އެމްޓީސީސީ

ފްލެޓް އެއްބަސްވުމުގެ މައްސަލަ ނުބެލޭނެ ކަމަށް ހުކުމްކޮށްފި

May 2, 2021

ހުޅުމާލޭގައި ފްލެޓް އެޅުމަށް ސިންގަޕޫރުގެ އާރްއައި އިންޖިނިއަރިން ކުންފުންޏާ އެކު އެމްޓީސީސީން ހަދާފައި އޮތް އެއްބަސްވުން އުވާލި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ހުކުމްކޮށްފި އެވެ.

އާރްއައި އިންޖިނިއަރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމާ މިދިޔަ ބުރާސްފަތި ދުވަހު މިމައްސަލާގައި ހުކުމް ކުރީ ގާޒީ އަލީ ނަސީރު އެވެ.

ހުކުމްގައި ބުނެފައިވަނީ އެއްބަސްވުން އޮތް ގޮތުން އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށާއި މައްސަލަ ހައްލުކުރަން ޖެހޭނީ ސިންގަޕޫރުގެ އާބިޓްރޭޝަން ހުށަހަޅައިގެން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރި ބިމުގައި ފްލެޓް އަޅަން އެކުންފުނިން އާރްއައި އިންޖިނިއަރިންއާ ހަވާލުކުރީ ޑިސެމްބަރު، 2017 ގައެވެ.

އެ މަޝްރޫއުގައި 400 ފްލެޓް ހިމެނޭ ގޮތަށް 15 ބްރީގެ ދެ ޓަވަރު އަޅަން އެމްޓީސީސީން ވަނީ ނިންމާފަ އެވެ. މިމަޝްރޫއަށް 390 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ.

މަސައްކަތް ފެށުމަށްފަހު ސިންގަޕޫރުގެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން އެމްޓީސީސީން އުވާލީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެކަމަކު އެއްބަސްވުން އުވާލި ވަކި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކަށް ފްލެޓް އަޅަން ބިން ހަމަޖައްސައިދީފައިވެ އެވެ. އަދި ބައެއް ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފަ އެވެ.