ރައީސް އޮފީސް

ދައުލަތުން ބަދަލު ހޯދަން 50 އަށް ވުރެ ގިނަ ދައުވާ

ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރުމާ ގުޅިގެން ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް 50 އަށް ވުރެ ގިނަ ދައުވާ ކޯޓުތަކުގައި ހިނގަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޒު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ދައުލަތާ ދެކޮޅަށް 50 އަށް ވުރެ ގިނަ ދައުވާ ކޯޓުތަކުގައި ހިނގަމުންދާ ކަމަށެވެ. އެކަމަކު ދައުވާތަކުގައި ބަދަލުގެ ގޮތުގައި ނަގައިދޭން އެދިފައިވާ ޖުމްލަ އަދަދު އަދި ސާފުވެފައި ނުވާ ކަމަށެވެ.

އަހްމަދު ވިދާޅުވީ މިސަރުކާރުން ވަރަށް ގިނަ ބަޔަކަށް ގެއްލުމުގެ ބަދަލު ދީފައިވާ ކަމަށް ބުނެ މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަނީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެކަމަކު ތިން ކުންފުންޏަކަށް ބަދަލު ދީފައިވާ ކަން ޔަގީންކޮށްދެއްވި އެވެ. އެކަމަކު ބަދަލުގެ ގޮތުގައި އެ ކުންފުނިތަކަށް ދީފައިވާ އަދަދުތަކުގެ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ދައުލަތުން ބައެއް ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް އެއްވެސް ސަބަބަކާ ނުލައި ބާތިލްކޮށް، ދައުލަތުން ބައެއް ފަރާތްތަކަށް ގެއްލުން ދީފައިވާ ކަމަށް އަހްމަދު ވިދާޅުވި އެވެ. އަދި ނިމިދިޔަ ސަރުކާރުގައި އެފަދަ ނިންމުންތައް ވަރަށް ގިނައިން ނިންމާފައި ހުރި ކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ އިންސާފު ހޯދައިިދިނުމަށް ކަން ފާހަގަކުރައްވާ އަހްމަދު ވިދާޅުވީ އިންސާފު ހޯދުމަކީ ހަމައެކަނި ކޯޓުގައި ކުރާ ކަމެއް ނޫން ކަމަށެވެ. ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދެނީ ބަންޑާރަނައިބްގެ ލަފާގެ މަތިން އުފައްދަވާފައިވާ ހާއްސަ ކޮމިޓީއެއްގައި މައްސަލަ ބަލައި ދިރާސާކުރުމަށްފަހު އެވެ. ކޮމިޓީ އުފެއްދީ ޖެނުއަރީ 27، 2019 ގައެވެ. ކޮމިޓީ އުފެއްދީ ބަދަލު ދޭން ޖެހޭ ފަރާތްތަކާއި ދައުލަތުން ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި ދައުލަތަށް ވެސް އެންމެ ފައިދާވާނެ ގޮތަށް ބަދަލުގެ ކަންކަން ހަމަޖައްސަން ކަމުގައި ވިދާޅުވި އެވެ. އޭރުން ބަދަލުގެ ގޮތުގައި ނަގައިދޭ އަދަދު ކުޑަވެ، އިންސާފު ލިބުން އަވަސްވާ ކަމަށްވެސް ވިދާޅުވި އެވެ. 

ކޯޓު ތަކަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ދައުލަތުން ބައެއް ފަރާތްތަކަށް ބަދަލު ދޭތީ އަމާޒުވާ ފާޑު ކިޔުންތަކަށް ވެސް އަހްމަދު ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ކުރިން ވެސް އަދި މީހަކަށް އިންސާފު ލިބެންޖެހޭ ކަން ސާފުކޮށް ފެންނަން އޮތް މައްސަލައެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން މަޑުކުރުމަކީ އޭރުވެސް އަދި މިހާރުވެސް މި ސަރުކާރުން ގަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ނުގެންދަން މަޖިލީހުގެ ބައެއް ކޮމިޓީތަކުން ފާސްކޮށްފައިވާ ކަމަށާއި އެއީ ސަރުކާރަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ވިދާޅުވި އެވެ.

"ކޯޓަށް ފުރަަތަމަ މީހަކު ދާން ވެސް ޖެހޭނީ ދެ ފަރާތް ދެބަސްވާ މައްސަލަތަކުގައި. ކަނޑައެޅިގެން ރައްޔިތުންނަށް ގެއްލުން ދީފައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކޮށްފައި ހުންނަ ކަމެއް ކަމަށް ވަންޏާ އަޅުގަނޑުމެން އެމީހެއްގެ ގާތުގައި ކޯޓަށް ދާށޭ ބުނުމަކީ އެއީ އަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން އެމީހާ އަށް ވެސް އަދި ދައުލަތަށްވެސް،" އަހްމަދު ވިދާޅުވި އެވެ.

ދައުލަތުގައި ފައިސާ ހުރި ވަރަކުން ދައުލަތުން ދޭންޖެހޭ ބަދަލުތައް ދެމުންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އެކަން ކުރަންޖެހެނީ ދައުލަތެއް ވީމާ ދައުލަތަކުން އިންސާފު ގާއިމުކުރަން ޖެހޭތީ ކަމުގައި ވިދާޅުވި އެވެ. ބަދަލު ދިނުމުގައި ސަރުކާރުން އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށާއި ކަމާ ގުޅޭ ލިޔުންތައް ބަލަން ބޭނުންވާ ނޫސްވެރިންނަށް އެ ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. 

ކޯޓަށް ފުރަަތަމަ މީހަކު ދާން ވެސް ޖެހޭނީ ދެ ފަރާތް ދެބަސްވާ މައްސަލަތަކުގައި. ކަނޑައެޅިގެން ރައްޔިތުންނަށް ގެއްލުން ދީފައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކޮށްފައި ހުންނަ ކަމެއް ކަމަށް ވަންޏާ އަޅުގަނޑުމެން އެމީހެއްގެ ގާތުގައި ކޯޓަށް ދާށޭ ބުނުމަކީ އެއީ އަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން އެމީހާ އަށް ވެސް އަދި ދައުލަތަށްވެސް
އަހްމަދު އަބްދުﷲ އަފީފް | ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް

މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ އެ ކޮލެޖަށް ދިނުމަށް ދައުލަތުން ވަނީ ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި އެއްބަސްވެފަ އެވެ. ކޯޓުން ބޭރުގައި ހައްލުކުރި އެ މައްސަލައާއި ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން މިރޭ ސުވާލު ކުރުމުން ވެސް އަހްމަދު އަބްދުﷲ އަފީފް ވަނީ އެ މައްސަލާގައި ވާހަކަ ދައްކަވަން އުޒުރުވެރިވެވަޑައިގެންފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ މަންދު ކޮލެޖުގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔަ އިރު އެ ކޮލެޖުގެ ގާނޫނީ ޓީމުގައި އޭނާ ހިމެނިވަޑައިގަތުމުން އެ މައްސަލާގައި އޭނާ އެއްޗެއް ވިދާޅުުވާން އުޒުރުވެރިވާ ކަމަށެވެ. އަދި ވިދާޅުވީ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ހަމަޖައްސާފައިވާ ކޮމިޓީގައި އޭނާ އިންނެވި ނަމަވެސް މަންދު ކޮލެޖާ ގުޅުންހުރި އެފަދަ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

"ދައުލަތުން އެއްވެސް މީހަކަށް ގެއްލުމެއް ދީފައި އޮތް ނަމަ އިންސާފު ހޯދައިދޭން ޖެހޭ. އެއީ ޗޮއިސް އޮތް ކަމެއް ނޫން. އަދުލުވެރި ވެރިކަމެއް ކުރަން ބޭނުންވާނަަމަ އެއީ ކުރަންޖެހޭނެ ކަމެއް. ވަކި ފަރާތަކަށް އަމާޒުކޮށްގެނެއް ނޫން ބަދަލު ދެނީ. ދައުލަތުން އަނިޔާއެއް ލިބިފައި އޮތިއްޔާ ގެއްލުމެއް ކުރމަތިކޮށްފިއްޔާ ދައުލަތުން ބަދަލު ދޭންޖެހޭ،" ވަކި ފަރާތްތަކަކަށް ބަދަލުދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވަމުން އަހްމަދު ވިދާޅުވި އެވެ.