މޯލްޑިވްސް ޕޮލިސް ސާވިސް

ތަރާވީހްގައި ތިއްބާ ފަންޑް ފޮށި ވަގަށް ނަގައިފި

Apr 27, 2021

އދ. ދަނގެތީގައި ތަރާވީހް ނަމާދު ކުރަމުން ދަނިކޮށް މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ވަގަށް ނަގައިފި އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 9:15 ހާއިރު އެވެ. އެހެންވެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެކަމަކު މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑް ފޮށްޓަކީ އެ ރަށު ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ގުޅިގެން ފަގީރުންނަށް އެހީވުމަށާއި ސަދަގާތް ކުރުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ބެހެއްޓި ފޮށްޓެކެވެ.

ދަނގެތީ މީހަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ އެ ރަށު މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑް ފޮށި ވަގަށް ގެންދިޔަ ކަން އެނގުނީ ތަރާވީހަށް ފަހު މީހުން މިސްކިތުން ފޭބިވަގުތު ކަމަށެވެ.

ފަންޑް ފޮށި ގެއްލުމާ އެކު ފޮށި ހޯދުމަށް ރައްޔިތުން ކުރި މަސައްކަތުން ފޮށި ހޯދާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ފޮށީގައި އެއްވެސް ފައިސާއެއް ނެތެވެ.

"ފަންޑު ފޮށި ފެނުނީ މިސްކިތާ މާދުރު ނޫން ހިސާބެއްގައި އޮތް ފަޅު ގޯއްޗަކަށް އެއްލާލާފައި އޮއްވާ،" އޭނާ ބުންޏެވެ.

ފަންޑް ފޮށި ގެއްލުނު އެ ފޮށީގައި 6،000 އަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށްވެސް ދަނގެތީގެ ބައެއް މީހުން ބުނެފައިވެ އެވެ.