ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އީދު ފާހަގަ ކުރުން

އީދުގެ ބޮޑު ޖަމާއަތް ނޯންނާނެ

މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބޭއްވުމަށް ނިންްމާ މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ކުރިއަށް ގެންދިއުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. ހަފްތާއެއްވީއިރުވެސް ނަންބަރުތައް ދަށަށް ނުދާތީ އިތުރު ފިޔަވަޅު އަޅަންވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. ސިއްހީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތް ހާލަތު ދިގު ދެމިގެންދާނަމަ އަލުން ލޮކްޑައުންއަކަށް ވާން ޖެހެއެވެ. ސަރުކާރުން ވަނީ ލޮކްޑައުން ކުރަން ޖެހިއްޖެނަމަ ފަސް ނުޖެހި އެކަން ކުރާނެ ކަމަށްވެސް ބުނެފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަވަސްއަށް މިއަދު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ބޮޑު ޖަމާއަތުގަައި އީދު ނަމާދު ކުުރުން ނޯންނާނެ ކަމަށެވެ. އަދި މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ކުރިއަށް ގެންދިއުމާމެދު ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެކަމުގައި މާދަމާ ފައިނަލް ނިންމުމެއް ނިންމޭނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހަތްގަޑިއިރު ކާފިއު ހިންގާއިރު ސުކޫލުތަކާއި ކޮލެޖް އަދި ޔުނިވާސިޓީތައްވެސް ވަނީ ބަންދުކޮށްފައެވެ. މައިޒާންތަކާއި ޕާކުތައް އަދި ކަސްރަތު ކުރާ ތަންތަންވެސް ބަންދުކޮށްފައިވެއެވެ.

މިސްކިތްތަކުގައި ތިބޭއިރު މާސްކު އެޅުން މަޖުބޫރު ކުރުވުމާއި ޖަމާއަތުގެ ނަމާދުގައި ގައިދުރުކޮށްގެން ތިބުމަށްވެސް ވަނީ އަންގާފައެވެ.