މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރާ ޖިންސީ ގޯނާ އާއި ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން ރޭ ބޭއްވި އިހުތިޖާޖުގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރި މައްސަލަ ބަލަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަމުރުކުރައްވައިފި އެވެ.
ރޭ ކުރި އިހުތިޖާޖުގައި އަންހެނަކު ހައްޔަރުކުރަން ފުލުހުން އުޅުނު މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން ރޭ ބުނީ އިހުތިޖާޖުގައި ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
ހަމީދު މިއަދު ވިދާޅުވީ އެކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެ ކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ވަނީ އެ އަމަލްތައް ހިންގި ފުލުހުންގެ މައްސަލަ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.
ރަސްފަންނު ކައިރީގައި ރޭ ފެށި މި އިހުތިޖާޖު ފުލުހުން ރޫޅާލައިފައި ވަނީ ފަސް މީހުންނަށް ވުރެ ގިނަ އިން ތަންތަނަށް އެއްވެ ނޫޅެވޭނެ ކަމަށް ބުނެ އެވެ. އިހުތިޖާޖު ރޫޅައިލާން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ.