ހަބަރު

ބްރިޓިޝް އެއާވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް

ބްރިޓިޝް އެއާވޭސް އިން އިންގިރޭސި ވިލާތުން ރާއްޖެއަށް ސީދާ ދަތުރުތަށް ފަށައިފި އެވެ.

އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތަށް މީގެ ކުރިން ކުރަނީ ލަންކާގެ ކޮލޮމްބޯ މަގުންނެވެ. ނަމަވެސް މިހާރު ލަންޑަން ގެޓްވިކް އެއާޕޯޓް އިން ސީދާ ރާއްޖޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ދަތުރުކުރަން ވަނީ ފަށައިފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) ގެ އޮފިޝަލެއް "އަވަސް" އަށް ވިދާޅުވީ ބްރިޓިޝް އެއާލައިންސް އިން އަހަރު ފަހުކޮޅާ ދިމާކޮށް ރާއްޖެއަށް ސީދާ ދަތުރުތަށް ފަށާފައިވާ ކަމަށާއި އަދި ހަފްތާއަކު ތިން ފަލައިޓު ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ހޯމަ ބުރާސްފަތި އަދި ހޮނިިހިރު ދުވަހު ބްރިޓިޝް އެއާލައިންސްގެ ފްލައިޓުތަށް ދަތުރުކުރާނެ ކަމަށެވެ.

"މިއީ އެމީހުންގެ ފިނި މޫސުމާ ދިމާކޮށް ފެށި ކަމެއް، ލަންޑަން އިން ބްރިޓިޝް އެއާލައިންސް އިން ސީދާ ދަތުރުތަށް ރާއްޖެއަށް ފަށައިފާ ވަނީ މިދިޔަ މަހު ފަހުކޮޅުގައި. ކުރިން ލަނކާ ރޫޓުން ދަތުރުކުރާ ވަރަށް ވުރެއް ބޮޑުތަރުހީބެއް މިފަހަރު ލިބޭ،" އޭނާ ވިދާޅުވި އެވެ.

އިންގިރޭސިވިލާތުން ރާއްޖެއަށް ފުރަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހެނދުނު 9:40 ގައި އަދި ރާއްޖެއިން އިނގިރޭސިވިލާތަށް ދާން ފުރާނީ ހެނދުނު 11:35 ގައެވެ.