ދުނިޔެ

ރަޝިއާއާ ތަންކޮޅެއް ކައިރިއަށް އިންޑިއާ ޖެހިލަނީ

އިންޑިއާ މީގެ ކުރިން ރަޝިއާއާ ކައިރިވެފައި ނުވާހާ ބޮޑަށް ކައިރި ވަނީ އެވެ. ދެ ގައުމުގެ ދިފާއީ އަދި ޚާރިޖީ ވަޒީރުން ސީދާ ސީދާ މަޝްވަރާއަށް މިހާރު ވަނީ ފޯކަސް ކުރައްވާފަ އެވެ. އިންޑިއާއިން މީގެ ކުރިން މިހައި ކައިރި ކަމެއް އުފައްދާފައި ވަނީ އެމެރިކާއާ ޖަޕާން އަދި އޮސްޓްރޭލިއާއާ އެވެ. މިއީ ކުއަޑް އަށް ނިސްބަތްވާ ތިން ގައުމެވެ. ކުއަޑް ޖަމާއަތުގައި ހިމެނެނީ ހަތަރު ގައުމެވެ.

ދެ ގައުމުގެ ގުޅުން މި ހިސާބަށް އައިސްފައި ވަނީ މިދާކަށް ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ފޯނުން ގުޅުއްވައި ދެއްކެވި ދިގު ވާހަކަތަކަށް ފަހު އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތަށް އެހީތެރިވެ ދެެއްވުމަށް ޕޫޓިން ވަނީ އޮކްސިޖަން އުފައްދާ 20 ޔުނިޓާއި 75 ވެންޓިލޭޓަރު، 150 މެޑިކަލް މޮނީޓަރު އަދި 200،000 މެޑިކަލް ކިޓް ފޯރުކޮށް ދެއްވާފަ އެވެ.

އިންޑިއާއިން ވަނީ ރަޝިއާއަށް ޝުކުރު އަދާ ކޮށްފަ އެވެ. ބޮޑުވަޒީރު އޮފީހުން ބަޔާނެއްގައި ބުނެފައި ވަނީ ރަޝިއާއާ މެދު ދެކެނީ ހެޔޮ އެދޭ ގައުމެއް ގޮތުގައި ކަމަށެވެ. އިންޑިއާއަށް އެހީތެރިކަން ފޯރު ކޮށްދިނުމުގަައި ރަޝިއާ ގުނެނީ އަބަދު ވެސް ކުރީ ސަފުގައި ކަމަށެވެ.

މިއަހަރު ފަހުކޮޅު އިންޑިއާގައި އޮންނަ އިންޑިއާ - ރަޝިއާ ސަމިޓަށް ޕޫޓިން ވަޑައިގަންނަން ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލު ވުމުގައި ދިފާއީ އަދި ޚާރިޖީ ސިޔާސަތު މުރާޖާ ކުރާނެ އެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ފަންނީ މާހިރުން ބައްދަލު ކުރައްވާނެ އެވެ.