ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

މިހާރު ޓޫރިސްޓުން ނުވަ ދުވަހު ރާއްޖޭގައި ތިބޭ

Apr 28, 2021

ޓޫރިސްޓުން އެވްރެޖު ގޮތެއްގައި މިހާރު ނުވަ ދުވަހު ރާއްޖޭގައި މަޑު ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޓޫރިސްޓުންގެ އެވްރެޖު ސްޓޭ ނުވަތަ މަޑު ކުރާ ދުވަހުގެ އަދަދަކީ 9.2 އެވެ. ނަމަވެސް ފެބްރުއަރީ މަހު އެވްރެޖު ސްޓޭ 8.8 އަށް ބަދަލުވުމަށް ފަހު މާޗް މަހު މި އަދަދު 8.7 އަށް ދަށްވި އެވެ. ނަމަވެސް އެޕްރީލް މަސް ފެނުނު ފަހުން ވަނީ 9.3 އަށް މަތިވެފަ އެވެ. އަދި މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެވްރެޖު ސްޓޭއަކީ ނުވަ ދުވަހެވެ.

ރާއްޖޭގައި ޓޫރިސްޓުން މަޑު ކުރާ މުއްދަތު އިތުރު ކުރުމުގެ ގޮތުން އިމިގްރޭޝަން ގާނޫނަށް ބަދަލު ގެނެސް "ލޯންގް ސްޓޭ" އަށް ވިސާ ދޭން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ކޮވިޑް ވެކްސިނަކީ ގިނަ ބަޔަކަށް މުހިންމު ވެފައިވާ އެއްޗަކަށްވުމާއެކު ވެކްސިން ޓޫރިޒަމް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާރު ދުވާލަކު 3,273 ޓޫރިސްޓުން އާދެ އެވެ.

ރާއްޖޭގެ ބޯޑަރު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު 26 ގައި ބަންދުކޮށް ޖުލައި 15 ގައި ހުޅުވިފަހުން ރާއްޖެ އަށް އައީ 555,494 ޓޫރިސްޓުންނެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 379,620 މީހުން އައިސްފައިވެ އެވެ. ސަރުކާރުން އަމާޒަކީ މި އަހަރު 1.5 މިލިއަން މީހުން ގެނައުމެވެ.