ރާއްޖެ މިވަގުތު މި އޮތް އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާ ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ގެކޮޅަށް ބަދަލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެވެ. ރައީސް ޔާމީން ގެއަށް ބަދަލުކުރީ މާފުށީގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ އެވެ.
ރައީސް ޔާމީން ކޮށްދެއްވި ބައެއް ކަންކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެމަނުކިފާނު ގެކޮޅުގައި ހުންނަވާ މި ވަގުތުގައި ގައުމު މިހާރު މިއޮތް ނާޒުރު ހާލަތުން އަރައިގަތުމަށް ސަރުކާރުން އެމަނިކުފާނުގެ ލަފާފުޅު ހޯދާނެ ކަމަމުގެ އުންމީދު ކުރައްވާ ކަމަށެވެ.
ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީންގެ ވެރިކަމުގެ ރާއްޖެ ގެނައި މަހާޖައްރާފުން އެމްޓީސީސީ އަށް 175 މިލިއަން އާމްދަނީއެއް ލިބުނުކަމާއި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކޮށްގެން ސަރުކާރަށް 100 މިލިއަން ޑޮލަރު ފައިދާއެއް ލިބުނު ހަބަރުތައް ވަނީ ހިއްސާ ކުރައްވާފަ އެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެޅި ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލް އެސެޓަކަށް ބޭނުންކޮށްގެން، ބޭރަށް ވިއްކި ސުކޫކުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސަރުކާރުން ވަނީ ހޯދައިފަ އެވެ. ސަރުކާރުން 100 މިލިއަން ޑޮލަރު ހޯދާފައިވަނީ މިދިޔަ އަހަރު ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރި ވެގެން އިޝޫކުރި 200 މިލިއަން ޑޮލަރުގެ ސުކޫކުންނެވެ. މި ސްކޫކް އިޝޫކުރީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް މުދަލެއްގެ ގޮތުގައި ރަހުނުކޮށްފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން، އެމްޓީސީސީ އިން ގެނައި ކޮންނަ ބޯޓް، މަހާޖައްރާފު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. މަހާޖައްރާފު ގެނައުމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ފަޑުކީ ނަމަވެސް މި ސަރުކާރަށް އޭގެ ބޭނުންކޮށްގެން ބޮޑު ފައިދާއެއްް ލިބުނު ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.