އެމްޑީޕީއަށް ކެމްޕޭން ކުރުމަށް އެކި ފަރާތްތަކުން ދޭ ފައިސާގެ އެހީގެ ބޮޑު ބައެއް ބޭނުން ކުރަމުން އަންނަނީ ރައީސް މުހައްމަދު ނަޝީދު ބޭރު ގައުމުތަކަށް ދަތުރުފުޅު ކުރެއްވުމަށް ކަމަށް، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފި އެވެ.
"އަވަސް"އާ މިއަދު ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީގެ ޓިކެޓްގައި މަޖިލީހުގައި ވާދަ ކުރައްވި ބޭފުޅުންގެ ކެމްޕޭނަށް އެކަށީގެންވާ ވަރުގެ ހަރަދެއް ނުކުރާ ކަމަށާއި ގިނަ ކެންޑިޑޭޓުން ކެމްޕޭން ކުރެއްވީ އަމިއްލައަށް އެކި ފަރާތްތަކުން ފައިސާ ހޯދައިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކެމްޕޭނުގައި ހަރަދު ކުރުމަށް އެކި ފަރާތްތަކުން އެމްޑީޕީއަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ދީފަ އެވެ. އެކަމަކު އެ ފައިސާއަށް ވީގޮތެއް ނޭނގެ އެވެ.
"ޖަގަހައިގައި ކޮފީ ކޮޅެއް ބޯލާނެ ވަރު ނެތިގެން އަޅުގަނޑުމެން ޕާޓީން މި އުޅެނީ. އެކަމަކު އަޅުގަނޑަށް އެނގި ހުރެގެން އެތައް ފައިސާއެއް ފަންޑްގެ ގޮތުގައި ލިބުނު. އެ ފައިސާއަށް ވީގޮތެއް ނޭނގޭ. އެ ސުވާލު އަޅުގަނޑު ކުރިން. އޭގެން ބޮޑު ބައެއް މިދަނީ ރައީސް ނަޝީދު ބޭރަށް ދަތުރު ކުރައްވަން،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި މޫސަ ވިދާޅުވި ގޮތުގައި އޭނާ ޕާޓީން ބޭރު ކުރަން އުޅެނީ ޕާޓީގެ ކުރިއެރުމަށް ޕާޓީއަށް ލިބޭ ފައިސާ އާއި އެހެން ވެސް ތަކެތި ހަރަދު ކުރުމަށް ވަކާލާތު ކުރާތީ އެވެ. އަދި މަޖިލީހުގެ ގިނަ ގޮޑިތަކަށް ހޮވިފައިވާ މެންބަރުންނަކީ ޕާޓީން އެބޭފުޅުންގެ ކެމްޕޭނަށް ހަރަދު ކޮށްގެން ހޮވުނު މެންބަރުން ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅުހެންވޭރު ދާއިރާގެ ގޮޑި ވެސް ކާމިޔާބު ކުރެއްވީ އެމްޑީޕީން މާބޮޑެތި ފައިސާތަކެއް ނުލިބި އަމިއްލަ ޖީބުން ގިނަ ހަރަދުތަކެއް ކޮށްގެންނެވެ.
"އެމްޑީޕީގައި އެ ތިއްބެވި މަޖިލީހުގެ މެންބަރުންގެ ކެމްޕޭނަށް އެކަށީގެންވާ ހަރަދެއް ކޮށްފައެއް ނުވޭ. އެބޭފުޅުން އެކި ފަރާތްތަކުގައި އާދޭސްކޮށްގެން ފައިސާ ހޯދައިގެން ކެމްޕޭން ކުރެއްވީ،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މޫސަ އިއުލާން ކުރެއްވުމާ އެކު ރައީސް މުހައްމަދު ނަޝީދާއި މޫސަ އާ ދެމެދު ވަނީ ހިތްހަމަ ނުޖެހުން އުފެދިފަ އެވެ. އަދި އެމްޑީޕީން މިހާރު ނިންމާފައި ވަނީ މޫސަ އެ ޕާޓީން ވަކިކޮށް ޕްރައިމަރީގައި ވެސް ވާދަ ނުކުރެވޭނެ ގޮތް ހެދުމަށެވެ.