ނާކާމިޔާބެއް ލިބުމަކީ ތިމާޔާ ތިމާގެ ޖަމާއަތް ހަލާކުގެ ތެރެއަށް އެއްލައިލަންވީ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މާނަ ފުން ޓްވީޓެއް ކުރައްވައިފި އެވެ.
އިމްރާންގެ ތަފާތު ޓްވީޓެއް މި އައީ ބައެއް ވަޒީރުން މަގާމުން ދުރުކޮށް ކެބިނެޓް ބަދަލު ކުރައްވަން ރައީސް ސޯލިހް މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތެއްގަ އެވެ. ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ބައެއް ދާއިރާތަކުން ބޮޑު ނާކާމިޔާބީއެއް ލިބިފައި ވަނިކޮށް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ ސަރުކާރަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާ އިންތިހާބުން އެކަން ސާފުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބެއް ލިބުމަކީ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާ، އަނެކުން ނިކަމެތިކޮށް ހައްގުތަކުން މަހުރޫމް ކުރަންވީ ސަބަބެއް ނޫން ކަމަށެވެ.
"... އަދި ނާކާމިޔާބެއް ލިބުމަކީ ހާސްވެ، ގޮތް ހުއްވެ، މާޔޫސްވެ ތިމާޔާ ތިމާގެ ޖަމާއަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަބަބެއް ވެސް ނޫން،" ވަކި ބަޔަކަށް އިޝާރާތް ނުކުރައްވާ އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ ރަސްމީކޮށް ސިޓީއަކުން އެކަން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވަނީ އަންގަވާފަ އެވެ. އެ ސިޓީގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ބައެއް ވަޒީރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ކަމަށާ އެކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީއަށް ނިސްތްވާ ދެ ވަޒީރުންނަކީ އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.