މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކެމިސްޓްރީ ޕޭޕަރުވެސް ލީކް ކޮށްލައިފި

އޭ ލެވެލްގެ ކެމިސްޓްރީ ޔުނިޓް ދެވަނަ ކަރުދާސް ވެސް ލީކުވެއްޖެ އެވެ.

ކެމިސްޓްރީ ޔުނިޓް ދެވަނަ ޕޭޕަރު ލީކް ކޮށްލާފައި މިވަނީ ރާއްޖޭގައި މިއަދު މެންދުރުފަހު 1:30 ގައި އެ ޕޭޕަރުގެ އިމްތިހާން ބޭއްވުމަށް ތާވަލްކޮށްފައި ވަނިކޮށެވެ.

އޭލެވަލް އިމްތިހާނުގެ މިއަދުގެ ޕޭޕަރު ލީކް ކޮށްލާފައިވާތީ ގިނަ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ ޕްރިންސިޕަލުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ މައްސަލައާއި ގުޅިގެން ޑިޕާޓްމަންޓް އޮޕް ޕަބްލިކް އެގްޒަމިނޭޝަނާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ޕޭޕަރުތައް ލީކްވާ މައްސަލާގައި ކަމާއިބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ތަކެއް ކުރަމުންދާ ކަމަށާއި އެހެންވެ މިވަގުތު ވަކި އެއްޗެއް އެކަމުގައި ބުނަން ދަތި ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ އޭލަވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވަމުންދާ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވި ނަމަވެސް އެޑެކްސެލް އިން ވަކި ގޮތަކަށް އަމަލު ކުރަން އަންގަންދެން ތާވަލު ކުރެވިފައިވާ ގޮތަށް އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.

އޭލެވަލް އިމްތިހާންގެ ޕޭޕަރުތައް ލީކް ވަމުންދާ މައްސަލާގައި އަވަސްއާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ މިހާރު ދަރިވަރުން ހަދަމުން އެދަނީ އިމްތިހާނެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ޕޭޕަރުތައް ލީކްވާ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީން މާބޮޑަށް ކަންބޮޑުވެގެން އެ މައްސަލަ ބަލަން އުޅޭ މަންޒަރު ނުފެންނަ ކަމަށެވެ.

އޭލެވަލް އިމްތިހާންގެ ޕޭޕަރުތައް ލީކް ވަމުންދާތީ ބައެއް ބެލެނިވެރިން ބައިވެރިވާ ގޮތަށް މިއަދު ވެލާނާގެ ކުރިމަތީގައި ހަމަހިމޭން މުޒާހަރާއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.