ވާހަކަ

ވޭންތަކުން ދިން

(26 އޭޕްރިލް 2021 އާ ގުޅޭ)

"ދާއިންގެ ނުހުރޭތަ ބިޓެއް؟" އައިޝާއަށް ލިބިފައިވާ ހައިރާންކަން އޭނާގެ މޫނުމަތިން ކިތަންމެހާ ވެސް ރަނގަޅަށް ދާއިނަށް ފެނުނެވެ.

"ބަލަ ކޮން ކަހަލަ ސުވާލެއް ކުއްލިއަކަށް ހުރެފަ ތި ކޮށްލީ؟ އަހަރެން ނުނަގަމޭ ބިޓެއް!" ދާއިން ކޮފީ ތަށި ނަގަމުން ހިނިތުން ވުމަކާ އެކު ބުނެލިއެވެ.

"އަނެއްްކާ މީހަކު އެއްޗެކޭ ކީތަ؟ މި ބުނީ.. ނާއިކު އެއްޗެއް ބުނީހޭ؟" ދާއިން ކޮށްލި ސުވާލަށް އައިޝާ އާނއެކޭ ބުނީ ވަރަށް ފަރުވާ ކުޑަ ގޮތަކަށެވެ.

"އައިޝާ ފަހަރީ! އަނެއްކާ ކަމެއް ގޯސްވީ ތަ؟" ދާއިން ދެލޯ ބޮޑު ކޮށްލަމުން އައިޝާއަށް ބަލައިލީ، އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެގެން ދިޔުމުންނެވެ.

"ނޫނޭ.. އޯކޭ.." އައިޝާ ގަދަކަމުން ހީނލިއެވެ.

"ކިހިނެއް އޯކޭ ވާނީ؟ މުޅި މީހާގެ މޫނުމަތި ތިއޮތީ މުޅިން އޮއްސިފައެއްނު؟" ދާއިން އެހެން ބުނެލި ވަގުތަކީ ގޭތެރެއަށް ނާއިކު ވަން ވަގުތެވެ.

"ކޮންކަހަލަ ވާހަކައެއް މިތާ މި ދެކެވެނީ؟ އަހަރެން ލޭޓު ވީ ދޯ؟ ހެހެ.." ނާއިކު ހިނިތުން ވުމަކާ އެކު ހިނގައިގަތީ ދާއިންއާ ދިމާލަށެވެ.

"އަސްތާ! އާޝާއަށް ކިހިނެއް ވެފަތަ މީނީ؟ ކަމަކާ ހިތްހަމަ ނުޖެހިފަތަ އާޝާ؟" އައިޝާގެ މޫނު ފެނުމާ އެކު ކަމެއް ގޯސް ވެއްޖެ ކަން ނާއިކަށް ޔަޤީން ވިއެވެ. ދާއިންއާ ޖެހިގެން އިން ސޯފާގައި އިށީންނަމުން ނާއިކު ވަރަށް އަވަހަށް ބަލައިލީ ދާއިން އާއި އައިޝާގެ މޫނަށެވެ. ވާނުވާ ނޭނގިގެންނެވެ.

"ކިހިނެއް ވީ މިތާ!" ނާއިކުގެ މޫނުމަތިން ސީރިއަސްކަން ވެރިވެގެން ދިޔައީ ނާއިކުގެ ސުވާލަށް ޖަވާބެއް ނައުމުންނެވެ. ކުއްލިއަކަށް ހުރެފައި އެތަނަށް ވެރިވެފައިވާ ހިމޭންކަން ގެއްލުވައިލީ ދާއިންގެ ހިނިގަނޑުންނެވެ.

"ކީއްވެ ތި ހެނީ؟ ކޮންމެ ވެސް މީހެއް ކިޔާ ދީ ބަލަ މިވެގެން އުޅޭ ގޮތް." ނާއިކުގެ މޫނަށް އައިޝާ ބަލައިލި އިރު އޭނާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

"ހެވޭނެއްނު ބްރޯ! އައިޝާ މި އަހަނީ އަހަރެން މިގެއަށް އައި އިރަށް، އަހަރެންގެ ބިޓު ކޮބާ ހޯ؟ ނުވެސް ދައްކަމެއް ނޫން ހޯ؟ އަހަރެންނަށް ވަގުތުން އެނގެއްޖެ ނާއިކު ބުނީކަން. އެހެންވެ އަހަރެން ބުނީ އަހަރެން ސިންގަލް އޭ. އަހަރެން ދޮގެއް ހަދާލި އިރަށް އައިޝާ ފަހަރީ މުޅިން ފަނިވެއްޖެ." ދާއިން ހެމުން ހެމުން ވާހަކަދައްކަމުން ދިޔައެވެ. ހަމަޖެހުމުގެ ނޭވާއެއް ނާއިކަށް ލެވުނެއް ކަމަކު، އައިޝާގެ ގާތަށް އައީ ރުޅިއެވެ.

"މަޖާ ކުރަން ވެސް، ދޮގު ހަދަން ވެސް، ވަކި ހައްދެއް އޮންނަން ވާނެ ދޯ!" އައިޝާ އެހެން ބުނުމަށްފަހު، ހިތް ހަމަ ނުޖެހިގެން އެތަން ދޫކޮށް ގޮސް ކޮޓަރިއަށް ވަނެވެ. ދާއިން ފުން ނޭވާ އެއް ދޫކޮށްލަމުން ބަލައިލީ ނާއިކަށެވެ.

***

"ލަބީބު!" ޖަންނަތު ދޮރު ހުޅުވައިލަމުން ބަލައިލީ ލަބީބުގެ މޫނަށެވެ.

"ސޮރީ ލަސްވީމަ. އެގަޑީ ފާޚާނާގަ ހުރީމަ. ކިހިނެއްވީ؟" ޖަންނަތު ވާހަކަދައްކަމުން ދިޔައިރު، އޭނާގެ މޭ ހީވަނީ އަތަށް އައިސްފާނެ ހެންނެވެ. ޖަންނަތުގެ ފަރާތުން ފެންނަަނީ އާދަޔާ ޚިލާފަށް ބިރުން ހުރި މީހެއްގެ ފަރާތުން ފެންނަމުންދާ ސިފަތަކެވެ.

"ޖަނާ. ކިހިނެއްވެފަތަ ތި ހުރީ؟ ކަމަކާ ބިރުން ތަ؟" ލަބީބަށް ޖަންނަތުގެ ހަރަކާތްތައް ނަގައިގަންނަން އެހާ ދައްޗެއް ނުވިއެވެ.

"ނޫނޭ! ބިރެއް ނުގަނޭ. އެކަމު، ވަރުބަލި ވަނީ. އެހެންވެ ފެންވަރާލީ ވެސް. އަދިވެސް ހަމަ ވަރުބަލި ވަނީ.. ކޮންމެ ވެސް ކަމެއް ވާން އުޅޭހެން ހީވަނީ.." ޖަންނަތު އެހެން ބުނެލީ މަޑުމަޑުންނެވެ.

"ތީ މާ ބޮޑަށް ޖަނާ ވިސްނާތީ ވާ ގޮތެކޭ. މާ ވަރަކަށް ވިސްނާ އެއްޗެއް ނޫނޭ. ދެން ވެސް ރަނގަޅަށް، ރެސްޓު ކޮށްލާ!" ލަބީބު ނިކަން ލޯބިން ޖަންނަތުގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި ލަބީބުގެ ކަނާ އަތުން ޖަންނަތުގެ ނިތްކުރީގައި ފިރުމައިލިއެވެ.

"ނިދޭތޯ ބަލާލާ! އަހަރެން އެބަ އަންނަން ބޭރަށް ޖެހިލާފަ." ލަބީބު އެހެން ބުނުމަށްފަހު، ކޮޓަރިން ނުކުމެގެން ދިޔައެވެ.

****

"ދެން ކިހިނެއް ހަދާނީ؟ އައިޝާ އަހަރެން ދެކެ ރުޅި އައީތަ؟" ދާއިން ހާސްވެފައި، ވައި އަޑަކުން އެހެން ބުނެލީ ނާއިކަށް ބަލަހައްޓައިގެން އިނދެއެވެ.

"ބްރޯ ހާސް ނުވޭ! އަހަރެން މިކަން ހަމައަކަށް އަޅުވާނަން. ކަލޭ ނަސީބު ތިހެން ޓޯކް ޖެއްސިކަން. އެހެން ނޫން ނަމަ އަހަރެން ބެދޭނެއްނު!" ނާއިކު ވެސް ވާހަކަ ދެއްކީ ވަރަށް ސިިއްރުންނެވެ.

"ކަލެއާ ހުރެ ބަލާބަލަ އަހަންނަނަށް ވާގޮތް. ކިިރިޔާއެއްނު މި ސަލާމަތް ވީ. އަހަރެން ވަގުތުން ރާގު ބަދަލުކޮށްލީ، އެނގެއްޖެ ކައެ ރަނގަޅު ޑްރާމާއެއް ނޫންކަން ކުޅެގެން މި އުޅެނީ. އެވެސް އަހަރެން ލައިގެން." ދާއިން އެހެން ބުނެ ކޮޅަށް ތެދުވީ، ގެއަށް ދިޔުމަށެވެ. ނާއިކުގެ ކޮނޑުގައި ޖަހައިލަމުން، ދާއިން ގެއިން ނުކުންނަން ހިނގައިގަތެވެ.

***

"ކިރިޔާ ދޯ މި ސަލާމަތް ވެވުނީ؟ ހެހެ!" އެނދު ދަށުން ވަރަށް ޙާލުން، ނުކުންނަމުން ޒަހީން ހެމުން ބުނެލިއެވެ.

"އަދިވެސް ކަލޭ މައިިތިރި ނުވާތި!" ދެ ދަތްޕިލަ ޖައްސައިގެން ހުރެ، ޖަންނަތު ރައްދު ދިނެވެ.

"ހައްހައްހާ! އަދިވެސް ޖަންނަތު ތި މަސައްކަތް ކުރަނީ އަހަރެން ކުރިމަތީގަ ފުއްޕަންތަ؟ ހެހެ! ވަރަށް މަޖާ." ޒަހީންގެ އަތުން ޖަންނަތުގެ މޫނުގައި ފިރުމައިލިއެވެ. ފޫހި ގޮތަކަަށް ޒަހީންގެ އަތް ހޫރައިލުމަށްފަހު، ޖަންނަތު ޖެހުނީ ފަހަތަށެވެ.

"ނުބީހެނީމަ ނަމަ،. ކަނޑާ ހަމަ ދޯ؟ އެހެންތަ އޮންނަނީ. އަހަރެންނަށް ރަނގަޅަށް ނުވެސް އެނގޭ. ހެހެ، ކޮންމެ ގޮތެއް ވިޔަސް މި ބުނަން އުޅޭ އެއްޗަކީ އަހަރެން ބަސްޓެއް ނުވާނޭ!" ޒަހީންގެ އަޑުގައި ވަނީ ނުލަފާ ކަމުގެ އަސަރުތަކެވެ. ޖަންނަތު ކަޅި ޖަހައި ނުލައި ޒަހީނަށް ބަލައިލިއެވެ. ޖަންނަތަށް މިހާރު ފެންނަނީ ކުރީގެ ޒަހީނެއް ނޫނެވެ. ޖަންނަތަށް އެނގޭ ޒަހީނަކީ މަޑުމަޑުން ހުންނަ މީހެކެވެ. އިސްވެ މިކަހަލަ ކަންކަން ކުރަން ފޯރި ހުންނަ، ނުވަތަ ކެރޭ މީހެއް ވެސް ނޫނެވެ. ނަމަވެސް ޖަންނަތަށް މިހާރު ފެންނަނީ ޒަހީންގެ އެހެން ސިފަތަކެކެވެ. އެއީ މުޅިން އެހެން ޒަހީނެކެވެ.

"ހެޔޮނުވާނެ! ތިހެން ނުހަދާ، އަހަރެންގެ ދިރިއުޅުމުން ދުރަށް ދޭ! އަހަރެން ބޭނުން މި ލަދުން ސަލާމަތް ވާން. އެހެން ވީމަ އަހަރެންނަށް މި ފުރުޞަތު ދީ. އެހެން ނޫންނަސް، ތީ ކުރިން ޒަހީން އުޅުނު ގޮތެއް ވެސް ނޫނެއްނު! އަހަރެން ދޯ ޒަހީނާ ހެދި ހޭބަލި ވެގެން އުޅުނީ.." ޖަންނަތުގެ އަޑު ހިމޭން ވިއެވެ. ޒަހީނަށް ވިސްނައިދެވޭތޯ ޖަންނަތު މަސައްކަތް ކުރިއެވެ.

"ޒަހީނަކީ ރަށުގަ މީހުންގެ ޤަދަރު ލިބިފައިވާ މީހެއް. ވަރަށް ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ފަރާތެއް ތީ. ތިހެން އުޅެމުން ލަބީބަށް އެނގެއްޖިއްޔާ، ޒަހީންގެ އަގު ވެއްޓޭނެ." ޖަންނަތު އެހެން ބުނުމާ އެކު، ޒަހީން ފެށީ ހޭންށެވެ.

"ހާދަ މަޖާ ޖޯކެއް ތި ކިޔާ ދިނީ.. ބަލަ ލަބީބަކީ ކޮން ކަހަލަ މީހެއްކަން ޖަންނަތު އޮތީ އަހަންނަށް ކުރިން ކިޔާދީފަ އެއްނު؟ ދެން އިތުރަށް ކޮން މޮޅު ވާހަކައެއް. އަހަރެން މި ދަނީ.." ޒަހީން އެހެން ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"އަދި އެއް ވާހަކަ. ޖަންނަތުގެ ބަނޑުގަ ތި އޮތީ އަހަރެންގެ ދަރިއެއް. އަހަރެން އެކަން ޤަބޫލުކޮށްފިން. ތި ދަރިއަށްޓަކައި އަހަރެން ޖަންނަތާ ދުރަކަށް ނުދާނަން. ހެހެ." ލަބީބު ހުއްޓި ލަމުން ބުނި ބަސް ތަކުން ޖަންނަތަށް ވަރަށް އުނދަގޫ ވިއެވެ. ޖަންނަތު ދެލޯ މަރައިލަމުން، މޫނު އަނބުރައިލީ ކުރިމަތި ވާން މި އުޅޭ ބޮޑު ތޫފާނުގެ ނުރައްކާ ހިތަށް ވެސް ގެންނަން ދަތި ވީމައެވެ.

***

"މަންމާ.." މަލާކު ދުވަމުން ކަހަލަ ގޮތަށް ގޮސް، ވާހިދާގެ ގައިގައި ބައްދައިގަތެވެ. ދެމައިން ވެސް ނިކަން ހެވިފައި، އެކަކު އަނެކަކު ގައިގައި ވަރަށް ލޯބިން ބައްދަމުން ދިޔައީ އެއާރޕޯޓުގައި ތިބެގެންނެވެ. އެހާ ދުވަހަށްފަހު، މަލާކާ ބައްދަލު ވުމުން ވާހިދާއަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ.

ރޭގަނޑު 9 ޖަހައި ބޮޑު ވެއްޖެއެވެ. ނާއިކު އެނދުގައި އޮތީ ފާޚާނާއިން އައިޝާ ނުކުންނާނެ އިރަކަށް އިންތިޒާރު ކޮށްގެންނެވެ. އައިޝާ ހަމައަކަށް އަޅުވަން ނާއިކު އޮތީ ނިކަން ބޭނުންވެފައެވެ. ފާޚާނާގެ ތެރޭގައި އިން އައިޝާގެ ލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. ކޮންމެ ވެސް ކަމެއް ނާއިކު ސިއްރު ކުރާކަން އައިޝާއަށް ޝައްކު ކުރެވުނެވެ. ޝައްކު ކުރަން ބޭނުން ނުވިޔަސް، އެކަން ކުރަން އޭނާގެ ޟަމީރު ގެންދިޔައީ މަޖުބޫރު ކުރުވަމުންނެވެ. ދާއިންގެ ވާހަކަ އާއި ރާގު ބަދަލުވެގެން ދިޔަ ގޮތުން އެކަމުގައި އޮޅުވައިލުމެއް، ނުވަތަ ދޮގުތަކެއް އެކުވެފައިވާކަން އައިޝާއަށް އިޙްސާސް ވިއެވެ. އައިޝާއަށް ސިފަވެގެން ދިޔައީ ދާއިން ހެދި ތެދު، ނާއިކު ސަލާމަތް ކުރަން ދޮގަށް ބަދަލު ކުރި ތަނެވެ. ނަމަވެސް އެކަމާ ވެސް ކުރިމަތިލައި، އިތުރަށް އެކަން ބޮޑުވަރު ކުރަން އައިޝާ ނޭދެއެވެ. ދެން ވީ ކަމެއް ކިތަންމެ ވަރެއް ކުރިޔަސް، ނުވާނެ ކަމަކަށް ނުހެދޭނެތީއެވެ.

އައިޝާ ފާޚާނާއިން ނުކުތުމާ އެކު، ނާއިކު އެތައް ވާހަކައެއް އައިޝާއަށް ކިޔައި ދިނެވެ. އެކި ކަހަލަ ހާދިސާތަކެވެ. ހަމަ އެންމެ ކަމެއް ފޮރުވުމަށެވެ. ދާއިން ފައުޅު ކުރި ތެދު، ފޮރުވައި، ފަސްއަޅާށެވެ. ނާއިކުގެ ވާހަކަތައް ޤަބޫލުކޮށް، އެކަން އޮޅުން ފިލައިފި ކަމަށް އައިޝާ ބުނީ، އައިޝާ އެ މައުލޫއަށް އިތުރު ތަފުސީލު ތަކެއް ނާއިކުގެ ފަރާތުން އަޑު އަހަން ބޭނުން ނުވާތީއެވެ. އައިޝާ ހަމައަކަށް އެޅުނީ ކަމަށް ބަލައި، ނާއިކަށް އަރާމް ނިދި ލިބުނު އިރު، އައިޝާ މުޅި ރޭ ހޭދަ ކުރީ، ހިމޭން ކަމާއި އެކު ރުއިމާއި ވިސްނުމުގައެވެ.

ފަތިސް ވާން ކައިރި ވާން ވެފައި ހުއްޓައި، ކުއްލިއަކަށް ނާއިކުގެ ފޯނު ރިންގުވާން ފެށިއެވެ. އައިޝާގެ ހުޅުވިފައިވާ ދެލޯ މަރައި، ނިދާކަމު ހަދައިގެން އައިޝާ އޮތެވެ. ނާއިކު އެނދުން ތެދުވެ، ފޯނު ނެގީ އައިޝާއަށް ބަލައިލުމަށްފަހުގައެވެ. އައިޝާ ނިދާފައި އޮތް ކަމަށް ނާއިކަށް ޤަބޫލު ކުރެވުނީމައެވެ. ނަމަވެސް އެއީ ނާއިކަށް ކުރެވުނު ކުށް ހީއެވެ.

""މަލާކު. ހާދަ އެހެން ކަހަލަ ގަޑިއެއްގަ؟" ނާއިކު ވާހަކަދެއްކީ ވަރަށް ސިއްރުންނެވެ. ނަމަވެސް އެ ވާހަކަތައް ދިޔައީ އައިޝާގެ ކަންފަތުގެ ހިނދުރިން ޖާގަ ހޯދަމުންނެވެ.

"އާނ އެކޭ! އަހަރެން ވެސް ވަރަށް މިސްވޭ! އާނ. ލޯބި ވެސް ވޭ.." ނާއިކުގެ ދުލުން ބޭރުވި ޖުމުލައާ އެކު އައިޝާގެ މެރިފައިވާ ދެލޮލުގެ ތެރެއިން ކަރުނަތައް ފޫއަޅުވައިލުމަށްފަހު، ފައިބައިގަތެވެ. (ނުނިމޭ)