އާދަމް ޝަރީފު އުމަރު

ޕޭޕަރު ލީކުވި މައްސަލާގައި މިނިސްޓްރީއަށް ތުހުމަތުތަކެއް

އެޑެކްސަލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކް ކޮށްލީ ރާއްޖެއިން ނޫން ކަމަށް ބުނާ ބުނުމުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅު ވެއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ އީމެއިލް މެދުވެރިކޮށް ރާއްޖޭގެ ބައެއް ސެންޓަރުތަކަށް ޓެސްޓް ޕޭޕަރުތައް ފޮނުވާއިރު ލީކްވީ ރާއްޖެއިން ނޫން ކަމަށް އެޑިޔކޭޝަން މިނިސްޓްރީން ބުނާ ބަހުގެ ބުރަދަނެއް ނެތް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ކިޔަވާ ކުދިންގެ މުސްތަގުބަލަށް ވުރެ ބޮޑަށް އެޑެކްސެލް އަށް ފައިދާ ހޯދައިދޭން، އިމްތިހާނުތައް ކުރިޔަށް ގެންދާތީ ކަންބޮޑުވާ ކަމަށެވެ. އިމްތިހާނުތައް ކެންސަލް ނުކޮށް ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ ބޮޑު އިހްމާލެއް ކަމަސް ވެސް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓް

އޭލެވަލް އިމްތިހާނުގެ ދެ ޕޭޕަރެއް މީގެ ކުރިން ލީކްކޮށްލާފައިވާ އިރު މިއަދު ބޭއްވި ކެމިސްޓްރީ ޔުނިޓް ދެވަނަ ޕޭޕަރު ވެސް ލީކް ކޮށްލާފައިވެ އެވެ.

އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވެފައިވަނިކޮށް އިމްތިހާނު ކުރިއަށް ގެންދާތީ ގިނަ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ ޕްރިންސިޕަލުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީ ހިންގާ ވެލާނާގެ ކުރިމަތީގައި ބެލެނިވެރިންތަކެއް މިއަދު އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

ޕޭޕަރުތައް ލީކްވާ މައްސަލައާއި ގުޅިގެން ޑިޕާޓްމަންޓް އޮޕް ޕަބްލިކް އެގްޒަމިނޭޝަނާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ޕޭޕަރުތައް ލީކްވާ މައްސަލާގައި ކަމާ ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ތަކެއް ކުރަމުންދާތީ މިވަގުތު ވަކި އެއްޗެއް އެކަމުގައި ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ އޭލަވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވަމުންދާ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވި ނަމަވެސް އެޑެކްސެލް އިން ވަކި ގޮތަކަށް އަންގަންދެން ތާވަލު ކުރެވިފައިވާ ގޮތަށް އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.