ވިޔަފާރި

ކޯސްޓް ކެލްސިއަމްގެ ވިޔަފާރި ވަރަށް ބޮޑުތަން އިތުރުވެއްޖެ: ބީއެޗްއެމް

Jan 14, 2015

ކޯސްޓް ކެލްސިއަމް ހިކި ކިރު ވިކޭ އަދަދު ވަރަށް ބޮޑުތަން އިތުރު ވެފައިވާ ކަމަށް ބީއެޗްއެމް ޓްރޭޑާސްއިން މިއަދު ބުނެފި އެވެ.

ބީއެޗްއެމް ޓްރޭޑާސްގެ އޮފިޝަލަކު ވިދާޅުވީ އެހެން ފިހާރަތަކުން ކޯސްޓް ގެނެސްގެން ވިއްކި ނަމަވެސް ކޯސްޓް ކެލްސިއަމް ވިއްކަނީ ހަމަ އެކަނި އެ ކުންފުނިން ކަމަށެވެ. އެހެންކަމުން ކޯސްޓް ކެލްސިއަމް ހިކިކިރު ވިކޭ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.

"ކޯސްޓުގެ އެންމެ ގިިނައިން ވިކޭ އެއް ބާވަތަކީ ކެލްސިއަމް. މިހާރު ގާތްގަނޑަކަށް 10 ޕަސެންޓްވަރު ވިޔަފާރި އިތުރުވެފައިވަނީ. ވަރަށް ބޮޑުތަން މިހާރު ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ފިހާރަތަކުން ކޯސްޓް ކިރުގެ ޕެކެޓުގައި ބަންދުކޮށްގެން ވިއްކި ނަމަވެސް ބީއެޗްއެމްގެ ވިޔަފާރިއަށް ހީނަރުކަން ނާންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވިޔަފާރިއަށް އެއްވެސް ބަދަލެއް ނާދެ. އަޅުގަނޑުމެން މި ދޫކުރަނީ ހޯލްސޭލްކޮށް. އެހެންވެ ވިޔަފާރިއަށް އެއްވެސް ބަދަލެއް ނާދެ. އަޅުގަނޑުމެން ވިއްކާ ރޭޓުގައި ދޫކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ބީއެޗްއެމް ޓްރޭޑާސްއަކީ ރާއްޖޭގައި ޒަމާނުން ފެށިގެން ކޯސްޓް ހިކި ކިރު ވިއްކުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޯސްޓް ކިރުގެ އަގަށް ވަނީ ބަދަލު ގެނެސްފަ އެވެ. މިފަހަރު ކޯސްޓުގެ އަގަށް ގެނައި ބަދަލާއެކު ކޯސްޓް ކިރު ކޭހަކުން 50ރ. އާއި 75ރ. ވަރު ވަނީ ހެޔޮވެފަ އެވެ.