ކިނބިދޫ

ކިނބިދޫގައި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Apr 28, 2021
1

ތ. ކިނބިދޫ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ކިނބިދޫ ކައުންސިލް އިދާރާ އިންނާއި އެރަށު ސިއްހީ މަރުކަޒުން ވަނީ އެކަން އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

މިއަދު ހެނދުނު މަރުވެފައިވަނީ ކިނބިދޫ، ކިނބިމާގެ، ހަސަން ރަހާ (32 އ) އެވެ. އޭނާ ހުރީ ހޯމް ކަރަންޓީނުގައި ނޫން ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދެ އެވެ.

މަރުކަޒުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ކޮވިޑާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައިވާތީ ރަށުގައި ސިއްހީ ކަމެއް އުޅޭ ނަމަ މަރުކަޒުގެ މުވައްޒަފުން އެކަމެއްގައި އުޅޭނެ ކަމަށެވެ. އެގޮތުން މަރުވި ޒުވާނާގެ ސިއްހީ އެއްވެސް މައްސަލައެއް އުޅޭތޯ ރޭގެ ވަގުތެއްގައި ވެސް ބަލާފައިވާ ކަމަށެވެ. އެކަމަކު ކޮވިޑާ ގުޅުންހުރި އެއްވެސް ކަމެއްގެ އަލާމާތެއް އަދި ހުމެއް ވެސް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށް ސިއްހީ މަރުކަޒުން ވަނީ ޔަގީންކޮށްދީފަ އެވެ.

އޮފިޝަލް ވިދާޅުވީ މިދުވަސްވަރަކީ ކޮވިޑް ދުވަސް ވަރަށް ވާތީއާއި އޭނާ މިއަދު ކުއްލި ގޮތަކަށް މަރުވުމުން ކޮވިޑް ޓެސްޓް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެކަމަކު ނަތީޖާ އަދި ލިބިފައެއް ނުވެ އެވެ.

"އާންމު ގޮތެއްގައި ނަތީޖާ މިލިބެނީ މިރޭ އަޅުގަނޑުމެން ނަގާ ސާމްޕަލް އަނެއް ދުވަހުގެ ރޭ. އެކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

މަރުވި ޒުވާނާގެ ޖަނާޒާ މިއަދު މެންދުރުފަހު 2:00 އިރު ވަނީ ބާއްވާފަ އެވެ. އޭނާގެ ޖަނާޒާގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ ކޮވިޑް ބަލީގެ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތަށް އަމަލުކުރީ ކިނބިދޫ މިވަގުތު މޮނިޓަރިންގައި އޮތުމުން ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ކިނބިދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއަދު މަރުވި ޒުވާނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ކިނބިދޫގައި ޒުވާނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއްް ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.