ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އީދު ފާހަގަ ކުރުން

އީދު ބަންދަށް މާލެއިން ރަށްރަށަށް ނުދާން އިލްތިމާސްކޮށްފި

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އީދު ބަންދުގައި މާލެއިން ރަށްރަށަށް ނުދާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

މާލެ ސަރަހައްދުގައި ކަންބޮޑުވާން ޖެހޭ ވަރަށް ކޮމިއުނިޓީ ސްޕްރެޑް އެބައޮތް ކަމަށް އެޗްއީއޯސީ އިން މިއަދު ވަނީ ބުނެފައެވެ. އެ ސެންޓަރުން މިހެން ބުނެފައިވަނީ ހަތް ދުވަސްތެރޭ 2،000 ވުރެ ގިނަ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނުމާއި ގުޅިގެންނެވެ. އިއްޔެ 464 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި ދެ މީހަކު މަރުވިއެވެ. އިއްޔެ އަކީ ކޮވިޑްގައި ރާއްޖެއިން ތަޖުރިބާ ކުރި އެންމެ ހިތްދަތި ދުވަހެވެ.

ޓެގް ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ މިއަދު ވިދާޅުވީ މާލެއިން ރަށްރަށަށް ދަތުރު ކުރުން މިވަގުތު ރައްކާތެރި ނޫން ކަމަށެވެ. ހާއްސަކޮށް އީދާއި ދިމާކޮށް ރަށްރަށަށް ދަތުރު ކުރާއިރު ރައްކާތެރި ކަމަށް ވަރަށް ބޮޑަށް ސަމާލުވާން ވަނީ އިލްތިމާސް ކޮށްފައެވެ. ނަޒްލާ ވަނީ މާލެއިން ރަށްރަށަށް ދަތުރު ނުކުރުމާއި މާލޭގައިވެސް އެއްވުންތަކާއި ގިނަ ބަޔަކު ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް އެދިފައެވެ.

ރޯދަ މަހުގެ ފުރަތަމަ 16 ދުވަސް ނިމިގެން ގޮސްފައިވާއިރު އީދު ބަދަލު ކުރަން ދެން އޮތީ 14 ދުވަހެވެ. އީދު ބަންދަކީ ގިނަ ބަޔަކު މާލެއިން ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެކެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު 62 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. އެ ރަށްރަށުގައި 1،200 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. ބައެއް ރަށްރަށުގައި 100 އިން މަތީގައި ޕޮޒިޓިވް ކޭސްތައް އެބަހުއްޓެވެ. ބ. އޭދަފުށިން 121 މީހަކަށް ބަލި ޖެހިފައިވާއިރު ޅ. ނައިފަރުގައި 130 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. ކ. މާފުށީގައި 209 މީހަކަށް ބަލި ޖެހިފައިވެއެވެ. މަތިވެރީގައި 171 މީހަކަށް ބަލި ޖެހިފައިވާއިރު ވޭމަންޑޫގައި 145 މީހަކަށް ބަލިޖެހިފައިވެއެވެ. އަދި މާންދޫގައި 126 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.