ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އެއް އަހަރު ފަހަތަށް ގޮސް ރީޕްލޭ، މިއަދުގެ ވާހަކަ

ބޯޓު ޖައްސަން ކުޑަތަން ވަމުންދިޔަ ވަރަކަށް އެންމެންގެ ހިތް ދިޔައީ އަވަސް ވަމުންނެވެ. މިއަދަކީ ދިވެހިންނަށް ހާއްސަ ދުވަހެކެވެ. ސަބަބަކީ ދިވެހިންގެ ދިރިއުޅު ފެށެން މިއުޅޭކަމާ ގުޅިލާމެހުން ބޮޑު ކަމެވެ. ބޯޓުގެ ފަަހަރު ތޮރޮޅު ރަންވޭގައި ބީހިލުލާއެކު އެންމެން އަތް ޖަހައި ތަރުހީބު ދޭން ފެށި އެވެ. ތަރުހީބުގެ އަޑުން ހުޅުލޭގެ ހަމަ ހިމޭންކަން މި ހެނދުނުގެ މި ވަގުތު ވައްޓާލި އެވެ. މިއަދަކީ ބޯޑަރު ބަންދުކޮފައި އޮންނަތާ ހަތަރު މަހަށްފަހު އަލުން ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުނު ދުވަހެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަށް ޖެއްސި ގަތަރު އެއާވޭސްގެ ފްލައިޓް ވެގެން ދިޔައީ ކޮވިޑުގެ ބައްޔަށްފަހު ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު "މޯލްޑިވްސް ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި ރާއްޖެއަށް އާ ފެށުމެއް ފެށި ދުވަހެވެ. މީގެ އަހަރެއްގެ ކުރީގައި އެ ހާދިސާ އަށް މިއަދު އެއް އަހަރު ފުރުނުއިރު، ކުޑަކުޑަ ރާއްޖޭގެ ބޯޑަރު ފުރަތަމަ ހުޅުވުންވައި ދުނިޔެ ހައިރާންކޮށްލި އެވެ.މިއީ މިދިޔަ އެއް އަހަރު ކުރީގެ ރިޕްލޭ އެވެ.

މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހާހަމައަށް އައިއިރު ދުނިޔެ އޮތީ ކޮވިޑް-19 ގެ ބަލީގެ އެންމެ ޕީކްގަ އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސިއްހީ ނިޒާމުތައް އޮތީ ފުނޑިފައޭ ބުނެވޭ ހާލަތުގަ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ސިއްހީ ނިޒާމުތައް އޮންނަ ރާއްޖޭގެ އެއްވަނަ ޓޫރިޒަމް މަންޒިލް ކަމަށްވާ އިޓަލީ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތައް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ނަމަވެސް ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި އިންޑަސްޓްރީ އަދި އާއްމު ރައްޔިތުންގެ ހިތްވަރުން މިއަދުގެ ކާމިޔާބީ ދިވެހިން ހޯދީ ދުނިޔޭގެ ގިނަ ބަޔަކަށް މިސާލުތަކެއް ވެސް ދައްކާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ބޯޑަރު ހުޅުވުމުގެ މި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ. އެކަމަކު ހަގީގަތަކީ މި ނިންމުމާހަމައަށް ދިޔައީ އިންޑަސްޓްރީގެ ބޮޑު ޕްރެޝަރެއް ވެސް އޮވެގެން މަޖުބޫރީ ހާލަތެއްގަ އެވެ. ހެލްތު ދާއިރާއާއެކު ބޭއްވި ބައްދަލުވުންތައް ގޮނޑި ދޫކޮށް ނުކުންނަ ވަރަށް "ހޫނުވެގެން" މައްސަލަ ގޯސްވި އެވެ. ހުޅުވާލާ ތާރީހެއް ނޭނގޭތީ އިންޑަސްޓްރީ ތިބީ ހާސްކަމުގަ އެވެ.

އާ ހާލަތަށް ހުޅުވަން ބެލިއިރު މުޅި ރާއްޖެ އޮތީ ކްރޭޝް ލޭންޑިން ހާލަތެއްގަ އެވެ. ވިޔަފާރިތައް ވާނުވާ ނޭނގި ދިޔައީ މަރަށް ތެޅެމުންނެވެ. އެހެންވެ ޖުލައިގައި ހުޅުވުންވީ ދެންވާނެއް ގޮތެއް ނޭނގުނު ނަމަވެސް ކުރަން މަޖުބޫރުވި ކަމަށެވެ. ފުރަތަމަ ހުޅުވަން ސަރުކާރުން ޖެހީ މުޅިން ނުބައި ހިސާބު ތަކެކެވެ. ފުރަތަމަ މަސައްކަތް ކުރީ ހަމައެކަނި ޕްރައިވެޓް ޖެޓުތައް އާދެވޭގެ ގޮތަށް ދަތުރުފަތުރު ބައްޓަން ކުރުމަށެވެ.

ބޮޑެތި ފީތަކެއް ނަގައިގެން ހަމައެކަނި މަހުޖަނުންގެ ޖެޓުތައް ރާއްޖެ ގެނައުމަށެވެ. އަދި މީގެ އެއް އަހަރު ކުރިއަށް ބަލާއިރު އަންނާނެ ކަމަށް ލަފާކުރި ޓޫރިސްޓުގެ ނަމްބަރު ވެސް ހުރީ ދިމާ އިނދިކޮޅަށެވެ- ޕްރިޑިކްޝަންތައް ހުރީ މުޅިން ގޯސްކޮށެވެ.

ރާއްޖެ މުޅިންއާ ހާލަތަކަށް ހުޅުވިއިރު އަލުން ފަށަން ޖެހުނީ ހަމަ ސުމަކުންނެވެ. ބޮޑެތި މިލިއަން ޑޮލަރުގެ ރިސޯޓުތައް އެއްކޮށް ބަންދުކޮށް، ވަޒީފާ އިން އެތަށް ބަޔަކު ވަކި ކުރި އެވެ. އިމާރާތް ކުރުމުގެ ދާއިރާ އަށް ހުއްޓި ހަ މަހުގެ ތެރޭ ލިބުނު ގެއްލުން 600 މިލިއަން ރުފިޔާއަށް އެރި އެވެ. ދިވެހި ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަންނަން ގެސްޓްހައުސް ސިނާއަތަށް ހަތަރު މަހު ލިބުނު ގެއްލުން 30 މިލިއަން ޑޮލަރަށްވުރެ ބޮޑުވި އެވެ. ދައުލަތުގެ އާމްދަނީ ހީނަރުވެ، ހީވެސް ނުކުރާ ވަރުގެ ގެއްލުމެއް ވެގެން ދިޔަ އެވެ.

ބޯޑަރު ހުޅުވައި އެއް އަހަރު ފުރި، މިއަދު އުފާފާޅު ކުރަމުންދާއިރު މިދިޔަ އަހަރުގެ ޖުލައި 27 ވީ ރާއްޖެ އަށް އިތުރު ބިރުވެރި ކަމަށެވެ. އެ ދުވަހަކީ ބޯޑަރު ހުޅުވިފަހުން އައި ފުރަތަމަ ޓޫރިސްޓު ޕޮޒިޓިވް ވީ ދުވަހެވެ.

ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަން އައި އިޓަލީގެ މި މީހާ ބަލިވި ވާހަކައާއެކު އިންޑަސްޓްރީ ހާސްކަމުގެ ތެރެއަށް ވައްޓާލި އެވެ. ޓޫރިޒަމް ދާއިރާ ޕްރެޝަރުކޮގެން ބޯޑަރު ހުޅުވައި މި ކުރިމަތިވާން އުޅޭ ކަމަކީ ކޮބައި ތޯ ގިނަ ބަޔަކު އެދުވަހު ސުވާލު އުފެއްދި އެވެ. އެކަމަކު އިޓަލީގެ މި ޓޫރިސްޓު މީހާ ރަނގަޅު ވެގެން ފުރައިގެން ދިޔައީ ރާއްޖެ އަށް ތައުރީފު ކުރަމުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އަމިއްލަ ގައުމުގައި ވެސް މިފަދަ ހިދުމަތެއް ނުލިބޭނެ އެވެ.- ސިއްހީ ހިދުމަތްތެރިންނާއި އިންޑިއާ އިން އަޅައިދިން އައިޖީއެމްއެޗާ އިންވެގެން ދިވެހިން އަމިއްލައަށް އެޅި ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރިހަމަކަމާއި ދިން ފުރިހަމަ ހިދުމަތަށް އޭނާ ދިނީ "އޭ ރިޕޯޓެ" ކެވެ.

ރާއްޖެ ހުޅުވުމަށް އެއް އަހަރުވީއިރު ދުނިޔޭގެ ގިނަ ބަޔަކު ވަނީ ރާއްޖެއަކީ މި ހާލަތުގެ ސަކްސަސްފުލް ސްޓޯރީއެއްގެ ގޮތުގައި ބަލަ އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެކަން ފާހަގަ ކުރި އެވެ. މިދިޔަ އަހަރުގެ އެންމެ ފުރިހަމަ މަންޒިލްގެ މަގާމު ރާއްޖޭން ހޯދި އެވެ. މި އެވޯޑު ލިބުމުގައި އިންޑަސްޓްރީގެ ދައުރު ބޮޑުއިރު، ރާއްޖޭގެ އިކޮނޮމީ ހިންގޭތޯ ކުރަމުން ދިޔަ މަސައްކަތް ދިޔައީ މަތި ކުރަމުންނެވެ. މި ބަލީގެ ގޮތުން ރާޅަކަށްފަހު ރާޅެއް އައިނަމަވެސް ކޮންމެ ރާޅެއްގެ މަތިން ވެސް ބޯހިއްލާލައި ދިވެހިން ކުރަމުން ދިޔައީ ހިތްދެމިލަމުންނެވެ.

ރާއްޖޭގެ ހުޅުވުމަށް މިއަދު އެއް އަހަރު ފުރުގެންދާއިރު މިދިޔަ އަހަރު ބައި މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދުތައް ވެސް ބައި މިލިއަން ފަހަނަ އަޅައިފި އެވެ. މިހާރު ރާއްޖޭގެ މިޝްރާބުހުރީ އެއް މިލިއަން ފަހަނައަޅާ ދިއުމަށެވެ.