މި އަހަރަކީ ނޫސްވެރިކަމަށް އިންގިލާބި ބަދަލެއް އައި އަހަރެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ޝަހުބާން މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ނެރުނު ހިތޯބެއްގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ 'ޕްރެސް ފްރީޑަމް އިންޑެކްސް' ގައި މި އަހަރު ދިވެހިރާއްޖެއިން ވަނީ އިތުރު ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72 ވަނައަށް އަރާފަ އެވެ.
ޝަހުބާނު ވިދާޅުވީ އެއީ ދެކުނު އޭޝިއާ ސަރަހައްދުން ފާހަގަ ކޮށްލެވޭނެ ކާމިޔާބެއް ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގައި، ދިވެހިރާއްޖެއިން އެއް އަހަރަށް ވުރެ އަނެއް އަހަރު ކުރިއެރުން ހޯދިކަން ޝަހުބާން ވަނީ ފާހަގަކުރައްވާފަ އެވެ.
ޔުނެސްކޯއިން މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "މައުލޫމާތު ރައްޔިތުންގެ ހައްގެއްގެ ގޮތުގައި" އެވެ.
ޝަހުބާން ވިދާޅުވީ އެ ޝިއާރުން ފޮރުވުމެއްނެތި ހާމަކަމާއެކު މައުލޫމާތު ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއްކަން ދޭހަ ކޮށްދޭ ކަމަށެވެ. އަދި މައުލޫމާތަކީ އެއްވެސް ފަރާތެއް ބާކީ ކުރުމެއްނެތި މުޅި މުޖުތަމައުގެވެސް މިލްކެއްގެ ގޮތުގައި ދެކިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން ދޭހަވާ ކަމަށެވެ.
"ނޫސްވެރިންގެ ހަޔާތުގެ ދަތުރަކީ ނިކަން އަޑިގުޑަން ބޮޑު އަދި އެހާމެ އުނދަގޫ މަގެއްގައި ކުރެވޭ ދަތުރެއް. ކުރިމަތިލާންޖެހޭ ކޮންމެ ކަމަކުން، އެތައް ބަޔަކަށް އެތައް ފިލާވަޅުތަކެއް ލިބިގެންދޭ. މިހެންކަމުން ހުރިހާ ނޫސްވެރިންވެސް ކަންކަމުން އިބުރަތް ހާސިލުކޮށް ކުރިއަށް ދިމާވެދާނެ ކޮންމެ ކަމަކަށް ލޯ ހުޅުވައިގެން ތިބުމަކީ ނުހަނު ބޭނުންތެރިކަމެއް،" ޝަހުބާން ވިދާޅުވެފައިވެ އެވެ.
ޝަހުބާން އިތުރަށް ވިދާޅުވީ ނޫސްވަރިންނަކީ ރައްޔިތުންނާއި މުއައްސަސާތަކާއި ގުޅުވައިދޭ މުހިއްމު ފާލަމެއް ކަމަށެވެ. އަދި އެމަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވަ އެވެ.