އިންޑިއަން އައިޑޮލްގެ މިފަހަރުގެ ސީޒަނުގައި އެންމެ ރީތިކޮށް ލަވަކިޔާ ދެ ލަވަކިޔުންތެރިންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކަންޖީލާލް އެވެ. އެއާއެކު މި ދެ ލަވަކިޔުންތެރިން އަޅުވާކިއުމުގެ އޮއިވަރެއް ވެސް މި ޝޯގެ ތެރޭގައި އެނބުރެމުން ދެއެވެ.
މި ދެ މީހުންގެ ލޯބީގެ ގުޅުމެއް ނޯންނަ ކަމަށް ޕަވަންދީޕް ބުނެފައި ވެއެވެ. ނަމަވެސް ދެ މީހުންގެ ހަރަކާތްތައް ހުންނަ ގޮތުން އެއީ ދޮގެއްހެން ހީވާ ކަމަށް އެ ދެ މީހުން އަޅުވާ ކިޔާ ސޯޝަލް މީޑިއާގައި ވާހަކަ ފަތުރާ މީހުން ބުނެ އެވެ.
ޕަވަންދީޕް އަށް ކޯވިޑް ޖެހި މިހާރު ވަނީ ފަސޭހަވެ ކަރަންޓީނުން ވެސް ސަލާމަތްވެފަ އެވެ. ނަމަވެސް އޭނާ ބަލިން ރަނގަޅުވެގެން އަލުން ޝޯގައި ބައިވެރިވާން ފެށިއިރު ޝޯގެ ޝޫޓިންވަނީ ހުއްޓިފަ އެވެ. ކޯވިޑްގެ ކަންކަން ގޯސްވެ މަހަރަޝްތުރާ ލޮކްޑައުންކޮށް ފިލްމުތަކާއި ޝޯތަކުގެ ޝޫޓިންގްތައް ވަގުތީ ގޮތުން ހުއްޓާލަން ކަމާ ބެހޭ އިދާރާތަކުން އަންގާފައިވާތީ އެވެ.
ނަމަވެސް މަހަރަޝްތުރާ ލޮކްޑައުން ކޮށްފައި އޮތަސް ޝޯގެ ބައެއް ބައިވެރިން ވަނީ ޕަވަންދީޕްގެ އުފަން ދުވަހު އޭނާއަށް ސަޕްރައިސް ބާތުޑޭ ޕާޓީއެއް ބާއްވައި އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. ޕަވަންދީޕް އުފަން ދުވަހުގެ ކޭކު ފަޅާ މަންޒަރާއި އަރުނީތާ އަށް ކޭކު ކާންދީ ހަދާ މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލްވެ، އަނެއްކާވެސް މި ދެ މީހުންގެ ލޯބީގެ ވާހަކައިގެ އަޑު ގަދަވާގޮތް ވަނީ ވެފަ އެވެ.
އިންޑިޔާގެ އުތުރާކަންދް އަށް ނިސްބަތްވާ ޕަވަންދީޕް ބުނި ގޮތުގައި މިފަހަރުގެ އުފަން ދުވަސް އާއިލާއެކު ފާހަގަ ނުކުރެވީމަ އޭނާ ވަރަށް ދެރަވި އެވެ. ނަމަވެސް ވީޑީއޯ މެދުވެރިކޮށް ޕަވަންދީޕްގެ އާއިލާ އާއެކު އޭނާ ވަނީ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ.
ޕަވަންދިޕް އަކީ އިންޑިއަން އައިޑޮލްގެ މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު އެންމެ ބޮޑަށް ލަފާކުރާ ލަވަކިޔުންތެރިޔާ އެވެ. އޭނާގެ އަސަރުގަދަ ރީތި އަޑުގެ ޖާދޫގައި ޝޯގެ ހުރިހާ ޖަޖުންނާއި އަދި މެހެމާނުންގެ ގޮތުގައި ޝޯގައި ބައިވެރިވާ ފަންނާނުން ވެސް ވަނީ ޖެހިފަ އެވެ.
މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާނާއި ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަން އަދި މިއުޒިކް ޑައިރެކްޓަރު އާނަންދްޖީ ވެސް ޝޯގައި ބައިވެރިވެ ޕަވަންދީޕަށް ވަރަށް ތައުރީފު ކުރި އެވެ.
އިންޑިއަން އައިޑޮލްގެ ކުރިޔަށް ދައްކަން ހުރި އެޕިސޯޑުތަކުގައި ފަނޑިޔާރުކަން ކުރާނީ އަންނޫ މަލިކު އާއި މަނޯޖް މުންތަޝިރް އެވެ. އެއީ ޝޯގެ ރަސްމީ ޖަޖުންގެ ތެރެއިން ބައެއް ޖަޖުން ބައެއް ޒާތީ ސަބަބުތަކަށްޓަކައި ކުރިޔަށް އޮތް ދެ އެޕިސޯޑުގައި ބައިވެރި ނުވާތީ އެވެ.
މި ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން އަށް ވެސް ކޯވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައި ވެއެވެ. އެހެންވެ ފާއިތުވީ މަހެއްހާ ދުވަހު މި ޝޯ ހޯސްޓްކުރީ ޓީވީ އެކްޓަރުން ކަމަށްވާ ޖޭ ބާނޫޝާލީ އާއި ރިތުވިކް ދަންޖާނީ އެވެ. ނަމަވެސް ކުރިއަށް އޮތް އެޕިސޯޑުން ފެށިގެން އަނެއްކާވެސް ޝޯ ހޯސްޓްކުރުމާ އަދިތުޔާ ހަވާލުވާނެ ކަމަށާއި އޭނާގެ ބަލި މުޅިން ފަސޭހަ ހާލު މުޅީން ރަނގަޅުކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.