މާރިޔާ އަހުމަދު ދީދީ

ވައިގެ ދަތުރުގެ ސަލާމަތަށް ބޮޑު ސަމާލު ކަމެއް ދެން: މާރިޔާ

ބައިނަލްއަގްވާމީ ސަލާމަތީ ވެށީގައި ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން، އެ ގައުމުން ހަދިޔާކުރި "އެންޓި-ޓެރަރިޒަމް އިކުއިޕްމަންޓް" ހަވާލުކުރުމަށްޓަކައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމާޒަކީ ސުލްހަޔާއި އަމާންކަމުން ޒީނަތްތެރިވެފައިވާ ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން އިރާ ކުދިކުދިކޮށްލުން ކަމަށެވެ. މި ނުރައްކަލާ ކުރިމަތިލާން ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތަކެއް ޖަޕާނުން ހަދިޔާކުރި ކުރުމުން ދޭހަވަނީ، އެ ގައުމުގެ ސަރުކާރާއި ރައްޔިތުން އަބަދުވެސް ދިވެހިންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި މިސާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެއްގަމު އުޅަނދުތަކުގެ ބޭނުންތެރިކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ޖަޕާނު ސަރުކާރުން ހަދިޔާ ކޮށްފައިވާ ހެވީ ޑިއުޓީ ވެހިކަލްތަކާއި މޯބައިލް އެކްސްރޭ ސްކޭނަރާއި ލިކުއިޑް ސްކޭނަރާއި ހޭންޑް-ހެލްޑް މެޓަލް ޑިޓެކްޓަރު ފަދަ އާލާތްތަކުގެ ސަބަބުން ނުރައްކަލުގެ ހާލަތްތައް މެދުވެރިވިޔަ ނުދީ، އެފަދަ ކަންކަމަށް ދުރާލައި ތައްޔާރުވެ ސްކްރީނިން ޕްރިވެންޝަން އަދި ރެސްޕޮންސްގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) އިން ކުރަމުންދާ މަސައްކަތަށް، އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.