ދުންޔާ މައުމޫން

ކުއްލި ނުރައްކަލުގެ ހާލަތު އަވަހަށް ނަގާނެ ކަމަށް އުންމީދުކުރެވޭ: ދުންޔާ

ކުއްލި ނުރައްކަލުގެ ހާލަތު ވަރަށް އަވަހަށް އުވާލެވި އާންމުން ހާލަތަށް ބަދަލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ "ދަ ހިނދޫ" އަށް އީމެއިލްގެ ޒަރިއްޔާ އިން ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ދިމާވެދާނެ ނުރައްކަލަކަށް ދުރާލައި ތައްޔާރުވެ ރައްކާތެރިވުމަށްޓަކައި ކަމަށާއި އަދި އެހާލަތު ނަގައި އާމު ހާލަތަށް ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިއީ ދިމާވެދާނެ ނުރައްކަލަކަށް ކުރިޔާލާ ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅެއް. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ވީހާވެސް އަވަހަށް އުވާލައި އާންމު ހާލަތަށް ގައުމު ބަދަލު ވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" ދުންޔާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ތަހުގީގަށް އެއްވެސް ހުރަހެއް ނޭޅި އަވަހަށް ތަހުގީގުތަށް ގެންދިޔުމުގެ ފުރުސަތު ގައުމުގެ ސަލާމަތީ ބާރުތަކަށް ލިބިގެންދާނެ ކަމަށެވެ.

އައިއެސް ފަދަ ގުރޫޕު ތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގޮންޖެހުން ކުރިމަތިވާތޯ އެނޫހުން ސުވާލު އެހުމުން ދުންޔާ ވިދާޅުވީ ހައްދުފަހަނައަޅާފައިވާ މަދު އަދަދެއްގެ މީހުން ެހެން ގައުމުތަކުގައިވެސް އުޅޭފަދައިން އުޅޭކަމަށާއި ނަމަވެސް ސަރުކާރުން އެކަމަކަށް އެއްވެސް ތާއީދެއް ނުކުރާކަމަށާއި އެފަރާތްތަށް ހުއްޓުވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.