ފިނޭންސް މިނިސްޓްރީ

ދަރުމަވަންތަ ސްކޫކުން އިތުރު 100 މިލިއަން ޑޮލަރު ހޯދައިފި

Apr 28, 2021
1

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ސަރުކާރުގެ މައި ހޮސްޕިޓަލް، ދަރުމަވަންތަ، އެސެޓަކަށް ބޭނުންކޮށްގެން، ބޭރަށް ވިއްކި ސުކޫކުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސަރުކާރުން ހޯދައިފި އެވެ.

ރޮއިޓާސްގައި މި މަހުގެ 26 ވަނަ ދުވަހު ބުނެފައިވާ ގޮތުން ރާއްޖޭން މި ސްކޫކުން 1.5 ބިލިއަން ރުފިޔާ ހޯދާފައިވަނީ 10.5 ޕަސެންޓުގެ އިންޓްރެސްޓެއްގަ އެވެ.

ސަރުކާރުން 100 މިލިއަން ޑޮލަރު ހޯދާފައިވަނީ މިދިޔަ އަހަރު ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރި ވެގެން އިޝޫކުރި 200 މިލިއަން ޑޮލަރުގެ ސުކޫކުންނެވެ. މި ސްކޫކް އިޝޫކުރީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް މުދަލެއްގެ ގޮތުގައި ރަހުނުކޮށްފަ އެވެ. މިފަދަ ސްކޫކް އިޝޫކުރާނަމަ އިޝޫކުރާ ސްކޫކުގެ އަދަދުގެ 51 ޕަސެންޓްގެ އަގު ހުރި މުދަލެއް ހުންނަން ޖެހެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި މި ސްކޫކް ވިއްކައިގެން އިތުރު 190 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) ހޯދައި، ރާއްޖޭގެ ބޮޑު ދަރަންޏެއް ވަނީ ދައްކާފަ އެވެ. މި ދަރަންޏަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިއްކި 250 މިލިއަން ޑޮލަރުގެ ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާވާތީ، އެ ބޮންޑަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށެވެ.