ހުޅުމާލެ، ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ބިދޭސީ ނަރުހަކު ޖިންސީ ގޯނާ ކުރި މައްސަލަ ހުށައެޅުމުގެ ކުރީން އޭނާ ރާއްޖެއިން ފުރުވާލި މައްސަލާގައި ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅީ ތުހުމަތުވާ ނަރުސް މީހާ ފުރުވާލުމަށް ފަހު ކަމަށްވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެން ދެވި އެ މައްސަލަ ފައިލް ކުރުމާއި ގުޅިގެންނެވެ. މި މައްސަލަ ފުލުހަށް ހުށައެޅީ ޓްރީޓޮޕް ހޮސްޕިޓަލުން ނަމަވެސް މައްސަލަ ހުށައެޅީ ތުހުމަތުވާ ފިރިހެން ނަރުސް މީހާ ރާއްޖެއިން ފުރި ފަހުންނެވެ.
އެކަމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ޝަމީމް ވިދާޅުވީ މައްސަލަ ފައިލު ކުރިނަމަވެސް މިކަން ހިނގައިދިޔަ ގޮތް ބަލާ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ފޮނުވުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
މިއީ މިދިޔަ ޖަނަވަރީގައި ފުލުހަށް ހުށައެޅި މައްސަލަ އެކެވެ. ފުލުހުން ބުނީ މައްސަލަ ކުރިއަށް ނުގެންދެވި ފައިލް ކުރަން ޖެހުނީ ތުހުމަތުވާ މީހާ ރާއްޖޭގައި ނެތުމާއި އޭނާ ގެނެވޭނެ ގޮތެެއްވެސް ނެތުމުން ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން ދެން އެމީހާއަށް ރާއްޖެ ނާދެވޭހެން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.