ޔޫތު މިނިސްޓްރީ

ގާނޫނާ އެއްގޮތަށް ލިޔުން ފުރިހަމަ ނުކުރާ 1500 ޖަމިއްޔާ

Apr 29, 2021
1

ޖަމިއްޔާތަކާބެހޭ ގާނޫނާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާ 1500 ޖަމިއްޔާއެއްގެ ނަން އާންމުކޮށް، ގާނޫނާ އެއްގޮތަށް އަމަލު ކުރަން އެ ޖަމިއްޔާތަކަށް ފުރުސަތެއް ދީފި އެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަކީ ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކޮށްދޭ ޖަމިއްޔާތަކެއް ކަމަށެވެ. ނަމަވެސް ބައެއް ޖަމިއްޔާތަކުން ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަ ނާޅާ ކަމަށެވެ.

އިއުލާންގައި ބުނެފައި ވަނީ ނަން ހާމަކޮށްފައިވާ 1562 ޖަމިއްޔާއަކީ، 2020 ގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމިޓީ ވެސް ރަޖިސްޓްރީ ކޮށްފައި ނުވާ ޖަމިއްޔާތަކެއް ކަމަށެވެ. ނަމަވެސް އެ ކަންތައްތައް ފުރިހަމަ ކުރަން ޖަމިއްޔާތަކުގެ ގަވާއިދުގައިވާ ގޮތަށް ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން އިތުރު ފުރުސަތު ބޭނުންވާ ޖަމިއްޔާތަކަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

ފުރުސަތު ދިނުމަށް ނިންމާފައި ވަނީ މި އަހަރުގެ ޖޫން 30 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އިތުރު ފުރުސަތަށް އެދި ހުށަހަޅާފައި ނުވާ ޖަމިއްޔާތައް، ޖަމިއްޔާތަކުގެ ދަފްތަރުން އުނި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ނަން އާންމު ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރޭގައި މަޝްހޫރު ބައެއް ޖަމިއްޔާތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި ދަ އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިން އެސޯސިއޭޝަން، އީކޯ ކެއާ، ޓީރެކްސް ބާސްކެޓް ބޯލް ކްލަބް އަދި ނެޝަނަލް ކެޑޭޓް ކޯ އާއި ނޫސްވެރިންގެ ޖަމިއްޔާވެސް ހިމެނެ އެވެ.