އެސްޓީއޯ

ފުރަތަމަ ތިން މަހު އެސްޓީއޯގެ ފައިދާ 109 މިލިއަން

May 1, 2021

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެސްޓީއޯ -- ސަރުކާރު ފިހާރަ -- އަށް ސާފު ފައިދާގެ ގޮތުގައި 109 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖެއަށް ބޭހާއި ތެޔޮ އަދި ކާޑު އެތެރެ ކުރާ ރައްޔިތުންނާއި ސަރުކާރު ހިއްސާވާ އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި 109 މިލިއަން ރުފިޔާ ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެންނެވެ.

އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރާއްޖެ އަށް ތެޔޮ އެތެރެކޮށްގެންނެވެ. ތެޔޮ އެތެރެކޮށްގެން 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ތެޔޮ ނޫން އެހެން ވިޔަފާރި ތަކުން 706 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ކުއާޓަރުގައި އެ ކުންފުނިން ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ބީޕީޓީގެ ގޮތުގައި 129 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބިފައިވަނީ 153 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއަކަށް ޖެހިފައިވަނީ 96ރ. އެވެ.

އެސްޓީއޯގައި މިހާރު ޖުމްލަ 2,032 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި ހިމެނެނީ 1,292 ފިރިހެން މުވައްޒަފުންނާއި 740 އަންހެން މުވައްޒަފުންނެވެ. އަދި މި ކުންފުނީގައި 386 ބިދޭސީން ވެސް މަސައްކަތް ކުރަމުން ގެންދެ އެވެ.