އެކި އެކި މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތްކުރަން ޖެހޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މަދަނީ އިޖުރާތުގެ ބިލް ނުނިމި ލަސްވަނީ ސަރުކާރުގެ ސަބަބުން ކަމަށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ބުނެފި އެވެ.
ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލަތައް އެންމެ އިންސާފުވެރި ގޮތަކަށް ކުރެވޭނީ ކަމާ ގުޅޭ ގާނޫނުތައް މަޖިލީހުން ފާސްކޮށްދީގެން ކަމަށެވެ. އަދި އެކަމާ ގުޅޭ މަދަނީ އިޖުރާތުގެ ބިލް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން މަޖިލީހަށް ފޮނުވި ކަމަށާއި ނަމަވެސް މިހާތަނަށްވެސް ބިލް ނުނިމި އޮތުމަކީ އިންސާފަށް އޮތް ހުރަހެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ އަފީފްގެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
އިމްތިޔާޒް ވިދާޅުވީ އެ ބިލް މިދިޔަ އަހަރު ފެބްރުއަރީ މަހު ފޮނުވާފައި އޮތް ނަމަވެސް ބިލް ދިރާސާކުރަމުން ދަނިކޮށް ފޮނުވި ބިލަކީ ރަނގަޅު ވާޝަނެެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނި ކަމަށެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ޖުލައި މަހު ބިލް ފޮނުވުއިރު ފޮނުވީ ފުރަތަމަ ބާބާއި ދެވަނަ ބާބު ކަމަށާއި އޭގެ ފަހުން ބިލަށް ހިޔާލު ފާޅުކުރަން ހުޅުވާލާ އޮކްޓޫބަރު މަހާ ހަމައަށްވެސް ޖުމްލަ ބިލް ނުފޮނުވާ ކަމަށެވެ.
ބިލް އަލުން ފުރިހަމަކޮށް ހުރިހާ ބާބުތަކެއް ހިމެނޭ ގޮތަށް ބިލް މަޖިލީހަށް ލިބުނު ކަމަށް އިމްތިޔާޒް ވިދާޅުވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ.
"އަހަރެއްހާ ދުވަސް ވޭސްޓް [ބޭކާރު[ ވެގެން މިދިޔައީ އަސްލު ބިލް މަޖިލީހަށް ނުފޮނުވުމުގެ ސަބަބުން. މިކަން މިގޮތަށް އޮވެފަ ރައީސް އޮފީހުގެ ކައުންސިލް ޖެނެރަލް މިގޮތަށް ކަންބޮޑުވުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން ބަލައެއް ނުގަންނަން އެ ވާހަކަތައް. މިގޮތަށް ބައިބަޔަށް ވަކި ވަކި ޗެޕްޓާތަކަށް ބިލް ފޮނުވީމަަވެސް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ދިރާސާކުރަން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ. މިއީ ބިލްތައް ފޮނުވަން ޖެހޭނެ ގޮތްކަމަށް ގަބޫލެއް ނުކުރެވޭ" އޭނާ ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ ފުރިހަމަ ބިލް ލިބުނު ތާރީހާ އަޅާބަލާއިރު ބިލްގެ މަސައްކަތްތައް ކުރެވެމުންދާ ސްޕީޑް ލަސްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ހާއްސަ އަހައްމިޔަތު ކަމެއް ދީގެން އެ ބިލް ދިރާސާކުރަން ވަކި ހާއްސަ ދުވަސްތަކެއް ކަނޑައަޅައި ވޯކް ޝޮޕްއެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންގޮސް ބިލް ނިންމަން މިހާރު އަމާޒު ހިފައިފައިވާ ކަމަށެވެ.