ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮމިއުނިޓީ ސްޕްރެޑް އެބައޮތް، ސަމާލުވޭ: ޑރ. ނަޒްލާ

މާލެ ސަރަހައްދުގައި ކަންބޮޑުވާން ޖެހޭ ވަރަށް ކޮމިއުނިޓީ ސްޕްރެޑް އެބައޮތް ކަމަށާއި އެކަމަށް ސަމާލުވުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގައި ކޮވިޑް 19 ފެތުރެމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މިމަހުގެ 21 އިން 27 އަށް ނެގި ކޮވިޑް ސާމްޕަލް ތަކުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 7 އިން 10 އަށް މަތިވެފައި ކަމަށެވެ. އެޗްއީއޯސީން ބޭނުން ވަނީ އެ އަދަދު ފަސް ޕަސަންޓަށް ވުރެ ދަށުގައި ބަހައްޓާށެވެ.

ފުލޫ ޕޮޒިޓިވީ ރޭޓް ވެސް ކުރީ ދެ ހަފްތާއާ އަޅާބަލާއިރު މިމަހުގެ 21 އިން 27 އަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އެގޮތުން މިމަހުގެ 21 އިން 27 އަށް ފުލޫ ޕޮޒިޓިވީ ރޭޓް ވަނީ 14 ޕަސަންޓަށް އަރާފަ އެވެ. ފުލޫ ޕޮޒިޓިވީ ރޭޓް މަތިވެފައިވީ ނަމަވެސް ކޮވިޑްގެ އަލާމާތެއް ހުރި ނަމަ ފުލޫ ކްލިނިކްތަކަށް ލަސްނުކޮށް ދެއްކުމަށްވެސް އެދިވަޑައިގަތެވެ.

"މާލޭގައި މީގެ ކުރީގެ ދެ ހަފްތާ އަށް ބަލާއިރުގައި ވެސް އެންމެ ފަހު ހަފްތާގައި ފުލޫ ޕޮޒިޓިވިޓީ ވަނީ ވަރަށް މަތިވެފައި. އޭގެ މާނަ އަކީ މާލެގައި ހަމަ ފުދޭ ވަރަކަށް ބޮޑު އައުޓްބްރޭކެއް އެބައުޅެއޭ،" ސަމާލުވުމަށް އިލްތިމާސް ކުރައްވަމުން ވިދާޅުވި އެވެ.

ކޮވިޑް ފެތުރިފައި އޮތް މިންވަރު ބަލައި އަނެއް މިންގަނޑަކީ ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް މައްޗަށް ޖެހެމުންދާ ކަމަށް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 13-16 އިންސައްތައާއި ދެމެދުގެ އަދަދަކަށް މީހުން އެޑްމިޓް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ބަލި މީހުންނަށް ހިދުމަތް ދިނުމަށް 50 ޕަސަންޓް އެނދު މިވަގުތު ބޭނުން ކުރަމުންދެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް މީހުންނަށް ހާއްސަކޮށްފައިވާ 11 ވަނަ ބުރި (ޑީއެޗް 11)ގެ 30 ޕަސަންޓް އެނދު އަދި އައިސީޔޫގެ 30 ޕަސަންޓް އެނދު މިވަގުތު ބޭނުން ކުރަމުންދެ އެވެ.

"ތަންކޮޅެއް ކުރިން ވަރަށް ކްރިޓިކަލްވީއިރު އަޅުގަނޑުމެންގެ އޭރުގެ ބެޑް ކެޕޭސިޓީ 80 ޕަސަންޓަށް އެރި. އެކަމު މިހާރު ވެކްސިން ޖަހަން ފެށި ފަހުން ކޮންމެވެސް ވަރަކަށް ސިވިއަރިޓީ މަދުވެއްޖެ. އެކަމަކު އޭގެ މާނައަކީ ހަމަ ނަންބާޒް އިތުރުވަންޔާމު އިތުރަށް ބެޑްތައް ވެސް ހަމަ އިތުރުވެ ނޫނިއްޔާ ސިވިއަ ކޭސަސް އިތުރު ވާނެ ކަމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ގިނަވެގެން 12 ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒް ނުޖަހައިފިނަމަ ވެކްސިންގެ ފުރަތަމަ ޑޯޒްގެ ބާރު ދައްކޮށްލާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންކަމުން 12 ހަފްތާގެ ފަހުން ވިޔަސް އަވަހަށް ދެވަނަ ޑޯޒް ޖެހުމަށް ސަމާލުވުމަށް އެދިވަޑައިގެންނެވި އެވެ. އެގޮތަށް އެދިވަޑައިގަތީ ވެކްސިނަށް ނުގުޑާ އާ ވޭރިއަންޓެއް ރާއްޖޭގައި ފެތުރި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެ ހިދުމަތް ދިނުމަށް ދަތިވެދާނެތީ އެވެ. އެކަމަކު މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު ބޮޑު ތަނުން އިތުރުވަމުން ނުދާ ކަމަށްވެސް ވިދާޅުވި އެވެ.

"އާންމުންގެ ފަރާތުން އަޅުގަނޑުމެން އެދެނީ ވީހާވެސް ވަރަކަށް އެއްވުންތައް މަދުކުރުން. އަޅުގަނޑުމެންނަށް މިހާރު މިދިޔަ އެއް އަހަރުގެ ތެރޭގައި އެބަ އެނގޭ އެއްވުންތައް ގިނަވީމާ ދެން ގާތްގަނޑަކަށް ދެ ހަފްތާއެއް ވަރު ފަހުން ކޭސަސް މަތިވާކަން،" ނަޒްލާ ވިދާޅުވި އެވެ.

މާލޭގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން މާލޭ އިން އަތޮޅުތަކަށް ދަތުރުކުރުން ރަނގަޅު ނޫން ކަމަށާއި، އަދި ކޮންމެހެން ކުރަން ޖެހިގެން ނޫނީ އެއް ރަށުން އަނެއް ރަށަށް ވެސް ދަތުރު ނުކުރުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދަތުރުކުރަންޖެހޭ ހާލަތުގައިވެސް ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށް ހާއްްސަ ސަމާލު ކަމެއް ދިނުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.