ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަހަންނަށް ބިރުދައްކާ ބަޔަކު އެބައުޅޭ: ސީރަމް އިންސްޓިޓިއުޓް ސީއީއޯ

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ، އާދަރު ޕޫނަވައްލާ އިނގިރޭސިވިލާތު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އަށް ބިރުދައްކާ ބަޔަކު އެބައުޅޭ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ޕޫނަވައްލާ ވިދާޅުވީ ނުފޫޒުގަދަ ބޭފުޅުން، ބާރުގަދަ މީހުން ގުޅާފައި ވެކްސިން ނުލިބިގެން ބިރުދައްކާ ކަމަށާއި މަސައްކަތްކުރައްވަނީ ތަފާތުކުރެއްވުމެއް ނެތި ވެކްސިން ސަޕްލައިކުރެއްވުމަށް ކަމަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. އޮކްފޯޑް، އެސްޓްރަޒެނެކާ އުފެއްދި ކޮވިޑް ވެކްސިން، ކޮވިޝީލް އެންމެ ގިނައިން އުފައްދަނީ ވެސް ސީރަމް އިންސްޓިޓިއުޓުންނެވެ. މި އިންސްޓިޓިއުޓް ހުންނަނީ އިންޑިއާގެ ޕޫނޭގަ އެވެ.

އާދަރު ޕޫނަވައްލާ މިވަގުތު ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. އިނގިރޭސިވިލާތުގައި ވެކްސިން އުފައްދަން މަސައްކަތްކުރައްވާ ކަމަށް ވެސް އޭނާ އިޝާރާތްކުރެއްވި އެވެ.

އިންޑިއާގައި ވެކްސިން އަގުބޮޑުވުމާއި ލިބުން ދަތިވުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އަދި ސްޓޭޓްތަކުން ވަނީ ވެކްސިންދިނުން މެދުކަނޑާލާފަ އެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ގޯސްވެ އެހީއަށް ވަނީ އެދިފަ އެވެ. އަދި ބޭރު ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.