ބޮލީވުޑް

"3 އިޑިއަޓްސް"އަށް އަނުޝްކާ އޮޑިޝަން ދިންކަން އެކަކަށް ވެސް ނޭނގޭ

ޑައިރެކްޓަރު ރާޖުކުމާރު ހިރާނީ އުފެއްދި އެންމެ މޮޅު އަދި ރީތި އެއް ފިލްމު ކަމަށްވާ "3 އިޑިއަޓްސް" ގައި ކަރީނާ ކަޕޫރު ކުޅެފައިވާ ރޯލަށް އަނުޝްކާ ޝަރުމާ ވެސް އޮޑިޝަން ދިން ކަން ހާމަވެއްޖެ އެވެ.

ޚުދް އަނުޝްކާގެ އިންޓަވިއު އެއްގައި މި ވާހަކަތައް ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި 2007 ގައި އޭނާ ފިލްމެއްގެ ލީޑް ރޯލަކަށް އޮޑިޝަން ދިނެވެ. އަދި އެ ފިލްމަކީ "3 އިޑިއަޓްސް" އެވެ. ނަމަވެސް އޭނާ އެ ފިލްމަށް އޮޑިޝަން ދިން ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. ޑައިރެކްޓަރު ހިރާނީ ވެސް އެ އޮޑިޝަން ނުބަލަ އެވެ.

ހިރާނީއަށް އެކަން ނޭނގޭކަން އެނގުނީ އަނުޝްކާގެ މި އިންޓަވިއުގެ ވަކި ހިސާބަކުން އިންޓަވިއު މެދުކަނޑާލާފައި ހިރާނީ ދީފައިވާ އިންޓަވިއުއެއްގެ ބައެއް ދެއްކީމަ އެވެ. އެ އިންޓަވިއުގައި ހިރާނީ ކައިރީގައި "3 އިޑިއަޓްސް" އަށް އަނުޝްކާ އޮޑިޝަން ދިނެއް ނޫންހޭ ސުވާލު ކުރުމުން އަނުޝްކާ އެ ފިލްމަށް އޮޑިޝަން ނުދޭ ކަމަށް ހިރާނީ ބުނެ އެވެ.

އެއަށްފަހު އަނުޝްކާ ވަނީ އޭނާ އޮޑިޝަން ދިން ވީޑީއޯ ޝެއާ ކޮށްފަ އެވެ. އަނުޝްކާގެ އޮޑިޝަން އެކަކު ވެސް ބަލާފައި ނެތީ ކީއްވެ ކަމެއް ނޭނގެ އެވެ. ފަހުން ފިލްމު ދީފައި ވަނީ ކަރީނާ އަށެވެ.

ފަހުން އަނުޝްކާ ވަނީ ހިރާނީގެ "ޕީކޭ" ގައި އާމިރު ޚާނާއެކު ލީޑް ރޯލު ކުޅެފަ އެވެ. އަނުޝްކާ ދެން ދެއްކީ "ޕީކޭ" ގެ ޝޫޓިންގްގައި އޮޑިޝަންގެ ވީޑީއޯ ކްލިޕް އާމިރާއި ޑައިރެކްޓަރު ހިރާނީއަށް ދައްކަނިކޮށް ނަގާފައިވާ ވީޑީއޯ އެކެވެ.

ލެޕްޓޮޕް އަޅުވައިގެން މި މަންޒަރު ބެލިއިރު އާމިރާއި ހިރާނީ އަދި އަނުޝްކާ ވަރަށް ހޭތަން ފެނުނެވެ. "ޕީކޭ"ގައި އަނުޝްކާ ކުޅެފައިވަނީ ރިޕޯޓަރެއްގެ ރޯލެވެ. އާމިރު ކުޅެފައިވަނީ އޭލިއަން އެއްގެ ބައެވެ.