ރައީސް އަބްދުﷲ ޔާމީން

ރައީސް އަވަހާރަކޮށްލަން ގެނައި މީހާގެ ބަންދު އިތުރުކޮށްފި

Nov 8, 2015
1

ސްނައިޕާ ރައިފަލް ބޭނުންކޮށް ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ ގެނައި އަމާޒަށް ބަޑިހާ މީހާ ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސްރީލަންކާގެ އެމީހާ މާލެއިން ހައްޔަރުކޮށްފައި ވަނީ މިދިއަ މަހުގެ 24 ވަނަ ދުވަހު އެވެ. އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ދުވަހަކީ ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ރާވާފައިވާ އޮތް ދުވަހެވެ. މީގެ އިތުރުން އެ ދުވަހަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޗައިނާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަތުމުން ހައްޔަރު ކުރި ދުވަހެވެ. -- އެމީހާ އަށް ކިޔަނީ ލަހިރޫ މަދޫޝަންކާ ކަމަށް ވެއެވެ. އަދި އޭނާ ރާއްޖެ އެތެރެވެފައި ވަނީ ހިކި މަހުގެ ވިޔަފާރީގައި ކަމަށް ވެސް ލަންކާގެ ބައެއް ނޫސްތައް ބުނެ އެވެ --

"ފިނިފެންމާ" ލޯންޗުގައި ސެޕްޓެމްބަރު 28 ވަނަ ދުވަހު ރައީސް އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމުގެ ތުހުމުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސްގެ މައްޗަށް ތަހުގީގުތައް ކުރިޔަށްދާއިރު ރައީސް އަވަހާރަކޮށްލަން ދެވަނަ ހަމަލާއެއް ދިނުމަށް ގެނައި ސްނައިޕާ ޝޫޓަރަށް ފައިސާ ހަރަދުކޮށްފައި ވަނީ ވެސް އަދީބު ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ އެމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށްދާ ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ ހަތިޔާރުގެ ބޭނުންކޮށްގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ކަމަށެވެ. އަދި ބުނެފައި ވަނީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެ މީހާ ރާއްޖެ ގެނެސްފައިވަނީ ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ކަމަށާއި އެމީހާއި ހަލުކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެން ރައީސް ޔާމީން އަވަހާރަކޮށްލުމުގެ މަސައްކަތްކަން ވެސް ތަހުގީގަށް ވަނީ ކަށަވަރުވެފައިވާ ކަމަށެވެ.

އަމާޒަށް ބަޑި ޖަހާ މީހާ ހައްޔަރުކޮށް މައްސަލަ ބަލަމުން އަންނަ އިރު ބ. ހިބަޅިދޫ ކައިރިން ކަނޑުއަޑިއަށް ފައްތާފައި ހުރި ހަތިޔާރުތަކުގެ ތެރޭގައި ސްނައިޕާ ރައިފަލްގެ ސްކޯޕް މައުންޓާއި އޭގެ ވަޒަނާއި ބައެއް އިނިޝިއޭޓް ކުރަން ބޭނުން ކުރާ އެހެން އާލާތްތައް ވެސް ހިމެނެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން 40 ދުވަހުގެ ތެރޭ ތިން ހަމަލައެއް ރޭވި ކަމާށެވެ. ފުރަތަމަ ހަމަލަައަކީ 28 ސެޕްޓެމްބަރުގައި "ފިނިފެންމާ" ގައި ދިން ބޮމުގެ ހަމަލާ އެވެ. އެ ހަމަލާގައި ހަނި ގޮތަކަށް ރައީސް ޔާމީން ސަލާމަތްވެ ވަޑައިގެންނެވި އިރު، އެމަނިކުފާނުގެ އަނބިކަނބަލުންނަށް ބޮޑެތި އަނިޔާތައް ލިބި ފަރުވާ ހޯއްދެވުމަށްފަހު ހޯސްޕިޓަލުން ދޫކޮށްލެއްވީ މަހެއްހާ ދުވަސް ފަހުނެވެ. ދެވަނަ ހަމަލާ ދޭން ރޭވީ އޮކްޓޫބަރު 24 ވަނަ ދުވަހަށެވެ. އެއީ ކޮންޓްރެކްޓެއް ހަދައިގެން ލަންކާއިން ގެނައި މީހާ އެވެ. ތިން ވަނަ ހަމަލާ ދޭން އުޅުީ މުލީއާގޭ ކައިރިން ރައީސް އާންމު ގޮތެއްގައި ދަތުރު ކުރައްވާ މަގުމަތިން ކާރުކޮޅާ އެންމެ ކައިރިވާނެ ދިމާއިން ބޮމެއް ގޮއްވާލައިގެނެވެ. އެ ސްޓިކް ޑައިނަމައިޓްގެ މައުލޫމާތު އެއް ދުވަސް ކުރިން އިންޓެލިޖެންސަށްލިބި ނޮވެމްބަރު 2 ވަނަ ދުވަހު ސިފައިން ވަނީ އެ ބޮން ޑިފިއުސްކޮށް ގިރިފުށީގައި ނައްތާލާފަ އެވެ.