮލަރު ވަނީ ދޫކޮށްފަ އެވެ.

އިިކޮނޮމީ ރިކަވަރީގެ ގޮތުގައި ކޮވިޑް-19 އިގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކުރި މީހުންނަށް ހާއްސަ އެލަވަންސެއް ވެސް ދޫކުރެ އެވެ. މިހާތަނަށް އެ އެލަވަންސް 22,786 ފަހަރު ދީފައި ވެއެވެ. މި އެލަވަންސަށް ދޫކުރި ފައިސާގެ އަދަދު 418 މިލިއަން ރުފިޔާއަށް އަރަ އެވެ.