އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ މައްސަލައަށް ކެބިނެޓް މަޝްވަރާކޮށްފި

Nov 8, 2015
1
  • އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ
  • ބޮޑެތި މަޝްރޫއުތައް ނުހުއްޓާ ކުރިޔަށް ގެންދަން މަޝްވަރާކުރި

ހިިޔާނުގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާ އެމްއެމްޕީއާރްސީގެ މައްސަލަ އަށް ކެބިނެޓްގައި މިއަދު ވަޒީރުން މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރަން އެމްއެމްޕީއާރްސީ އިން ދޫކޮށްފައިވާ ބައެއް ރަށްތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަމަށް ސަރުކާރަށް ފާހަގަ ކުރެއްވިފައިވާތީ، އެފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި މައްސަލައަށް ކެބިނެޓްގައި މިއަދު މަޝްވަރާ ކުރި އިރު އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަް ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެވިގެންނާއި އެނޫން ބައެއް މައްސަލަތަކާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށްފަހު ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހީ މިއަދު އެވެ.

ޒިޔަތު އަދިވެސް ވަޒީފާއިން ވަކިކޮށްފައި ނުވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަަޑައިގެންނެވި ދުވަހުން ފެށިގެން އެމްއެމްޕީއާރްސީގެ އޮޑިޓެއް ހަދަން ވެސް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.

މި މައްސަލައިގެ އިތުރުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.