ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯޝިއޭޝަން (ޕާޓާ)ގެ އެގްޒެކެޓިވް ބޯޑަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އިންތިހާބުކޮށްފި އެވެ.
ވޯޓުލުން ކުރިއަށް ގެންދިޔަ ވަކި ދުވަހެއް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެއީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސިއްރު ވޯޓެއް ކަމުގައި ބުނެފައިވެ އެވެ.
ޕާޓާއަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާއި ގައުމުތަކުގެ ކަމާ ގުޅޭ ޓޫރިޒަމް އިދާރާތައް ބައިވެރިވާ އޭޝިއާ ޕެސިފިކްގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
ޕާޓާގެ ބޯޑުގައި މިނިސްޓަރު މައުސޫމް އިންނަވާނީ މިދިޔަ މަހުގެ 29 އިން ފެށިގެން ދެ އަހަރުގެ މުއްދަތަކަށެވެ.
ކޮވިޑް 19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޕާޓާ އިން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖެ އިން ވެސް ގެންދަނީ އެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
ޕާޓާ އުފައްދާފައިވަނީ 1951 ވަނަ އަހަރު އެވެ. މިވަގުތު އެ ޖަމިއްޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ހުންނެވި ޑރ. މާރިއޯ ހާޑީގެ ދައުރު ހަމަވުމުން އެ ޖަމިއްޔާގެ ފުރަތަމަ އަންހެން ސީއީއޯގެ މަގާމަށް ލިޒް އޯޓިގިއުރާ އައްޔަންކުރަން ވެސް އެ ޖަމިއްޔާ އިން މިހާރު ވަނީ ނިންމާފަ އެވެ.