ރައީސް އަބްދުﷲ ޔާމީން

ކާސްޓްރޯއަށް ދިން ހަމަލަތައް: ރައީސް ޔާމީނަށް ފިލާވަޅެއް!

  • ރައީސް ޔާމީނަށް 40 ދުވަހުގެ ތެރޭ ތިން ހަމަލަ
  • ހަމަލައިން ރެކުމަކީ ކުޅިވަރެއް ނަމަ ރަން މެޑަލް ކާސްޓްރޯއަށް
  • ކުރިން އެންމެ ގިނަ ހަމަލަ އަމާޒު ކުރީ ރައީސް އަމީނަށް

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ފަހުގެ ތާރީހެއްގައި އެ ވެރިޔަކު އަވަހާރަ ކޮށްލަން އެންމެ ގިނަ ހަމަލާ އަމާޒުވި ދިވެހި ރައީސްއެވެ. ޒަމާނީ ހަތިޔާރާއެކު އެވެ. ސަރުކާރުން ބުނާގޮތުގައި ރައީސް ޔާމީން އަވަހާރަ ކޮށްލަން ތިން ހަމަލާއެއް ރޭވި އެވެ. އެ ތިން ހަމަލަ ރާވާފައި ވަނީ 40 ދުވަހުގެ ތެރޭގަ އެވެ. މީގެ ކުރިން މަރާލަން އެންމެ ގިނަ ހަމަލަ އަމާޒު ކޮށްފައިވާ ރައީސަކީ މުހައްމަދު އަމީނެވެ. ފުރަތަމަ ވަޅިން ހަމަލާ ދީގެނެވެ. ދެން ސިހުރު ހަދައިގެނެވެ. އޭގެ ފަހުން ކެމިކަލް ބޭނުންކޮށްގެނެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ރޭވި ހަމަލާތަކުގައި ބޭނުން ކޮށްފައިވާ ހަތިޔާރަށް ބަލާއިރު، ރައީސްގެ ސަލާމަތީ ކަންކަން މިހާރު ހުންނާނީ ވަރަށް ވަރުގަދަ ކޮށްފައި ކަމަށް ބެލެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އަމާޒު ވެދާނެ ނުރައްކާތެރި ހަމަލާއަކާމެދު އެމަނިކުފާނު ވެސް ވިސްނަވާނެކަން މުޅީން ޔަގީނެވެ.

މިފަދަ ދަނޑިވަޅެއްގައި ރައީސް ޔާމީން ބައްލަވައިލެއްވުން އަދި އެމަނިކުފާނުގެ އަރިސް އެހީތެރިން ބައްލަވައިލުން އެކަށީގެންވާ ޑޮކިއުމެންޓްރީ އެބައޮތެވެ. އެއީ ކިޔުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަ ކޮށްލަން ރޭވި ގިނަ ހަމަލާތަކާ ބެހޭ ޑޮކިއުމެންޓްރީ، "638 ވޭޒް ޓް ކިލް ކާސްޓްރޯ" އެވެ.
75 މިނެޓުގެ މި ޑޮކިއުމެންޓްރީގައި އެމެރިކާގެ ޖާސޫސީ އިދާރާ އިން ރޭވި ހަމަލާތަކާ، އެމެރިކާގެ އެހީ އާއިއެކު ކިއުބާގެ އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތައް، އެ ހަމަލާތަކުގައި ބައިވެރިވި ބައެއް މީހުންގެ އިންޓަވިއު ތަކާއެކު ގެނެސްދީފައި ވެއެވެ.

ކާސްޓްރޯގެ 49 އަހަރަށް ދެމިގެން ދިޔަ ވެރިކަމުގައި، މިފަދަ ހަމަލާތަކުން އޭނާ ސަލާމަތްކުރުމުގެ ޒިންމާ އެޅިފައި އޮތީ އެގައުމުގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ ފަބިއާން އެސްކަލާންޓޭގެ ކޮނޑުގައެވެ. ނުވަތަ ކާސްޓްރޯގެ ދިފާއުގައި އެންމެ ފުރަތަމަ ވިއްދީ އެސްކަލާންޓޭގެ ކޮނޑެެވެ. ރައީސް ޔާމީނުގެ އަރިހުގައި ވެސް މިފަދަ ހުށިޔާރު، ވަފާތެރި "ލޮލެއް" ބަހައްޓަވަން އެމަނިކުފާނު ވެސް ވިސްނަވާނެކަން ޔަގީނެވެ.

ގަދަފަދަ އެމެރިކާއިން އެތައް ސަތޭކަ ފަހަރަކު އެތައް ސަތޭކަ އުކުޅެއް ބޭނުންކުރި އިރުވެސް ކާސްޓްރޯ އަވަހާރަ ކޮށްލުމުގައި ކާމިޔާބެއް ނުވިއެވެ. ކާސްޓްރޯ އަވަހާރަ ކޮށްލުމާއި އެންމެ ކައިރިއަށް ދެވުނީ ކިއުބާގެ އިދިކޮޅު ފަރާތެއް ކަމަށްވާ އެންޓޯނިއޯ ވެސިއާނާ އަށް ކަމަށްވެއެވެ. އޭނާ 17 އަހަރުގެ ތެރޭގައި ކާސްޓްރޯ އަވަހާރަ ކޮށްލުމަށް ތިން ހަމަލާ ދިނެވެ. އެމެރިކާގެ ސީއައިއޭ އިން އެންމެ ފަހުން ނިންމީ މި މަސައްކަތް މާފިޔާ އާއި ހަވާލު ކުރާށެވެ. އެކަމަކު އެމީހުންނަށްވެސް ކާސްޓްރޯ އަވަހާރަ ކޮށްލެވޭ ގޮތެއް ނުވިއެވެ.

ކާސްޓްރޯ އަވަހާރަ ކޮށްލަން ދިން 600 އަށްވުރެ ގިނަ ހަމަލާގެ ތެރޭގައި، އެމަނިކުފާނު ބައްލަވާ ސުއްޓާ އަށް ޒަހަރު އެޅުމާއި، އޭގައި ގައި ގޮވާތަކެތި ހަރު ކުރުމާއި، ބޭނުންކުރައްވާ ގަލަން ކޮޅުގައި ވިހަ މާއްދާތައް ހޭކުމާއި، ޒިޔާރަތް ކުރައްވާ ތަންތަނާއި ކާރު ކޮޅުގައި ގޮވާތަކެތި ހަރު ކުރުމާއި ސްނައިޕާ ރައިފަލްގެ ހަމަލާތައް ހިމެނެއެވެ.

ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ރޭވި ރޭވުން ތަކުން އެމަނިކުފާނަށް އެންމެ ބޮޑު ޝޮކެއް ލިބިވަޑައިގަންނަވާނީ ހަމަލާތަކުގެ ފަހަތުގައި ތިއްބެވި ކަމަށް ޝައްކުކުރެވޭ ބޭފުޅުންގެ ސަބަބުން ކަމަށް ވުން ގާތެވެ. އެންމެ އަރިހުގައި އެންމެ އިތުބާރާއެކު ބޭތިއްބެވި ބައެއް ބޭފުޅުން އެމަނިކުފާނު އަވަހާރަކޮށްލަން ރޭވުމުން ކުރެވޭނެ އިހުސާސް ފަސޭހަފުޅެއް ނުވާނެކަން ޔަގީނެވެ.

ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލުމަށް ރޭވި ރޭވުން ތަކުގައި ވެސް އެމަނިކުފާނުގެ ވަރަށް ގާތް ފަރާތްތައް ބައިވެރި ވިއެވެ. މިގޮތުން ފާހަގަ ކުރެވޭ އެއް ފަރާތަކީ އެމަނިކުފާނުގެ ލޯބިވެރިޔާ މަރީތާ ލޮރެންޒެވެ. އެމެރިކާގެ ސީއައިއޭ އާއި ބައިވެރިވެ، ވިހަ ބޭސްތަކެއް ދީގެން ކާސްޓްރޯ އަވަހާރަކޮށްލަން ލޮރެންޒް ރޭވިއެވެ. އެކަން ފަޅާއެރުމުން ކާސްޓްރޯ ލޮރެންޒްގެ އަތަށް ފިސްތޯލައެއް ދެއްވައި އެމަނިކުފާނު އަވަހާރަ ކޮށްލަން އެހާ ބޭނުން ނަމަ ބަޑި ޖަހާ އަވަހާރަ ކޮށްލުމަށް ވިދާޅުވި ކަމަށްވެއެވެ. އެކަމަކު ލޮރެންޒަކަށް އެ ހިތްވަރެއް ނުލިބުނެވެ.

ހުރިހާ ހަމަލާއަކުން ސަލާމަތްވެ ވަޑައިގަތް ކާސްޓްރޯގެ އުމުރުފުޅަކީ މިހާރު 89 އަހަރެވެ. ކާސްޓްރޯ ވިދާޅުވާ ވާހަކައެއް އޮވެއެވެ. މަރާލުމަށް އަމާޒުކޮށް ދޭ ހަމަލާތަކުން ރެކި ސަލާމަތްވުމަކީ އޮލިމްޕިކް ކުޅިވަރެއް ނަމަ އެމަނިކުފާނަށް ރަން މެޑަލް ލިބޭނެ ވާހަކައެވެ. މަރުގެ އެތި ފަހަރުތައް ވަކި ވަރަކަށް ވުރެ ގިނައިން އަމާޒުވުމުން އެކަމަށް ހޭނި ވަޑައިގެން އެކަމާ ގުޅުވައިގެން ޖޯކެއް ޖައްސަވަ އެވެ. ރާއްޖޭގެ ރައީސް އަވަހާރަކޮށްލުމަށް ހިންގި އަދި ހިންގައިފާނެ ފިނޑި އަމަލު ތަކަކީ ދިވެހި ސަރުކާރަށާއި ދިވެހިންނަށް ޖޯކެއް ނޫނެވެ. އެކަމަކު ކާސްޓްރޯގެ "ރެކުން" ތަކުން ރައީސް ޔާމީނަށް ކަމެއް ދެކަމެއް ދަސްކުރެއްވިދާނެ ކަމަށް ފެނެއެވެ.