ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހުޅުމީދޫން ހަތް މީހަކު ޕޮޒިޓިވްވެ އަނެއްކާ ނުރައްކަލަށް

ހުޅުމީދޫން ހަތް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ދެވަނަ ފަހަރަށް ރަށް ބަންދުކުރުމާ ގުޅިގެން ރަށުތެރޭގައި ކޮވިޑް ފެތުރިފައި އޮތް ކަމުގެ ނުރައްކާ އެބައޮތް ކަމަށް ހުޅުމީދޫ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމީދޫން މިހާރު ފެނިގެން އުޅޭ ކޮވިޑް ކޭސްތައް ފާހަގަކުރެވިފައިވަނީ އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ "ނިއުލައިން" ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިންތަކަކާއި، ބޯޓުގެ ކެޕްޓަންގެ އިތުރުން ބޯޓުގެ ވެރިފަރާތް ކޮވިޑް 19 އަށް ޓެސްޓްކޮށް ނަތީޖާ ޕޮޒިޓިވް ކަމަށް ދެއްކި ހިސާބުންނެވެ.

އެކަމަކު އެ މީހުންނާ ގުޅުމެއް ނެތް މީހަކު ކޮވިޑްގެ އަލާމާތްތައް ފެނިގެން އެރަށުގައި ހުންނަ ފުލޫ ކްލިނިކަން ދެއްކުމުން ނަގާފައިވާ ސާމްޕަލެއް ވެސް މިހާރު ވަނީ ޕޮޒިޓިވް ވެފަ އެވެ. މި މީހާއާ އެކު ހުޅުމީދޫގައި ކޮވިޑް ޖެހިފައިވާ ހަތް މީހަކު މިހާރު އެބަތިއްބެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ހުޅުމީދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިބްރާހީމް ދީދީ ވިދާޅުވީ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވް މީހާއާ ނިއުލައިން ބޯޓުގެ މީހުންނާ ގުޅުމެއް ނެތުމުން ރަށު ތެރޭގައި ކޮވިޑް އުޅޭ ކަމަށް ބެލެވިދާނެ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

"ބޯޓުގެ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަންވެސް މި އެނގުނީ އެމީހުން ރަށުގައި އުޅޭތާ ހަތަރު ވަރަކަށް ދުވަސް ފަހުން. އެހެންވީމާ އެމީހުންނާ ކޮންޓެކްޓްވެފައިވެސް ރަށުގައި ބަޔަކު ތިބޭނެތީ ރަށު ތެރޭގައި ކޮވިޑް އުޅޭ ކަމަށް ބަލައިގެން އިރުޝާދުތައް ދެމުން މިދަނީ،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ނިއުލައިން ބޯޓުގައި މަސައްކަތް ކުރާ މީހުންނާ މިދިޔަ ދުވަސްތަކުގައި ބައްދަލުވި މީހުންނާއި އެމީހުންގެ އާއިލީ މީހުންގެ ކޮވިޑް ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް މިހާރު ވަނީ ނަގާފަ އެވެ. އަދި އެމީހުންގެ ނަތީޖާތައް މިރޭގެ ވަގުތެއްގައި ލިބޭނެ އެވެ.

ހުޅުމީދޫ އަކީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ކޮވިޑް ކޭސްތަކެއް ފެނިގެން ބަންދުކުރި ރަށެކެވެ. އެ ފިޔަވަޅުތައް އުވާލީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

ހުޅުމީދޫ ހިމެނޭ ގޮތަށް ކޮވިޑްގެ ނުރައްކާ އޮތް 23 ރަށަކަށް އަރާ ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އަތޮޅުތަކުގައި ކޮވިޑްގެ 1577 އެކްޓިވް ކޭސް އުޅޭކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.