ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 84 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނާ ގުޅޭ ޖުމްލަ 215 މައްސަލައެއް މިދިޔަ މާޗް މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. މީގެތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރެއިން އެކުދިންނަށް އިހުމާލުވެފައިވާ 27 މައްސަލައަކާއި ޖިންސީ ގޯނާކުރި 18 މައްސަލައެއް ހިމެނެ އެވެ.
ކުޑަކުދިންގެ އަހުލާގާ ގުޅޭ 14 މައްސަލައަކާއި އެކުދިން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެއިތުރުން ކުޑަކުދިން ހައްގުތަކުން މަހުރޫމްވި މައްސަލަތަކާއި، ކުށްކުރާ ކުދިންގެ މައްސަލަތައް އަދި އާއިލީ މައްސަލަތައް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ގުޅޭ 15 މައްސަލަ އެއް ވެސް މިދިޔަ މަހު ޖެންޑާ މިނިސްޓްރީން ބަލާފައިވެ އެވެ.
ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިދިޔަ މަހު ތިން ކުއްޖަކަށް 18 އަހަރު ފުރުމާއި ގުޅިގެން ވަޒީފާގެ ފުރުސަތާއި އެކު އެކުދިން އާއިލާ އާއި ހަވާލުކޮށްފައިވެ އެވެ. އަދި މިދިޔަ މަހު އެއް ކުއްޖަކު ވަނީ ދައުލަތަށް ނަގާފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން މިދިޔަ މަހު 21 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައި ހުންނަނީ ކުޑަކުދިންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާތަކުގެ މައްސަލަތަކެވެ. އެފަދަ މައްސަލަތައް އިތުރުވާތީ އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.