ރައީސް އޮފީސް

ކުލި ދައްކަން ވަކި ބަޔަކަށް ހާއްސަ ގޮތެއް ނުހަދަން: ސަރުކާރު

ކޮވިޑް 19 އާއި ގުޅިގެން ދިމާވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ވަކި ރިސޯޓެއް ތަފާތު ނުކޮށް، 50 އަށް ވުރެ ގިނަ ރިސޯޓަކުން ބަހާލައިގެން ކުލި ދައްކަން ލުއިތަކެއް ދީފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އެވެ.

ތަރުޖަމާން އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ހިއްސާވާ ތްރީއޭ ކޮމްޕެނީގެ ދަށުން ހިންގާ ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ އޮއްވާ ގާނޫނާ ހިލާފަށް އެ ކުންފުނީގެ ރިސޯޓްތަކުން ފައިސާ ދައްކަން އިތުރު މުއްދަތެއް ދީފައިވާ ކަމަށް ބުނެ ނޫހަކުން ކުރި ރިޕޯޓަކާ ގުޅިގެން ހަގީގަތް ހާމަކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ތްރީއޭ ކުންފުނީގެ ރިސޯޓްތަކުން ކުލި ދެއްކުމުގައި ދީފައިވާ ލުއިތަކުގެ މައުލޫމާތު ސާފުކޮށްދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޑްގެ ކުރިން ކުއްޔާއި ޖޫރިމަނާ ނުދައްކާ އޮތް ހަ ރިސޯޓެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ރިސޯޓްތަކުން ދައުލަތަށް ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ލުއި ދިނީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ކައުންސިލްގެ ލަފާގެ މަތިން ކަމަށެވެ.

"ކުލި ނުދައްކާ ގޮތަކަށް ނޫން ނިންމީ. އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ ޕޭމަންޓް ރީސްޓްރަކްޗާ ކޮށްދީ ޕޭމަންޓް ރީޝެޑިއުލް ކޮށްދޭން،" މަބްރޫކް ވިދާޅުވި އެވެ.

ކުލި ދެއްކުމުގައި ހަ ރިސޯޓަކަށް ލުއި ދީފައި ވަނިކޮށް ކޮވިޑް 19ގެ އިގްތިސާދީ ދަތިކަން ކުރިމަތިވުމުން އިތުރު 50 އަށް ވުރެ ގިނަ ރިސޯޓަށް ވެސް ކުލި ދެއްކުމުގައި އުދަގޫތަކެއް ކުރިމަތިވެ ސަރުކާރަށް އެކަން އެންގި ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ލުއި ދީފައިވާނީ ހުރިހާ ރިސޯޓަކަށް ވެސް އެއް ހަމައަކުން ކަމަށާއި ވަކި ރިސޯޓަކަށް ވަކި ގޮތެއް ހަދައިދީފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިރަށްތަކާ ދޭތެރޭގައި ސަރުކާރުން އަމަލުކުރަމުން މި އަންނަ ގޮތަކީ މިހާރު، މިއަހަރުގެ ތެރޭގައި ޖޫރިމަނާ ނުވަތަ މިގޮތަށް އަރާފައި ހުރި ކުލި ނުދެއްކުމުގެ ސަބަބުން އެ ރިސޯޓެއް ބަންދުކޮށް އެތަންތަނުގެ ވަޒީފާތައް ގެއްލޭ ހިސާބަށް ދިޔަ ނުދީ އެ ރިސޯޓަށް އޮޕަރޭޓް ކުރާނެ ޖާގަ ދީގެން މި އިކޮނޮމިކް ސްޓްރެސް ތެރޭގައި މިއޮތް ޕީރިއެޑް ތެރޭގައި ކުރިއަށް ދާން ޖާގަ ދިނުން،" ސަރުކާރުން ލުއި ދިނުމުގައި ބަލާފައިވާ ސަބަބުތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ތްރީއޭ ކުންފުނީގެ ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ތަފާތު ކުރުން ގެންގުޅެފައި ނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ކުންފުނީގެ ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ދައްކަން އެއް އަހަރުގެ މުއްދަތެއް ދިނީ 2019 އަހަރުގެ ތެރޭގަ އެވެ. އެ ލުއި ދިން އިރު ޝަރުތުކޮށްފައި އޮތީ ލުއިދޭ މުއްދަތުގެ ފަހަތުން އަންނަ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކުލިތައް ދައްކާ ހަލާސް ކުރުމަށެވެ. އޭރު ލުއި ދިން އުސޫލާ އެއްގޮތަށް ކުލިތައް ދައްކާފައެއް ނުވެ އެވެ.