ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް އެ އޮތޯރިޓީގެ މަސައްކަތްތަކަށް ހާއްސަ މިނިވަން އިދާރާއެއް އުފައްދާނެ ކަަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓްގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ އެ އޮތޯރިޓީ އުވާލަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ދިރާސާވެސް ކުރަމުން ނެވެ. އަދި އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމެޓީއަށް ހާޒިރުވެސް ކުރި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ގަނީ އިއްޔެ ވިދާޅުވީ މިނިސްޓްރީ އާއި އޮތޯރިޓީގެ މަސައްކަތުގައި ފުށުއެރުން ހުރުމާއެކު ހާއްސަކޮށް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން އަމިއްލައަށް ކަންތައްތައް ނިންމުމުގެ ސަބަބުން މަސައްކަތްތައް ލަސްވެ މިނިސްޓްރީގެ އަމާޒުތަކަށް ވާސިލްވުމަށް ހުރަސް އެޅޭ ކަމަށެވެ. އޭގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގައި އިންތިހާއަށް ކޮރަޕްޝަން އޮތުމުން އެތަން އުވާލައި އެ އޮތޯރިޓީ މިނިސްޓްރީގެ ދަށަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެެއްގޮތަށް ސިޔާސީ ނުފޫޒުން އެއް ކިބާވެފައިވާ ގޮތަށް ފަހުން މިނިވަން މުވައްސަސާއެއް އުފައްދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު އަސްލު ހިންގަން ޖެހެނީ ޓްރާންސްޕޯޓް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. ނަމަވެސް ކަން ހިނގަނީ އެހެން ނޫން ކަމަށާއި އެ ބޯޑު ހިންގުމުގައި އަމިއްލަ އެޖެންޑާއެއް އިސްކުރާ ކަަމަށް ހަމަދު ވިދާޅުވި އެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއެކު އެތައް ފަހަރަކު މަޝްވަރާކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭޖީގެ ލަފާ ހޯދިން ސިވިލް ސާވިސް މުވައްޒަފުންގެ ކަންތައް ކުރިޔަށް ގެންދިޔުމުގައި. މިނިސްޓްރީގައި ހުންނަނީ ޕާމަނެންޓް ސެކެޓްރީއެއް. ޒިންމާވާން ޖެހެނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާވެސް. އެހެންނަމަވެސް 2016 ވަނަ އަހަރު އޮތޯރިޓީގެ ގާނޫނުގައި އޮވޭ ސިވިލް ސަރވިސް ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ކަންކަން ނިންމާނީ ބޯޑާ މަޝްވަރާކޮށްގެންނޭ. އެހެންވީމާ ގާނޫނު އުވާލާ މިނިސްޓްރީގެ ދަށަށް ގެންނަން ހުށަހެޅީ." ހަމަދު ވިދާޅުވި އެވެ.
ހަމަދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އަމާޒަކީ ކެބިނެޓުން ނިންމާފައިވާ ގޮތަށް ކުރިއަށް ދިއުން ކަމަށާއި އަދި ފާއިތުވި ދެ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީއާއި އޮތޯރިޓީގެ މަސައްކަތްތައް މަޑުޖެހި ކަންކަން ނުވުމުން ކުރިމަތިވި އުނދަގޫތައް ތަހައްމަލުކުރަން މާ އުނދަގޫ ކަމަށެވެ. އެހެން ކަމުން ކެބިނެޓްގެ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.