ހަބަރު

ސުވާލުކުރަން ޒާހިޔާ ލަންކާ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރަނީ

ދެ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ލަންކާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

ޒާހިޔާ ލަންކާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައި ވަަނީ ރައީސް އަބްދުﷲ ޔާމީނުގެ ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެގައުމުގެ ސްނައިޕަރު ލަހިރޫ މަދުޝަންކާ 24، ރާއްޖެއިން ހައްޔަރު ކުރުމާއި، ހަމަ އެ މައްސަލައިގައި ދިވެހި ފުލުހުން ހޯދަމުން ދިޔަ އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް) އެ ގައުމުގެ ފުލުހުން މެދުވެރިކޮށް ގައުމުން ޑީޕޯޓް ކުރި މައްސަލައ ގުޅިގެންނެވެ.

ލަންކާގެ އަސްކަރިއްޔާގެ އިސް ބޭފުޅަކާ ހަވާލާދީ "ސަންޑޭ ޓައިމްސް" ގައި ބުނެފައިވަނީ، ރާއްޖޭގައި ހިނގި އެފަދަ އެއްވެސް ހާދިސާއެއްގައި ލަންކާގެ ސަލާމަތީ ބާރުގައި ހިމެނޭ ފަރާތެއްގެ ބައިވެރިވުމެއް ނުވާ ކަމަށާއި، އެއްވެސް ސްނައިޕަރަކުވެސް ބައިވެރި ނުވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ގައި ބަޔަކު ދިން ހަމަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އެކަމުގައި ބައިވެރިވާ ކަމަށް ފުުލުހުން ވަނީ ބުނެފައެވެ. އޭނާ ރައީސް އަވަހާރަކޮށްލަން މަސައްކަތް ކުރީ ރާއްޖޭގެ ބަޔަކު އޭނާ އަށް ފައިސާ ދީގެން ކަމަށް ބުނެފައި ވެއެވެ.

ލަންކާގެ ސްނައިޕަރު ލަހިރޫ މަދުޝަންކާ ރާއްޖެއިން ހައްޔަރުކުރުމާ ގުޅިގެން ލަންކާ ސަރުކާރުން ވަނީ، ލަހިރޫއަށް ގާނޫނީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމަށް ރާއްޖޭގައި ހުންނަވާ އެގައުމުގެ އެކްޓިން ހައި ކޮމިޝަނާއަށް އަންގާފަ އެވެ.