(30 އޭޕްރިލް 2021 އާ ގުޅޭ)
"އާނ! ދެން ބާއްވަމާ ފޯނު. އެހެން ނޫނީ އާޝާ އަށް ހޭލެވި ދާނެ." ނާއިކު ވައި އަޑަކުން އެހެން ބުނެ، ފޯނު ކަނޑައިލިއެވެ. އަދި އެހާމެ ސިއްރުން ނާއިކު ބަލައިލީ މެރިފައިވާ އައިޝާގެ ދެލޮލަށެވެ. އައިޝާގެ ކޯތާފަތްމަތި ކަރުނައިގެ ތިކި ތަކުން ތެމިފައިވާ ކަން ނާއިކަށް އަޅައެއް ނުގަތެވެ. މާނޭވާއެއް ދޫކޮށްލަމުން ނާއިކު ނިދަން އޮށޯވެލިއެވެ.
މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. އައިޝާގެ ފަރާތުން ފެންނަނީ މަޑުމޮޅިކަމެެވެ. އައިޝާއަށް އައި ބަދަލަށް ޝައްކު ވެގެން ދެތިން ފަހަރަކު ނަފީސާ ވެސް އެ ސުވާލު އައިޝާއަށް ކުރިމަތި ކޮށްފިއެވެ. ނަމަވެސް ކުޑަކޮށް ބަލީ ކަމަށް ބުނެ ފަރު ޖައްސައިލެވޭތޯ އައިޝާ މަަސައްކަތް ކުރިއެވެ. ނަމަވެސް އެވަރުން ވެސް ނަފީސާގެ އަނގަ ބަންދެއް އައިޝާއަކަށް ނުކޮށްލެވުނެވެ.
"އެހެންވިއްޔާ ހިނގާ ހޮސްޕިޓަލަށް! ބަލިކޮށް އުޅެންޏާ، އެކަން އާދައިގެ ކަމަކަށް ހަދައިގެން ހުންނަން ނުވާނޭ." ނަފީީސާ ހިފައިލީ އައިޝާގެ އަތުގައެވެ.
"ނޫނޭ މަންމާ. އެ އޯކޭ ވާނޭ.. ނާއިކު އޮފީހުން އަންނަ އިރު ރަނގަޅު ނުވިއްޔާ، ދެން ދާނީ ޑޮކްޓަރަށް ދައްކަން.." ނަފީސާގެ ކޮނޑުގައި ހިފައިލަމުން، އައިޝާ އޭނާ ހަމައަކަށް އެޅުވިއެވެ.
***
ނިތްކުރީގައި އަތް ބާއްވައިލައިގެން އޮތް ޖަންނަތުގެ ސިކުނޑި ގެނބެމުން ދިޔައީ ފުން ކޯރެއްގެ ތެރެއަށެވެ. ޖަންނަތަށް ދިމާވެފައިވާ މަޖުބޫރީ ޙާލަތާ މެދު އޭނާ ގެންދިޔައީ ވަރަށް ވިސްނަައި، ކަންބޮޑު ވަމުންނެވެ. ލަބީބާ އެކު އުފަލުގައި އުޅެވޭނީ ކިހާ ދުވަހަކު ބާއޭ ޖަންނަތުގެ ހިތް އަބަދު ވެސް އޭނާއާ ސުވާލު ކުރެއެވެ. ބަނޑުގައިވާ ޒަހީންގެ ދަރިފުޅުގެ ޙަޤީޤަތް މުޅި ދުނިޔެއަށް ވަންހަނާ ކޮށްގެން އުޅެވޭނީ ކިތައް ދުވަހަށް ބާއޭ ޖަންނަތު ހިތް އޭނާއަށް ސުވާލު އުފައްދަމުން ދިޔައެވެ. މިއިން ކޮންމެ ސުވާލަކަށް ދޭނެ ޖަވާބެއް ޖަންނަތުގެ އަތުގައި ނެތެވެ. ޖަންނަތު ވަނީ ވިސްނާ ވިސްނާ ބޯ ގޮވަން ގާތްވެފައެވެ. ކޮންމެ ގޮތެއް ވިޔަސް، ދެކޮޅުން ވެސް ޖަންނަތަށް އޮތީ ނުރައްކަލެވެ.
"ޖަނާ! ހާދަ ބޮޑު ވިސްނުމެއްގަ." ލަބީބުގެ އަޑަށް ޖަންނަތު ދިޔައީ ސިއްސައިގެންނެވެ. އެމަންޒަރު ލަބީބަށް ވެސް ފެނުނެވެ.
"ލަ.. ބީ.. ބު" ޖަންނަތުގެ ދުލުން ބަސްތައް ނުކުމެގެން ދިޔައީ ވަކިވަކި ވަމުންނެވެ. ޖަންނަތަށް ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ.
"ބަލަ! ޖަނާ، ކިހިނެއްތަ ވީ؟ ހާދަ ހާސްވެފަ؟" ލަބީބު އަވަހަށް ގޮސް އިށީނދެލީ، ޖަންނަތާ ޖެހިގެންނެވެ.
"ހާދަ ބިރުން ތީނީ؟ ބުނެބަލަ!" ލަބީބު ކުރުނުކޮށް ސުވާލު ކުރަމުން ދިޔަ އިރު، ޖަންނަތުގެ ފަރާތުން ފެންނަމުން ދިޔައީ ހިމޭން ކަމެވެ.
"ނޭނގެ. ދެންމެ ހީވީ.. ކޮންމެ ވެސް ކަމެއް ވާން އުޅުނުހެން. ނޭނގެ ބުނަން.." ޖަންނަތު ބަލައިލީ ލަބީބަށެވެ. ޖަންނަތުގެ މޫނުމަތިން ކަމެއް ފޮރުވަން އުޅޭކަން ލަބީބަށް ދިޔައީ ރޭކައިލަމުންނެވެ.
"އަހަންނަށް އެބަ އެނގޭ ޖަނާ ކަމެއް ސިއްރު ކުރާކަށް. އަހަރެން ގާތު ބުނެބަލަ!" ލަބީބު ހިފައިލީ ޖަންނަތުގެ އަތުގައެވެ.
"އަހަރެން.." ޖަންނަތަަށް ހުއްޓުން އެރުނެވެ. ލަބީބު އިތުރަށް ހާސްވިއެވެ.
"ބުނެބަލަ! ޖަނާއަށް ކޮންމެ ވާހަކައެއް ވެސް އަހަރެން ގާތު ދެއްކޭނޭ. އަހަރެން ރުޅިއެއް ނާންނާނަމޭ." ޖަންނަތާ އިތުރަށް ގާތްވެލަމުން ލަބީބު ބުނެލިއެވެ.
"އަހަރެން، ދެރަ ވަނީ އަހަރެންނަށް ލަބީބާ މެދު ކަންތައް ކުރެވުނު ގޮތުން. އަހަރެންނަށް މާފު ކުރޭ! އަހަރެން ކަހަލަ މީހަކަށް ލަބީބު ކަހަލަ ރަނގަޅު ފިރިއެއް ޑިޒާރވެއް ނޫން." ޖަންނަތު އެހެން ބުނެލީ މުޅި މަންޒަރު ބަދަލުކޮށްލުމަށެވެ. ލަބީބު ލުއި ހިނތުންވުމަކާ އެކު ޖަންނަތުގެ ކޯތާފަތުގައި ފިރުމައިލިއެވެ.
"ހެހެ. ތި ކަހަލަ ވާހަކަ ނުދައްކާ! އަހަރެން އަބަދުވެސް އުފާވަމޭ ޖަނާއާ އެކު އުޅެވޭތީ. އަހަރެން މި ހުންނަނީ ވަރަށް އުފާވެފަ. ޖަންނަތަށް ތިއައި ހެޔޮ ބަދަލުން." ޖަންނަތަށް ކަޅި ޖަހައި ނުލައި ބަލަމުން، ލަބީބު ވާހަކަދައްކަމުން ދިޔައެވެ. ގަދަކަމުން ހިނިތުންވެލުމަށްފަހު، ޖަންނަތު އޭނާގެ ބޯ ކޮއްޕައިލީ ލަބީބުގެ މޭގެ ތެރެއަށެވެ.
***
"ކޮބާ ނާއިކު؟ އަދިވެސް ނާދޭތަ؟" ނަފީސާ ސުވާލުކޮށްލީ އައިޝާއަށް ބަލައިލަމުންނެވެ.
"އާނ! ކިހިނެއްވީ؟" އައިޝާގެ ގާތުގައި ދުންޔާ ވެސް އިނެވެ.
"ލަސްކަމުން. މިހާރަކަށް އައިސް ނާއިކު ގެއަށް އަންނަލެއް ހާދަ ލަހޭ! މަންމައަށް ވިސްނޭ މިހާރު އެކަމާ." ނަފީސާ އެހެން ބުނުމުން، އައިޝާ ބަލައިލީ ނަފީސާއާ ދިމާލަށެވެ.
"ނޫން މަންމާ! ވިސްނާނެ ކަމެއްނެތް. އެއީ ނާއިކު ބިޒީ ވީމަ. ސަރުކާރުގެ މަތީ މަޤާމެއްގަ އުޅޭއިރު އެހެން ވެސް ވާނެއޭ." އައިޝާ ހަމަޖެހޭ ކަން ދައްކައިލިއެވެ.
***
ނާއިކުގެ މޭމަތީގައި މަލާކުގެ އިނގިލިތައް ދުއްވަމުން ދިޔައެވެ. އެދެމީހުން ވެސް ތިބީ މަލާކުގެ ރަޙުމަތްތެރިއެއްގެ ގޭގައެވެ.
"މިގޭގަ އަހަރެމެންނަށް ކޮންމެ އިރަކު ވެސް ތިބެވޭނެ. ވަރަށް ދުވަސް ފަހުން އަހަރެންގެ އެކުވެރިޔާ އަންނާނީ. ނާއިކު ވާނެ ތިހެން އުޅެމުން މިގެއަށް އައިސްލަން." ނާއިކުގެ ލޮލަށް މަލާކު ބަލައިލިއެވެ.
"އާނ! އޯކޭ. ނޯންނާނެ މައްސަލައެއް. އެކަމު، އަހަރެންނަަށް މަލް ނުގުޅާތި! އަހަރެން ފުރީވީމަ މަލްއަށް ގުޅާނަން." ނާއިކު އެހެން ބުނެ، މަލާކު ގައިގައި ނިކަން ބާރަށް އޮޅުލައިގަތެވެ.
ރޭގަނޑު 8 ޖަހަން ވެފައި ވަނިކޮށް ނާއިކު ގެއަށް އައިސް ވަނެވެ.
"އާޝާ. ދޫނީ." ސިޓިންގރޫމްގައި އިން ދުންޔާގެ ކޮލުގައި ހިފައިލުމަށްފަހު، ނާއިކު ބަލައިލީ ސޯފާގައި އިން އައިޝާއަށެވެ. އައިޝާގެ މޫނުމަތިން ފެންނަމުން ދިޔަ ގިލަންވެރިކަން ނާއިކަށް ސިއްރެއް ނުވިއެވެ.
"އާޝާ!" ކުއްލިއަކަށް ހުރެފައި، ނާއިކަށް ބަލައިލެވުނީ އައިޝާއަށެވެ. ނާއިކު ގޮސް އައިޝާގެ ގާތުގައި އިށީންނުމާ އެކު، އައިޝާ ސޯފާއިން ތެދުވީ ހިތްހަމަ ނުޖެހިގެންނެވެ. އަދި ހަރުކޮށް ހިނގާފައި އައިޝާ ގޮސް ވަނީ ކޮޓަރިއަށެވެ. އައިޝާގެ ފަހަތުން ނާއިކު ވެސް ކޮޓަރިއަށް ވަންނަން ހިނގައިގަތީ އަވަސްކޮށެވެ.
"ބަލަ އާޝާ. މިހާރު ކީއްތަވީ؟" ދޮރު ލެއްޕުމަށްފަހު، ނާއިކު ސުވާލުކޮށްލިއެވެ.
"ނާއިކަށް އުޅެވޭ ގޮތް ނޭނގޭ ދޯ؟ ހިތު ހުރި ގޮތަކަށް އުޅޭ އިރު.." އައިޝާ ފުރަތަމަ ފަހަރަށް ނާއިކުގެ ކުރިމަތީގައި ރުޅިވެރި ރާގެއްގައި ޖަވާބު ދިނެވެ. ނާއިިކަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
"އޭނ؟ ތިބުނީ!" ނާއިކު ދެލޯ ބޮޑުވެގެން ދިޔައެވެ.
"ނޭނގިގެން ތަ ތި އަހަނީ؟" އައިޝާ ދޫނުދީ ރައްދު ދިނެވެ.
"ބަލަ އައިޝާ! ތީ ކުރިން އަހަންނާ ތި ގޮތަށް ވާހަކަދައްކާ މީހެއް ވެސް ނޫނޭ." ނާއިކު ހިފައިލީ އައިޝާގެ އަތުގައެެވެ.
"އެއީ ކުރިންނޭ. މިހާރު.." އައިޝާ އެހެން ބުނެލިއަށް އޭނާގެ ދެލޯ ފެންކަޅިވިއެވެ. (ނުނިމޭ)