ދުނިޔެ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަންނަ މަހު ޔުކްރޭންއަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަންނަ މަހު ޔުކްރޭނަށް ވަޑައިގަންނަވާނެ އެވެ. ޔުކްރޭން ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ބުނީ މިދަތުރުފުޅު މިހާރު އެޖެންޑާކޮށް ނިމިފައިވާ ކަމަށެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް ޔުކްރޭންއަށް ވަޑައިގަންނަވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައްދަލު ކުރެއްވުމަށް ދެ ގައުމުން އަންނަނީ ތައްޔާރު ވަމުންނެވެ. ބެލެވޭ ގޮތުގައި ބްލިންކެން ކިއެވްއަށް ކުރައްވާ މި ދަތުރުގެ ބޭނުމަކަށް ވާނީ ޔުކްރޭންއާ ރަޝިއާއާ މިދާކަށް ދުވަހު ހިނގާދިޔަ ހިލާފުތަކާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރެއްވުމެވެ.

ޖޯ ބައިޑަންއާ ޕޫޓިން ބައްދަލު ކުރެއްވުމުގެ ކުރިން ޔުކްރޭންގެ ރައީސް ލޮލޮޑީމިއާ ޒެލެންސްކީއާ ބައިޑަން ބައްދަލު ކުރެއްވުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. މިއީ ޔުކްރޭންގެ ސިޔާސަތު ބައިޑަންއަށް ސާފު ކޮށްދެއްވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ބުނެވެ އެވެ.

ބައިޑަންއާ ޕޫޓިން ބައްދަލު ކުރައްވާނެ ކަމަށް ބެލެވެނީ ނޭޓޯ ސަމިޓަށް ފަހު އެވެ.

ވައިޓް ހައުސްއިން ނޫސްތަކަށް މައުލޫމާތު ދެމުން ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ އިނގިރޭސިވިލާތުގައި ޖޫން 11 އިން 13 އަށް އޮންނަ ޖީ7 ސަމިޓްގައި ބައިޑަން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެއަށް ފަހު ޔޫރަޕަށް ވަޑައިގެން ނޭޓޯ ވެރިންނާ ޖޫން 14 ގައި ބައްދަލު ކުރައްވާނެ ކަމަށެވެ.

އެމެރިކާއިން ޔުކްރޭންއާ މެދު ދެގޮތަކަށް ދެކެ އެވެ. ރަޝިއާއަށް ފާރަލުމަށް ޔުކްރޭންއަށް އެހީތެރިވެ ބާރުވެރިކުރުމަކީ އެމެރިކާއިން ގެންގުޅޭ ވިސްނުމެކެވެ. ޔުކްރޭނަށް ނިސްބަތްވާ ސަރަހައްދުގައި ނޭޓޯ ސުލްހަ ބަލަހައްޓާ ފައުޖެއް ގާއިމުކުރުމަކީ ކުރަންއުޅެ އެމެރިކާއަށް އަދި ކާމިޔުބުވެފައި ނެތް އެޖެންޑާއެކެވެ.