އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ އިހުތިޖާޖުން ނުވަ މީހަކު ހައްޔަރުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

"ދޭތިން އެކައްޗަށް" މި ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ފަށާފައެވެ. މިރޭގެ އިހުތިޖާޖު ކުރިއަށް ގެންދަން ފުރުސަތު ނުދޭން ފުލުހުން ވަނީ އިހުތިޖާޖު ފެށުމުގެ މާ ކުރިން ޕީޕީއެމްްގެ އޮފީސް ހިމެނޭ ސަރަހައްދު ބަންދު ކޮށްފައެވެ. އަދި ވަރަށް ގިނަ ފުލުހުން މަގުތަކަށް ނެރެފައިވެއެވެ.

އިހުތިޖާޖަށް ފުލުހުން ހުރަސް އެޅި ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނިކުމެ އިހުތިޖާޖު ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އިހުތިޖާޖުގެ ތެރެއިން ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ޕާޓީގެ ކައުންސިލް މެންބަރުންނާއި ގާނޫނީ ޓީމުގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުން ހިމެނެއެވެ.

އިދިކޮޅުން މިރޭ ފެށި ހަރަކާތަކީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރުމަށް ޕްރެޝަރު ކުރުމުގެ ގޮތުން ފެށި ހަރަކާތެވެ.

އިހުތިޖާޖުގެ ބައިވެރިން މަގުތަކަށް ނިކުތުމުން ފުލުހުން ވަނީ ގިނަ މަގުތަކެއް ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އަދި އިހުތިޖާޖުތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ފުލުހުން އަމަލު ކުރާ ގޮތުން ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.